މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަކީ މުސްތަގުބަލުގައި ބޮޑު ސިޔާސީ ޕާޓީ އަކަށް ހައްދަވާނެ ކަމަށާއި އެ ޕާޓީގެ ދައުރެއް ނެތި ދެން އެއްވެސް ބަޔަކަށް ރާއްޖޭގެ ވެރިކަމަށް ނާދެވޭނެ ކަމަށް އެމްޑީއޭ އިން ބުނެފި އެވެ.

އެމްޑީއޭގެ އޮފީހުގައި މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ސްޕޯކްސްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހު ކޮންޓްރޯލް ކުރާ ވަކި ޕާޓީއެއް ނެތް ކަމަށާއި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އެމްޑީއޭއާ ނުލައި އެއްވެސް ކަމެއް ވެސް ނުކުރެވޭނެ ކަމަށެވެ.

"ދިވެހި ރާއްޖޭގައި އުފެދިފައި އޮތް ސިޔާސީ ޕާޓީތަކުގެ ތެރެއިން އެއްވެސް ޕާޓީއެއް އަދިއެއް ނެތް ތިމަންނަމެން ގައުމުގެ ސިޔާސީ މަޝްރަހުގައި މިވެނި ގޮތަކަށް މިވެނި ކަމެއް ކުރާނީ ހަމަ އެކަނި މިވެނި ޕާޓީ އެކޭ ބުނެވޭނެ. އެހެންވީމާ ސިޔާސީ މަޝްރަހުގައި ދެން ކުރެވޭ ހުރިހާ ކަމެއްވެސް ހަމަ ގައިމު ވެސް ކުރެވޭނީ އެމްޑީއޭގެ ދައުރު އޮވެގެން. އެހެންވީމާ އެމްޑީއޭގެ ދައުރެއް ނެތި އެއްވެސް ބަޔަކަށް ދެނެއް ގައުމުގެ ވެރިކަމަކަށް ވެސް ނާދެވޭނެ،" އާމިރު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ މެދުގައި ވާދަވެރިކަމާއި ދެބަސްވުންތައް ފެށިފައިވާ އިރު އާމިރު ވިދާޅުވީ އެމްޑީއޭ އަކީ އެއްވެސް ޕާޓީ އަކާ ޒާތީ ގޮތުން ޖައްސާލައިގެން މަސައްކަތް ކުރާނެ ޕާޓީއެއް ނޫން ކަމަށެވެ. އަދި ޕާޓީ އަށް މެމްބަރުން އިތުރު ކުރަން ކުރާ މަސައްކަތުގައި ވެސް ވަކި ޕާޓީ އަކަށް ވަންނަން ނުވަތަ ނުވަންނަން އެމްޑީއޭ އިން ބާރު އަޅާ އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ އެއްވެސް ސިޔާސީ ޕާޓީ އަކާ ޖައްސާލައިގެން ކުރިއަށް ދާން މަސައްކަތް ކުރާނެ ޕާޓީ އެއް ނޫން. އަޅުގަނޑުމެން މެމްބަރުން އިތުރު ކުރަން ކުރާ މަސައްކަތުގައި ވަކި ޕާޓީ އަކަށް ވަންނަން ނުވަތަ ނުވަންނަން ބާރު އަޅައި ނުފޫޒެއް ނުފޯރުވާނަން،" އާމިރު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީއެއްގައި މަދުވެގެން ދިހަ ހާސް މެމްބަރުން ތިބެން ޖެހޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވާތީ އެ ބިލަށް އިޝާރާތް ކުރައްވައި އާމިރު ވިދާޅުވީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނު އަސާސީން ލިބި ދީފައި އޮތް ހައްގުތައް ވެސް އެ ބިލްގައި އޮތީ ވަރަށް ބޮޑަށް ހަނި ކޮށްފައި ކަމަށެވެ.