ޤާހިރާ (ފެބްރުއަރީ 7): މިސްރުގައި މިހާރު ކުރިޔަށްދާ އިސްލާމީ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި އޮގަނައިޒޭޝަން އޮފް ދި އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގައި ހިމެނޭ އިސްލާމީ 57 ގައުމުގެ ތެރޭން 27 ގައުމެއްގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ އިރު މިސަމިޓްގެ އެޖެންޑާގެ އެންމެ ކުރީގައި ވަނީ ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ހުއްޓުވުމުގެ މައްސަލަ ކަމަށް ސަމިޓްގެ ސެކްރެޓޭރިއަޓުން ބުނެފި އެވެ.

ސަމިޓްގެ ސެކްރެޓޭރިއަޓުން ބުނީ ސަމިޓްގެ އެޖެންޑާގެ އެންމެ ކުރީގައި ވަނީ ސޫރިޔާގެ މައްސަލަ ކަމަށާއި ނަމަވެސް ފަލަސްތީނުގެ މައްސަލައާއި މާލީގެ މައްސަލައަށާއި އިސްލާމީ ގައުމުތަކުގެ ތަރައްޤީ އާއި އިޤްތިސާދީ މައްސަލަތަކަށް ވެސް ސަމިޓުން ބޮޑު ސަމާލުކަމެއް ދޭނެ ކަމުގަ އެވެ.

ސަމިޓްގެ ސެކްރެޓޭރިއަޓް އާ ޙަވާލާދީ އަލްޖަޒީރާ ޚަބަރު ދޭގޮތުގައި ސަމިޓްގައި އިއްޔެ ވާހަކަ ދެއްކެވި އިސްލާމީ ލީޑަރުންނާއި ވަފްދުތަކުގެ އިސްވެރިން ވަނީ ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ސޫރިޔާގެ މައްސަލަ އަށް ސުލްހަވެރި ޙައްލެއް ގެނައުމަށް ގޮވާލައްވާފަ އެވެ. އޯއައިސީގެ ރައީސެއްގެ ގޮތުގައި ހުންނެވި ސެނެގޯލްގެ ރައީސް މާކި ސާލް އިއްޔެވަނީ ސަމިޓްގެ ރިޔާސަތު މިސްރުގެ ރައީސް މުޙައްމަދު މުރުސީ އާ ޙަވާލުކުރައްވާފަ އެވެ. އޯއައިސީގެ ރައީސެއްގެ ގޮތުގައި ހުންނަވާނީ ސމިޓްގެ ރިޔާސަތު ބަލަހައްޓަވާ ވެރިއެކެވެ. ރިޔާސަތު ބަލަހައްޓަވާނީ ސަމިޓް ބާއްވާ ގައުމެއްގެ އެންމެ އިސްވެރިއެކެވެ.

ޤާހިރާގައި ކުރިޔަށްދާ އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓްގެ އަރިމަތީގައި މިސްރު، ތުރުކީ އަދި އީރާނުގެ ރައީސުންވަނީސޫރިޔާއާ ބެހޭ ގޮތުން މަޝްވަރާތަކެއް ކުރައްވާފަ އެވެ. މިސްރުގެ ރައީސް މުޙައްމަދު މުރުސީ އާއި ތުރުކީގެ ރައީސް ޢަބްދުﷲ ގުލްއާއި އީރާނުގެ ރައީސް މަހްމޫދު އަޙްމަދީ ނެޖާދު ބައްދަލުކުރައްވައި މަޝްވަރާކުރެއްވީ ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ހުއްޓުވޭނެ ގޮތްތަކާބެހޭ ގޮތުން ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢަލީ އަކްބަރު ސާލިޙީ ވިދާޅުވި އެވެ. މިމަޝްވަރާތަކުގައި ސޫރިޔާގެ މައްސަލަ ސުލްޙަވެރިކަމާ އެކު ޙައްލުކުރުމަށް ތާއީދުކުރައްވައި ތިން ބޭފުޅުން ވެސް ވާހަކަ ދައްކަވާފައިވާ ކަމަށާއި ސުލްޙަވެރިގޮތުގައި ސޫރިޔާ ސަރުކާރާއި އިދިކޮޅު އިއްތިޙާދު ވާހަކަ ދައްކައިގެން މެނުވީ ސޫރިޔާގެ ދާޚިލީ ހަނގުރާމަ ނުހުއްޓުވޭނެ ކަމަށް ތިން ލީޑަރުން ވެސް ދެކެވަޑައިގަންނަވާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.

ޤާހިރާގެ އިސްލާމި ސަމިޓުން ނެރުމަށް ހަމަޖެހިފައިވާ ގުޅިފައިވާ ބަޔާނުގައި ވެސް ސުލްޙަވެރިގޮތުގައި ސޫރިޔާގެ މައްސަލަ ޙައްލުކުރުމަށް ޓަކައި ސޫރިޔާ ސަރުކާރާއި އިދިކޮޅު ފަރާތްތައް ސުލްހައިގެ މޭޒުދޮށަށް އައުމަށް ގޮވާލާނެ ކަމަށް ސިމިޓްގެ ސެކެރެޓޭރިއަޓާ ޙަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. ޤާހިރާގައި މިހަފްތާގެ ކުރީކޮޅު ބައްދަލުކުރައްވައި އިސްލާމީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ވަނީ އިސްލާމީ ސަމިޓުން ނެރުމަށް ހަމަޖެހިފައިވާ ގުޅިފައިވާ ބަޔާނުގެ ދެލިކޮޕީ ތައްޔާރުކުރައްވާފަ އެވެ. މި ދެލި ކޮޕީ ފާސްކުރުމަށް މިއަދުގެ ވަގުތެއްގައި ސަމިޓަށް ހުށަހެޅޭނެ ކަމަށް ޚަބަރު ލިބެ އެވެ. އިއްޔެ ފެށުނު ސަމިޓް މިރޭގެ ވަގުތެއްގައި ނިމޭނެ ކަމަށް ޚަބަރު ލިބެ އެވެ.
(އަލްޢާލަމް)