ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނު އަސާސީއާ ހިލާފަށް ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންދިއުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލަށް އިލްތިމާސްކޮށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންދިއުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަނީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ މައްޗަށް ދަޢުވާކޮށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ޕްރޮސެކިއުޓާ ޖެނެރަލް ހުށަހަޅުއްވާފައިވާ މައްސަލައިގެ ސަބަބުން މައުޟޫޢީ ގޮތުންނާއި، މާއްދީ ގޮތުންނާއި ޒާތީގޮތުން ދިވެހި ރައްޔިތުންނަށް ފޫނުބުއްދޭފަދަ ގެއްލުންތަކެއް ލިބެމުންދާތީ ކަމަށް އެމްޑީޕީން ބުނެ އެވެ.

ތަހުގީގުކުރާ އެކިއެކި އިދާރާތަކުން ހުށަހަޅާ ހެތްކާއި ޤަރީނާ ވަޒަންކޮށް، ދަޢުވާއެއް އުފުލާންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމަކީ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ ދަށުން ޕްރޮސެކިއުޓާ ޖެނެރަލަށް ލިބިދޭ ބާރެކެވެ. އެމްޑީޕީން ބުނީ ފާއިތުވި އަހަރު ކަންކަން ގޮސްފައިހުރި ގޮތަށް ބަލައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ މައްޗަށް އުފުއްލަވާފައިވާ ދަޢުވާ އަނބުރާ ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލަށް އެޕާޓީން އިލްތިމާސް ކުރާ ކަމަށެވެ.

ރައީސް ނަޝީދުގެ ދައުވާ އަންބުރާ ގެންދިއުމަށް ގޮވާލާ ޕެޓިޝަންގައި ސޮއިކުރުމުގެ އިންތިޒާމް ރަސްމީ ގަޑީގައި އެޕާޓީގެ ސެކްރެޓޭރިއޭޓްގެ އޮފީހުންނާއި އުސްފަސްގަނޑު ސަރަހައްދުން ހަމަޖެހިފައި ހުންނާނެ ކަމަށް އެމްޑީޕީން ބުނެއެވެ.

އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް މި އަހަރު އޮންނަ އިންތިހާބުގެ ކުރިން ނުނިމޭނެ ކަމަށް ވިދާޅުވެ، އެ ޝަރީއަތާ 2018 ވަނަ އަހަރު ކުރިމަތި ލެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.