07 Feb 2013, 10:41
ޕީއެޗްޑީ އަށް ކިޔެވުމުގެ ފުރުސަތާ އެކު، އޮސްޓްރޭލިއަން އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑެވެލޮޕްމަންޓް (އޮޒެއިޑް)ގެ ހިލޭ އެހީގެ ދަށުން ތިން ދާއިރާއަކުން މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރާއްޖޭގެ ސަރުކާރާއި ސަރުކާރު ނޫން ތަންތަނާއި އަމިއްލަ ފަރުދުންންނާއި އެކިއެކި މުއައްސަސާތައް ތަރައްގީކޮށް ހަރުދަނާ ކުރުމުގެ މަގުސަދުގައި އޮސްޓްރޭލިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެ އަށް ކޮންމެ އަހަރަކު ވެސް ވަކި ދާއިރާތަކަކުން މަތީތައުލީމު ހާސިލްކުރުމުގެ ފުރުސަތުތައް ދެމުން ގެންދަވަ އެވެ.
އެގޮތުން 2014 ވަނަ އަހަރު އޮޒެއިޑްގެ ދަށުން ކިޔެވުމުގެ ފުރުސަތު ތިން ދާއިރާއަކުން ހުޅުވާލާފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ، އެޑިޔުކޭޝަން، އެންވަޔަރަންމަންޓް، އަދި ގަވަނެންސް އެންޑް ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އެވެ. ނަމަވެސް ޖުމްލަ ދެނީ ކިތައް ފުރުސަތު ކަމެއް އަދި ނޭނގެ އެވެ.
ޝަރުތު ފުރިހަމަވާ އަދި ޝައުގުވެރިކަން ހުރި ފަރާތްތަކަށް ފުރަތަމަ ޑިގްރީ، މާސްޓާޒް އަދި ޕީއެޗްޑީ ލެވެލަށް ކިޔެވުމަށް ހުށަހެޅުމުގެ ފުރުސަތު މިހިނގާ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވަނީ އާންމުކޮށް ހުޅުވާލައިފަ އެވެ.
ސަންއޮންލައިނަށް މައުލޫމާތު ދެއްވަމުން އޮޒެއިޑްގެ ފަރާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ސްކޮލާޝިޕް ކޯޑިނޭޓާ ޑރ. އިބްރާހީމް ހަސަން (ޗަބީ) ވިދާޅުވީ ޕީއެޗްޑީ އަށް ކިޔެވުމުގެ ފުރުސަތާ އެކު މިފަހަރު މިވަނީ ކިޔަވާ ދާއިރާތައް ވެސް ކޮންމެވެސް ވަރަކަށް ބަދަލު ވެފައިވާ ކަމަށެވެ.
"ރާއްޖެ އިން އެންމެ ފަހުން ފުރައިގެން ދިޔަ ކުދިންނަކަށް ޕީއެޗްޑިގެ ފުރުސަތެއް ނުލިބޭ. އެހެން ނަމަވެސް 2014 ވަނަ އަހަރަށް، އޮޒެއިޑުން ދިވެހިރާއްޖެ އަށް ޕީއެޗްޑިގެ ފުރުސަތު އެބަ ދެއްވާ. އެގޮތުން ބެޗެލާޒް، މާސްޓާޒް އަދި ޕީއެޗްޑީ، ތިން ލެވެލަށް ސްކޮލާޝިޕް އެބޭފުޅުން އެބަ ދެއްވާ،" ޗަބީ ވިދާޅުވި އެވެ.
އަދި އޭނާ އިތުރަށް ވިދާޅުވީ "ކުރީގައި އަބަދުވެސް ފުރުސަތު އެބަ ދެއްވާ ހެލްތުގެ ދާއިރާ އިން. އެކަމަކު މިފަހަރު ހެލްތުގެ ދާއިރާއަކުން ފުރުސަތެއް ނެތް. އޭގެ ބަދަލުގައި މިއޮތީ ގަވަނެންސް އެންޑް ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ" ކަމަށެވެ.
ކޯހުގައި ބަވެރިވުމުގެ ފުރުސަތަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އަންނަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހަށް ހަމަވާއިރު ކޯހަށް އެދި ހުށަހަޅާ ފަރާތްތަކަކީ، 18 އަހަރު މަތީގެ ދިވެހި ރައްޔިތަކަށްވުމާއި ކިޔަވައި ނިންމުމަށް ފަހު ރާއްޖޭގައި ހިދުމަތްކުރާނޭ މީހަކަށް ވުން އެފަރާތުން ޝަރުތުކޮށްފައިވެ އެވެ. އަދި ފުރުސަތަށް އެދި ހުށަހަޅަން ޖެހޭނީ، ރާއްޖެއިން ކަމަށާއި އެޕްލައި ކުރާއިރު ނުވަތަ ސިލެކްޝަން މުއްދަތުގެ ތެރޭގައި ވެސް އޮސްޓްރޭލިޔާ ނުވަތަ ނިއުޒިލެންޑުގެ ރައްވެއްސަކާއި ކައިވެނި ކޮށްގެން އުޅޭ މީހަކަށް ވެގެން ނުވާނެ ކަމަށް ޝަރުތު ކޮށްފައިވެ އެވެ.
އޮޒެއިޑްގެ ދަށުން ރާއްޖެ އަށް ކަނޑައަޅާފައިވާ މަތީތައުލީމަށް ކިޔެވުމުގެ ފުރުސަތުތަކަކީ މުޅިންހިލޭ ލިބިދޭ ފުރުސަތުތަކެކެވެ. އަދި އޮޒެއިޑްގައި ކިޔަވަންދާ ފަރާތްތަކަށް ކޯސްފީގެ އިތުރުން، ވިސާގެ ކަންތަކާއި، ކެއިންބުއިމާއި ހުރުމާއި ހެލްތު އިންޝުއަރެންސާއި އަދިވެސް އާންމު ދިރިއުޅުމުގެ ބޭނުންތަކަށް ހަރަދުކުރުމަށް އެލަވަންސެއް ވެސް ކަނޑައަޅާފައި އެވެ.