06 Feb 2013, 20:42
މިދިޔަ އަހަރުގެ ފެބުރުވަރީ 6، 7، 8ގައި ފުލުހުންގެ ތެރެއިން ބަޔަކު ހިންގާފައި ވަނީ "މާރާމާރީ" ކަމަށާއި އެ ފުލުހުން ވަޒީފާ އިން ވަކިކުރަން ހޯމް މިނިސްޓަރަށް އެންގުމުން، އަދިވެސް އެ ފުލުހުން ވަޒީފާ އިން ވަކިކޮށްފައި ނުވާ ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ) އިން ބުނެފި އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު ކޮމެޓީން ކޯނީ ރިޕޯޓުގެ ދިރާސާއަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ މެންބަރުންނާއި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އަހުމަދު މުއިއްޒާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރުން ހާޒިރުކޮށް، ކޯނީ ރިޕޯޓްގައި ބުނެފައިވާ ރިކޮމަންޑޭޝަންތަކަށް އަމަލު ކުރީ ކިހާ މިންވަރަކަށްތޯ ބަލާފައިވެ އެވެ.
ކޮމެޓީގައި މެންބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޕީއައިސީގެ ނާއިބު ރައީސް ހާލާ ހަމީދު ވިދާޅުވީ ފެބުރުވަރީ 6، 7، 8 ގައި ފުލުހުންގެ ފަރާތުން ފެނުނީ ސުލޫކީ މައްސަލަތަކެއް ނޫން ކަމަށާއި އެދުވަހު ފުލުހުން ހިންގާފައިވަނީ މާރާމާރީ ކަމަށާއި އެއީ ޖިނާއީ މައްސަލަތަކެއް ކަމަށެވެ. އެ ދުވަހު ފުލުހުން ހިންގާފައިވަނީ މާރާމާރީ ކަމަށް ވިދާޅުވީ ހާލާ ރައްދު ދެއްވީ ޕީޖީ މުއިއްޒަށެވެ. ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވެފައި ވަނީ ވެރިކަން ބަދަލުވުމުގައި ފުލުހުންގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ ސުލޫކީ މައްސަލަތަކެއް ކަމަށެވެ.
ހާލާ ވިދާޅުވީ ފުލުހުންގެ ތެރެއިން ޖިނާއީ އަމަލު ހިންގި ހަ ފުލެހެއްގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައިވާ ކަމަށާއި އެ ފުލުހުން ވަޒީފާއިން ވަކިކުރުމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދަށް ދެންނެވި ކަމަށާއި ނަމަވެސް މިހާތަނަށް ވެސް އެ ފުލުހުން ވަޒީފާއިން ވަކިކޮށްފައި ނުވާ ކަމަށް ހާލާ ވިދާޅުވި އެވެ.
"އެއީކީ ސުލޫކީ މައްސަލަތަކެއް ނޫން، އެއީ މާރާމާރީގެ މައްސަލަ، އެއީ ޖިނާއީ މައްސަލަ. އެ މައްސަލަތައް ޕީޖީއަށް ފޮނުވުމުގެ އިތުރަށް އަޅުގަނޑުމެން އޮންނާނެ ހޯމް މިނިސްޓަރަށް ލަފައެއް އަރުވާފައި، އޮންނާނެ އެ ފުލުހުން ވަޒީފާއިން ވަކިކުރަން. އެއީ ކޯޓް މަރުހަލާ ދިގު ދެމިގެން ގޮސް، ފިޔަވަޅު އެޅޭލެއް ލަސް ވެގެންދާނެތީ. އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭތީ އެ ފުލުހުން ވަޒީފާއިން ވަކިކުރަން އެންގީ،" ހާލާ ވިދާޅުވި އެވެ.
