06 Feb 2013, 18:25
މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތް ކުރުމުގެ ގޮތުން އެފަރާތްތަކަށް އަމާޒު ކޮށްގެން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ތަކެއް ފެށުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ޕީޕީއެމުން ބުނެފި އެވެ.
ޕީޕީއެމްގެ އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް އިބްރާހިމް ނާޒިމް ވިދާޅުވީ މަސްތުގެ ވަބާގައި ޖެހިފައި ތިބި ޒުވާނުން އެ ކަމުން ސަލާމަތް ކޮށް އެ މީހުންނަކީ މުޖުތަމައު އަށް ފައިދާ ހުރި ބައެއްގެ ގޮތުގައި ހެދުމަށް ހިންގާ ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ޕްރޮގްރާމް ތަކަކީ އެއްވެސް ސިޔާސީ މަގުސަދެއް އޮވެގެން ހިންގާ ހަރަކާތްތަކެއް ނޫން ކަމަށާއި އެ މަސައްކަތުގައި ހުރިހާ ސިޔާސީ ޕާޓީ ތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތް ތަކުންވެސް ބައިވެރި ވުމަކީ އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
"ގައުމީ މިފަދަ މައްސަލަ ތަކުގައި އަޅުގަނޑުމެން އެބަޖެހޭ ސިޔާސީ ވިސްނުން ދޫކޮށްލާ ހުރިހާ ޕާޓީ ތަކުންވެސް ގުޅިގެން މަސައްކަތް ކުރަން. އަޅުގަނޑުމެން ގޮވާލަން ގައުމުގެ މިފަދަ އަޑުތަކުގަ އާ ހިންގާ ހަރަކާތް ތަކުގައި ކޮންމެ ސިޔާސީ ޕާޓީ އަކުން ހިންގިޔަސް ޕީޕީއެމްގެ ފުރިހަމަ ސަޕޯޓާއި އެއްބާރުލުން ލިބޭނެ ކަމުގެ ފުރިހަމަ ޔަގީން ކަން އަރުވަން،" ނާޒިމް ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ބާރުގަދަ ބާވަތެއްކަމަށްވާ "އެލްއެސްޑީ"ގެ ފޭކު އެއްޗެއް ރާއްޖޭގައި ވިއްކަމުންދާ ކަމަށް ޕޮލިސް ކޮމިޝަނަރު އަބުދުﷲ ރިޔާޒު މިއަދު ވިދާޅުވެފައި ވާތީ އެކަމަށް އިޝާރާތް ކުރައްވާ ނާޒިމް ވިދާޅުވީ އެފަދަ ބާރުގަދަ ނުރައްކާތެރި މަސްތުވާ ބާވަތްތައް ރާއްޖެ އަށް އެތެރެވާ ދޮރުތަށް ބަންދު ކޮށް މަސްތުގެ ވަބާއިން ގައުމު ސަލާމަތް ކުރުމަށް ފުލުހުން ވަރަށް ކާމިޔާބު މަސައްކަތް ތަކެއް ފާއިތުވި ދުވަސްތަކުގައި ކޮށްފައިވާކަމަށެވެ. އަދި ފުލުހުންގެ އެ މަސައްކަތްތަކަށް ޕީޕީއެމުން ޝުކުރު އަދާކުރާކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.