06 Feb 2013, 18:01
ދުނިޔޭގެ އެތައް ބަޔަކު އެޓީމަކަށް ސަޕޯޓު ކުރަމުންދާ އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑްގެ މުޅިހަޔާތުގައިވެސް އައި އެންމެ ހިތާމަވެރި ދުވަހަކީ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހެވެ.
އޮނަވިހިސަތޭކަ ފަންސާސް އަށްވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހަކީ މެންޗެސްޓާ ޔުނައިޓެޑްގެ ތާރިހްގައި "އެންމެ އަނދިރި ދުވަސް" ގެ ގޮތުގައި ލިޔެވިފައިވާ ދުވަހެކެއެވެ.
މީގެ 55 އަހަރު ކުރިން ޔޫރަޕިއަންޕް ކަޕްގެ މެޗެއްގައި ޔޫގޮސްލާވިޔާގެ ރެޑްސްޓާ ބަލްގްރޭޑާއި ކުޅުމަށްފަހު އެނބުރި އިނގިރޭސިވިލާތަށް އައުމުގެ މަގުމަތީގައި 44 މީހުން ގޮވައިގެން ދަތުރުކުރި ޗާޓަރު ފްލައިޓް ޖަރުމަނުގެ މިޔުނިކް އެއާޕޯޓަށް ތެޔޮއެޅުމަށްޓަކައި މަޑުކުރުމަށްފަހު އުދުއްސައިގަންނަން އުޅުމުގެތެރޭގައި ވެއްޓި އޭގައި ތިބި 23 މީހުން މަރުވި ހާދިސާ ހިނގި ދުވަހަކީ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހެވެ.
ބޯޓުން ދަތުރު ކުރި މީހުންގެ ތެރޭގައި ހިމެނޭ ޔުނައިޓެޑްގެ އަށް ކުޅުންތެރިންނާއި ތިން އޮފިޝަލުން އެހާދިސާގައި މަރުވެފައި އެވެ. މަރުވި 23 މީހުންގެ ތެރެއިން 21 މީހުން ވަނީ ހާދިސާ ހިނގިވަގުތު މަރުވެފައެވެ. ބޯޓުގެ ކެޕްޓަން އެހާދިސާގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މަރުވީ ދެތިން ހަފްތާއެއް ފަހުންނެވެ. އަދި ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ ޑުންޗަން އެޑްވަޑްސް މަރުވީ ހާދިސާ ހިނގިތާ 15 ދުވަސް ފަހުން ނެވެ.
ޔުނައިޓެޑްގެ ހަޔާތުގައި ދިމާވި އެންމެ ހިތާމަވެރި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި، ކުލަބުގެ އަށް ކުޅުންތެރިންނާއި ތިން އޮފިޝަލުންގެ އިތުރުން ހިމެނެނީ އަށް ނޫސްވެރިޔަކާއި ބޯޓުގައި ދަތުރުކުރި ޓްރެވަލް އޭޖެންޓަކާއި އަދި ބޯޓުގެ ފަޅުވެރިންނެވެ.
އެދުވަހު ސާރ މެޓް ބަސްބީގެ ކޯޗުކަމުގައި ޔުނައިޓެޑް އައީ ރެޑްސްޓާ ބަލްގްރޭޑް ހައެއް ފަހެއްގެ އެގްރިގޭޓް ނަތީޖާ އަކުން ބަލިކުރުމަށްފަހު މުބާރާތުގެ ސެމީފައިންލުން ޖާގައެއް ކަށަވަރު ކޮށްގެންނެވެ.
އަދި އެހާދިސާގައި ސަލާމަތްވި ނަމަވެސް ބޮޑެތި އަނިޔާތަކަކަށްފަހު ރަނގަޅުވެގެން އަލުން ޓީމާހަވާލުވެ ކޯޗް މެޓް ބަސްބީ ވަނީ ޔުނައިޓެޑްގެ އާޓީމެއްނެރެ އޭގެ 10 އަހަރު ފަހުން ޔޫރަޕިއަން ތަށި އުފުލާލާފަ އެވެ.
ފެބްރުއަރީ ހަވަނަ ދުވަހަކީ މެންޗެސްޓާ ޔުނައިޓެޑްގެ ހާޔާތުން ދުވަހަކުވެސް ފޮހެވިގެން ދާނޭ ދުވަހެއް ނޫނެވެ. މެންޗެސްޓާ ޔުނައިޓެޑާއި، ޔުނައިޓެޑަށް ހެޔޮއެދޭ މީހުންނާއި އަދި ޓީމުގެ ފޭނުންވެސް އެދުވަސް ފާހަގަ ކުރަނީ "ހަނދާނުން ފޮހެވިގެން ނުދާނޭ ދުވަހެއް"ގެ ގޮތުގަ އެވެ.