މިދިޔަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މާޗް މަހުގެ ފުރަތަމަ ދުވަހު ބާއްވާން އުޅުނު ޖަލްސާ ބޭއްވިޔަ ނުދިނުމަށް މަޖިލީހުގެ ބައެއް މެންބަރުން ހިންގި ހަމަނުޖެހުންތަކުގައި މަޖިލީހުގެ ތަކެއްޗަށް ވަނީ ގެއްލުންތަކެއް ދީފައެވެ. އަދި މަޖިލީސް ހުޅުވުމަށް ބޭއްވި ދެވަނަ ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރިޔާސީ ބަޔާން އިއްވައިފައި ވަނީ މަޖިލީހުގެ ބައެއް މެންބަރުން އެމަނިކުފާނާ ދެކޮޅަށް އަޑުއުފުލުމުގެ ތެރޭގައި މަޖިލީހުގެ ތަކެއްޗަށް ގެއްލުން ދެމުން ދަނިކޮށެވެ. ނަމަވެސް މިއިން އެއްވެސް މައްސަލައެއް މިއަދާ ހަމައަށް ވެސް ތަހުގީގު ކުރެވިފައެއް ނުވެއެވެ.

ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެފައި ވަނީ އެ މައްސަލަތައް ތަހުގީގު ކުރުމަށް ސިޔާސީ ފަރާތަކުން ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައި އޮތަސް އެ މައްސަލަ ނުބެލޭނެ ކަމަށާއި އެފަދަ މައްސަލަތައް ބެލޭނީ ރައްޔިތުންގެ މަޖިލީހުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ކަމަށެވެ.

މަޖިލީހުގެ ސުލޫކު ކޮމެޓީން މިދިޔަ އަހަރުގެ ތެރޭގައި ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ފާސްކޮށްފައެވެ. ނަމަވެސް ކޮންމެވެސް ބަހަނާތަކެއް ދައްކައި، އެ މައްސަލަ ފުލުހުންނަށް ހުށަނޭޅުމަށް މަޖިލީހުން މަސައްކަތް ކުރަމުން ގެންދާކަން ސުލޫކު ކޮމެޓީގެ މުގައްރިރުގެ ވާކައިން ވެސް އެނގެއެވެ.

ސުލޫކު ކޮމެޓީގެ މުގައްރިރު ހަނިމާދޫ ދާއިރާގެ މެންބަރު މުހައްމަދު މުޖުތާޒު ވިދާޅުވިގޮތުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ މައްޗަށް ތުހުމަތު ކުރެވުނު، މަޖިލީހުގެ މައިކަކަށް ގެއްލުންދިން މައްސަލައެއް މަޖިލީހުގެ އިދާރާއިން ފުލުހުންނަށް ހުށަހަޅާފައިވާތީ، އެ އުސޫލުން މިދިޔަ އަހަރުގެ މާޗް މަހުގެ ފުރަތަމަ ދުވަހާއި މާޗް 19 ވަނަ ދުވަހު މަޖިލީހުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ވެސް އެ ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.

އޭނާ ވިދާޅުވިގޮތުގައި ކޮމެޓީގެ އެ ނިންމުން މަޖިލީހުގެ އަމީން އާންމާ ހަމައަށް ފޮނުވުމުން މަހުލޫފްގެ މައްސަލައެއް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައި ނުވާކަމަށް ބުނެފައިވާތީ ކޮމެޓީން ފާސްކުރި އެ ނިންމުން މިހާރު ބާތިލްވެފައިވާ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ މެންބަރުންގެ މައްސަލަ ތަހުގީގު ކުރުމަށް މަޖިލީހުން މަސައްކަތް ކުރަމުން ނުދާކަން މިފަދަ ކަންކަމުން ވެސް އެނގެއެވެ.

ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހީމް ވިދާޅުވިގޮތުގައި މަޖިލީހުގެ މެންބަރުން އެތާނގެ މުދަލަށް ގެއްލުން ދިނުމުން އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅުމަށް ކޮމެޓީއަކުން ފާސްކުރާކަށް ނުޖެހެއެވެ.

