ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވެސް ވަނީ އެކަން ކަށަވަރު ކޮށް ދީފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓާ ހަސަން ހަނީފް ވިދާޅުވީ ފުލުސް މީހާ ހައްޔަރު ކުރީ ރޭ 12:30 ހާއިރު ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ މަސްތުގެ ހާލުގައި ހުރިކަމަށް ތުހުމަތު ކުރެވިގެން ޓެސްޓު ކުރިއިރު މަސްތުވާތަކެއްޗަށް އޭނާގެ ޔޫރިން ޕޮޒިޓިވް ވުމުން ކަމަށް ވެސް ހަނީފް ވިދާޅުވި އެވެ.

ނަމަވެސް ހައްޔަރުކުރި ފުލުސް މީހާގެ ވަނަވަރެއް ފުލުހުން އާންމެއް ނުކުރެ އެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ލާންސް ކޯޕްރަލްގެ މަގާމުގައި ހުރި ކުޅުދުއްފުށީ ލައްގާހުރާ އަހުމަދު ހާޝިމް، 25، އެވެ. އަދި އޭނާގެ ބަންދުގެ މުއްދަތަށް 10 ދުވަސް ކުޅުދުއްފުށީ މެޖިސްޓްރޭޓްކޯޓުން ވަނީ މިއަދު ޖަހައި ދީފައެވެ.