06 Feb 2013, 21:52
ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހު މެޗުގައި މިއަދު ހަވީރު ކެލާ ނާޅި ސްޕޯޓްސް 4-1 ލަނޑުން ބަލިކޮށް، ސެމީ ފައިނަލުގެ ފަހު ޖާގަ ކުލަބު ވެލެންސިޔާއިން ކަށަވަރު ކޮށްފިއެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު އެ މެޗުގެ ފުރަތަމަ ލަނޑު ޖަހައި، މެޗުގެ ލީޑް ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު ވިޝާމް އެވެ. އޭނާ ވަނީ މިއަދު މެޗުގައި ވެލެންސިޔާގެ ތިންވަނަ ލަނޑާއި ހަތަރު ވަނަ ލަނޑު ވެސް ކާމިޔާބު ކޮށް، ހެޓްރިކް ހަދައިފައެވެ. ވެލެންސިޔާގެ ދެވަނަ ލަނޑު މެޗުގެ 54 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން އަބްދުލް ވާހިދު އިބްރާހިމްއެވެ.
މެޗުގެ 74 ވަނަ މިނެޓުގައި ކެލާނާޅި ޓީމުގެ މިގްދާދް ސައީދަށް ރެފްރީ ދެ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުން، މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން 10 ކުޅުންތެރިންނާއެކު ނިންމާލަން ޖެހުނު ކެލާ ނާޅީ ޓީމުން ވެލެންސިޔާ ކޮޅަށް ޖެހި ހަމައެކަނި އެޓީމަށް ކާމިޔާބު ކޮށްދިނީ ހަސަން ނަވާޒް އެވެ.
ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:05 ގައި ބައްދަލުކުރާ ދެ ޓީމަކީ ބީޖީ ސްޕޯޓްސް ކުލަބާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ. އެ މެޗުން މޮޅުވާ ޓީމެއް ފައިނަލްގެ ފުރަތަމަ ޖާގަ ލިބޭއިރު، ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުވާ ޓީމެއް އެނގޭނީ ސެމީގެ ދެވަނަ މެޗުގައި އަންނަ އާދީއްތަ ދުވަހު ހަވީރު 4:05 ގައި ވީބީ އައްޑޫ އެފްސީއާއި ކުލަބް ވެލެންސިޔާ ބައްދަލުކުރާ މެޗަށް ފަހުއެވެ.