ރަށްތައް ގުޅުވާލުމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ރ. އަތޮޅު އިންނަމާދުއަށް މިއަދު ވަޑައިގަތް އެ އަތޮޅުގެ ވަގުތީ ކައުންސިލަރު މޫސާ އުމަރު މަނިކު އިންނަމާދޫން ފުރައިވަޑައިގަތުމަށް އެ ރަށުގެ ބަޔަކު ހުރަސްއަޅައިފި އެވެ.


އިންނަމާދޫން ވާހަކަ ދެއްކި އެ ރަށު އަލީ ނާހިދު މިއަދު ބުނީ ރަށުން ގޯތި ދޫކުރުމަށް 47 މީހެއްގެ މައުލޫމާތު ނަގާފައިވާ ކަމަށާއި އަތޮޅު ކައުންސިލަރު ވަޑައިގަތުމުން ގޯތި ދޫކުރާނެ ކަމަށް ރަށު ކައުންސިލަރު ވިދާޅުވެގައިވާ ކަމަށެވެ. ނަމަވެސް އަތޮޅު ކައުންސިލަރު ވަޑައިގެން އެ ވާހަކަ ނުދައްކަވައި ފުރާވަޑައިގަތުމަށް އުޅުއްވުމުން ރަށުގެ ޒުވާނުން އޭނާގެ ދަތުރަށް ހުރަސް ކުރިމަތި ކުރީ ކަމަށް އޭނާ ބުންޏެވެ.


ކައުންސިލަރު ވިދާޅުވީ ރަށުގެ ޒުވާނުންގެ ގްރޫޕަކުން ގޯތީގެ މައްސަލަ ކުރިމަތި ކުރި ކަމަށެވެ. ނަމަވެސް އިތުރު އެއްޗެއް ވިދާޅުވުމެއް ނެތި އޭނާ ފޯނު ކަނޑުއްވާލީ އެވެ.


އިންނަމާދޫން ވާހަކަ ދެއްކި މީހާ ބުނީ ކައުންސިލަރު ވަޑައިގެން އުޅުއްވަނީ އެއްކޮށްލުމުގެ ފައިދާ ރައްޔިތުންނަށް ވިދާޅުވެދެއްވުމަށް ކަމަށެވެ. އަދި އޭނާ ވިދާޅުވީ ކައުންސިލަރު މިއަދު އިތުރަށް ވަޑައިގަތުމަށް އޮތީ އެ އަތޮޅު ކިނޮޅަހަށް ކަމަށާއި މިއަދު 3 ޖެހިއިރު އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރާވާފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ދަތުރަށް ހުރަސްތަކެއް ކުރިމަތި ވުމުން އެ ބައްދަލުވުން ކެންސަލްކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.