ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފް ސަސްޕެންޑް ކޮށްފައިވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

ޖޭއެސްސީގެ މީޑިއާ އޮފިޝަލް ހަސަން ޒަހީން ވިދާޅުވީ ކޮމިޝަނުން ވަކިއެއްޗެއް އަންގަންދެން ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް ބާރީއަށް އަންގާފައިވަނީ އޭނާއާ ދެކޮޅަށް އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައެއް ބަލަމުންދާތީ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލައަކީ މިހާރު ބަލަމުންދާ މައްސަލައަކަށްވާތީ އެކަމާ ބެހޭ މައުލޫމާތު އަދި ހާމަކުރެވެން ނެތްކަމަށެވެ.

ސަންއަށް އެނގިފައިވާގޮތުގައި ބާރީ ސަސްޕެންޑްކޮށްފައި ވަނީ އަޚުލާގީ މައްސަލައަކާ ގުޅިގެންނެވެ.

ބާރީއަކީ ޖިނާއީ މައްސަލަތަކުގެ ޝަރީއަތް ކުރަމުން އަންނަތާ ހަތް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ގާޒީ އެކެވެ.

މިހާތަނަށް އޭނާ ބައްލަވާފައިވާ ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ކ. ކާށިދޫގައި ފުލުހުސް އޮފިސަރު އާދަމް ހަލީމް މަރާލި މައްސަލަ އާއި ށ. ބިލެތްފަހީގައި ބިދޭސީއަކު މަރާލި މައްސަލަ އާއި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭތީ ދައުލަތުން ދައުވާކުރި ހ. ރީނދޫގޭ އާދަމް ނަސީރު އަބޫބަކުރުގެ މައްސަލަ އާ ޏ. ފުވައްމުލަކު ޑެއިލީބްލޫ، އަބްދުއްލަތީފް މުހައްމަދުގެ މައްސަލަ ވެސް ހިމެނެއެވެ.

މިހާރުވެސް އޭނާ ގެންދަވަނީ ޖިނާއީ ބޮޑެތި މައްސަލަތަކެއް ބައްލަވަމުންނެވެ. އެގޮތުން ފުވައްމުލަކުގައި ބިދޭސީއަކު މަރާލި މައްސަލަ އަކާއި ހުޅުމާލޭގައި ބިދޭސީއަކު މަރާލި މައްސަލައެއްގެ އިތުރުން ހޯރަފުށީ ސީވިއު ހުސެއިން މުހައްމަދު މަނިކު މަރާލި މައްސަލަވެސް ބަލަމުން ގެންދަވަނީ ބާރީ އެވެ.