"ސަރުކާރުގެ މަގާމެއްގައި ހުރި މީހަކު ކަމަށް ވިޔަސް އަދި ކޮންމެ މަގާމެއްގައި ހުރި މީހަކު ކަމުގައި ވިޔަސް ކުށެއް ކޮށްފިނަމަ އެ ކުށެއް ތަހުގީގު ކުރަންޖެހޭ ގޮތުގައި ޖެހޭނެ ތަހުގީގު ކުރަން. ކޮންމެހެން ނުޖެހޭނެ މަޖިލީހުގެ ކޮމެޓީއަކުން ފާސްކުރާކަށް،" ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އެފަދަ މައްސަލަތައް ތަހުގީގު ނުކޮށް ދޫކޮށްލުމަކީ ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ބުނާ ހަމަހަމަކަން ގެއްލޭނެ ކަމެކެވެ. އަދި އެއީ އެފަދަ ކުށްތައް ތަކުރާރު ކުރުމަށް ކުށް ކުރާ މީހުންނަށް ހިތްވަރު ދިނުންކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ މުދަލަށް ގެއްލުން ދިން މައްސަލަ ތަހުގީގު ކުރުމަށް ސިޔާސީ ފަރާތަކުން ފުލުހުންނަށް ހުށަހެޅުމަކީ އެއީ ފުލުހުން އެ މައްސަލަތައް ނުބަލަންވީ ސަބަބަބެއް ނޫނެވެ. ކޮންމެ މީހެއްގެ މައްޗަށް ވެސް ޖިނާއީ ތުހުމަތެއް ކުރެވިއްޖެނަމަ އެ މައްސަލައެއް ބެލެންޖެހޭނެ ކަމަށާއި އެފަދަ މައްސަލަތައް ކޮންމެ ފަރުދަކު ހުށަހެޅި ނަމަވެސް ފުލުހުން އެ މައްސަލައެއް ބަލަންޖެހޭނެ ކަމަށް ވެސް ވަހީދު ވިދާޅުވެ އެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި މަޖިލީހުގެ ތަކެއްޗަށް ގެއްލުން ދިން މައްސަލަތައް ތަހުގީގުކޮށްފައި ނުވާއިރު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު މަޖިލީހުގެ މައިކެއް ހަލާކުކޮށްލި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން ވަނީ ތަހުގީގުކުރަން ފަށައިފައެވެ. އަދި އޭގެ އިތުރުން އާންމު އެތަކެއް ބައެއްގެ މައްސަލަތައް ވެސް ފުލުހުން ވަނީ ތަހުގީގުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުލޫކު ކޮމެޓީގެ ނާއިބް މުގައްރިރު ކުރެންދޫ ދާއިރާގެ މެންބަރު އަހުމަދު މޫސާ ވިދާޅުވިގޮތުގައި މަހުލޫފްގެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅި ފަދައިން މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި މަޖިލީހުގެ ތަކެއްޗަށް ގެއްލުންދިން މައްސަލަ ވެސް ފުލުހުންނަށް ހުށަހަޅާން ކޮމެޓީން ފާސްކުރުމުން، މަހުލޫފްގެ މައްސަލަ ފުލުހުންނަށް ހުށަނާޅާކަމަށް މަޖިލީހުގެ އިދާރާ އިން ބުނުމުން އެ ނިންމުން ބާތިލްވެފައިވާތީ އެ ކަމާ ގުޅިގެން ކޮމެޓީގެ އިތުރު ބައްދަލުވުމެއް ބާއްވާން ކުރި މަސައްކަތް މަޖިލީހުގެ ރައީސްގެ ސަބަބުން ނާކާމިޔާބުވެފައިވާ ކަމަށެވެ.

"މަޖިލީހުގެ ރައީސްގެ ސަބަބުން ސުލޫކު ކޮމެޓީގެ އިތުރު ބައްދަލުވުމެއް ނުބޭއްވިގެން މިއުޅެނީ. އެ މައްސަލަތައް ފުލުހުންނަށް ފޮނުވުމަށް ފާސްކުރި ކުރުން ބާތިލްވެފައިވާތީ ކޮމެޓީގެ ބައްދަލުވުމެއް ބާއްވައި ދެވަނަ ފަހަރަށް އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ފާސްކުރުމަށް އަޅުގަނޑުމެން މިގެންދަނީ މަސައްކަތް ކުރަމުން. ނަމަވެސް މަޖިލީހުގެ ރައީސް ކޮމެޓީގެ ބައްދަލުވުން ބޭއްވިޔަ ނުދިން. މަޖިލީހުގެ ރައީސް ބޭނުމެއް ނުވޭ އެ މައްސަލަ ތަހުގީގު ކުރާކަށެއް،" އަހުމަދު މޫސާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވިގޮތުގައި މަހުލޫފްގެ މައްސަލަ ފޮނުވި އުސޫލުން މާޗް މަހުގެ ތެރޭގައި މުދަލަށް ގެއްލުންދިން މައްސަލަ ފުލުހުންނަށް ފޮނުވުމަށް ފާސްކޮށްފައިވާއިރު، މަހުލޫފްގެ މައްސަލައެއް މަޖިލީހުގެ އިދާރާއިން ފުލުހުންނަށް ފޮނުވާފައި ނުވެއެވެ. އެހެންކަމުން ސާފު އިބާރާތުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ފާސްކޮށްފި ނަމަ ފުލުހުންނަށް އެ މައްސަލަ ފޮނުވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވެ އެވެ.