ފެބުރުވަރީ 6، 7، 8 ގައި ހިނގައިދިޔަ ހާދިސާތަކާ ގުޅިގެން ކިތައް ފުލުހުންގެ މައްސަލަ ތަހުގީގު ކުރަމުންދޭތޯ މެންބަރުން ސުވާލު ކުރުމުން ޕީއައިސީން ވަނީ އެ މައްސަލަތަކުގެ އަދަދު ހާމަކޮށްފަ އެވެ. އެގޮތުން ފެބުރުވަރީ މަހު ފުލުހުން ހިންގި ކަންތަކާ ގުޅިގެން 29 މައްސަލައެއް ޕީއައިސީއަށް ހުށަހެޅި ތަހުގީގު ކުރަމުންދާއިރު ހަ މައްސަލައެއް ޕީޖީއަށް ފޮނުވާފައިވެ އެވެ. އަދި 11 މައްސަލަ ޕީޖީއަށް ނުފޮނުވިފައި ވަނީ ހެކި ނެތުމުގެ ސަބަބުންނެވެ. ކޮމިޝަނުން ތަހުގީގު ކުރާ ވީޑިއޯތަކާއި ފޮޓޯތަކަށް ބަލައިގެން ފުލުހުނަކީ ކޮންބައެއްކަން ނޭނގިގެން ފަސް މައްސަލައެއް އެބައޮތް ކަމަށް ޕީއައިސީން ބުންޏެވެ.
ޕީޖީއަށް ފޮނުވި ހަ މައްސަލަތަކުގެ ތެރެއިން ދައުވާކޮށްފައި ވަނީ އެންމެ ފުލުހެއްގެ މައްޗަށެވެ. އެއީ ފުލުހުންގެ ވަޒީފާގައި މިހާރު ވެސް ހުރި ފ. ނިލަންދޫ ޖަނަވަރީމާގެ އަލީ އަހުމަދެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނީ މީހެއްގެ ހަށިގަނޑަށް ގެއްލުންދިން ކަމުގެ ދައުވާ އެވެ. ނަމަވެސް އެ މައްސަލަ ޖިނާއީ ކޯޓުން ވަނީ އޭނާގެ މައްޗަށް ނުކުރެވޭނެ ކަމަށް ބުނެ ކޯޓުން ބޭރުކޮށްލާފަ އެވެ.
ޖިނާއީ ދައުވާ އުފުލުމުގައި ޕްރޮސެކިއުޓާ ޖެނަރަލް ތަފާތުތަކެއް ގެންގުޅުއްވާ ކަމަށް ވިދާޅުވެ، ކޮމެޓީގެ މެންބަރުން މިއަދު ވަނީ މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ.
މެންބަރުންނަށް ރައްދު ދެއްވަމުން ޕީޖީ މުއިއްޒު ވިދާޅުވީ އޭނާގެ ވާޖިބު އަދާކުރުމުގައި ޖެހިލުންވެވަޑައި ނުގަންނަވާ ކަމަށާއި އެއްވެސް ފަރާތެއްގެ ނުފޫޒެއްގައި އެމަނިކުފާނު ޖެހިވަޑައިގެންފައިނުވާނެ ކަމަށެވެ.
"އަޅުގަނޑުގެ ވާޖިބު އަދާކުރުމުގައި އަޅުގަނޑު ޖެހިލުމެއް އަދި ބިރެއް ނުގަނޭ. އަޅުގަނޑު އެއްވެސް ފަރާތެއްގެ ނުފޫޒެއްގައި ޖެހިފައެއް ނުވާނެ. އިރާދަ ކުރެއްވިއްޔާ ތެދުވެރިކަމާއެކު އަޅުގަނޑުގެ ވާޖިބު އަދާކުރާނަން. މައްސަލަތައް ތަހުގީގު ކުރާ އިދާރާތަކުން ތަހުގީގުކޮށް ފޮނުވީމައި ހެއްކާއި ގަރީނާ ވަޒަންކޮށްފައި ދައުވާ ކުރާ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިވާނަމަ ދައުވާކޮށްފައިވާނެ،" މުއިއްޒު ވިދާޅުވި އެވެ.