"މަޖިލީހުގެ އެއްވެސް ލިޔެކިޔުމަކުން ނެތް އިއްޒަތްތެރި މެންބަރު މަހުލޫފްގެ މައްސަލައެއް ފުލުސް އޮފީހަށް ލިޔެފައެއް. އެހެންވީމަ ކޮމެޓީން ނިންމި ނިންމުން އިތުރަށް ސާފުކުރަން ޖެހޭ. ކޮމެޓީން ނިންމަންވީ ނޫންތޯ ފުލުސް އޮފީހަށް ފޮނުވަން. ނިންމާފައި މަޖިލީހުގެ ރައީސްއަށް ސާފުކޮށް އަންގަން ވީނޫންތޯ،" ޝާހިދު ވިދާޅުވި އެވެ.

މަޖިލީހުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ސަބަބުން މަޖިލީހުގެ ޖަލްސާތައް ނުބޭއްވި އެތަކެއް ދުވަހެއް ވަންދެން މެދުކަނޑާލަން ޖެހުނެވެ. އެއީ މަޖިލީހުގެ ތަކެއްޗަށް ލިބުނު ބޮޑެތި ގެއްލުންތައް މަރާމާތު ކުރުމަށެވެ. ދައުލަތުގެ ބަޖެޓުން އެތަކެއް ފައިސާތަކެއް ޚަރަދުކޮށްގެން އެދުވަހު ގެއްލުންދީފައިވާ ތަކެތި މަރާމާތުކޮށް މިހާރު މަޖިލީހުގެ މަސައްކަތްތައް އަލުން ފެށިތާ އަހަރެއްވާން ކައިރި ވެފައި ވާ އިރު ތަކެއްޗަށް ގެއްލުންދިން ވާހަކަ މިހާރު ދައްކާ އަޑެއް ނީވެއެވެ. އެހެން ފަރާތްތަކުން ކުރާ ޖިނާއީ ކުށްތައް ތަހުގީގު ކުރުމަށް މެންބަރުން އަޑުއުފުލަމުންދާއިރު ތިމާ އަމިއްލައަށް ކޮށްފައިވާ ޖިނާއީ ކުށްތަކުގެ މަތިން އެއްވެސް ގޮތަކަށް ހަނދާނެއް ނެތެވެ.

ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވިގޮތުގައި މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި މަޖިލީހުގެ މުދަލަށް ގެއްލުން ދިން މައްސަލަތައް ތަހުގީގު ނުކުރެވި ދިޔުމަކީ އިންސާފުވެރިކަމާ އެކު އެންމެންގެ މެދުގައި ޝަރީއަތް ހިންގުމުގެ އުސޫލު ނެތިގެން ދިޔުމެވެ.

އޭނާ ވިދާޅުވިގޮތުގައި ސަރުކާރުގެ އޮފީސްތަކުގައި ހުރި ގޮނޑިފަދަ ތަކެތި ހަލާކުކޮށްލައިގެން އާންމު ބައެއް މީހުންގެ މައްޗަށް މީގެކުރިން ދައުވާ ކޮށްފައި ވެއެވެ. އެހެންކަމުން މަޖިލީހުގެ މެންބަރުންގެ އެ މައްސަލަ ނުބެލުމަކީ މަޖިލީހުގެ މެންބަރުން ކޮންމެފަދަ ޖަރީމާއެއް ހިންގިއަސް އެއީ ކުށެއްކަމަށް ނުބެލުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އިންސާފުވެރިކަމާ އެކު ހުރިހާ ފަރާތްތަކުގެ މެދުގައި ޝަރީއަތް ހިންގުމުގެ އުސޫލުތައް ނެތިގެން ދިޔުން. އެއީ ތީގެ އެންމެ ހިތި ނަތީޖާ އަކީ. ބޮޑުރާޅަށް ބޮޑުކޮށް ކުޑަރާޅަށް ކުޑަކޮށް ބޮޑެތި މީހުން ކޮންމެ ފަދަ ޖަރީމާއެއް ހިންގިއަސް އެއީ ކުށެއްކަމަށް ނުބެލުން،" ޝާހު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަކީ ގާނޫނުތައް ހަދާ ފަރާތެވެ. މަޖިލީހުގެ މެންބަރުން ގާނޫނާއި ގަވައިދަށް ހުރުމަތްތެރިކޮށް ނުހިއްތަވާ ނަމަ މުޖުތަމައުގައި ގާނޫނުގެ ވެރިކަމެއް ނުހިންގޭނެއެވެ.