މިސުރުގެ ގާހިރާގައި މިހާރު ހިނގަމުންދާ 12 ވަނަ އިސްލާމިކް ސަމިޓް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މިސުރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު ދެ ރައީސަަކާ ބައްދަލު ކުރައްވައިފި އެވެ.

ރައީސް މިއަދު ބައްދަލު ކުރެއްވި ދެ ރައީސުންނަކީ ފަލަސްޠީނުގެ ރައީސް ޑރ. މަޙްމޫދު ޢައްބާހާއި ތުރުކީވިލާތުގެ ރައީސް ޢަބްދުﷲ ގުލްއާ އެވެ.

ފަލަސްޠީނުގެ ރައީސާ ބައްދަލު ކުރައްވައި ރައީސް ޑރ. ވަހީދު ވިދާޅުވީ ފަލަސްޠީނަށް އދ.ގެ ނޮން-މެންބަރު އޮބްޒާވަަރު ދައުލަތެއްގެ ދަރަޖަ ލިބިފައިވާތީ، އެކަމަށް ޓަކައި ފަލަސްޠީނުގެ ރައީސަށް ތަހުނިޔާ ވިދާޅުވާ ކަމަށެވެ. އަދި ފުރިހަމަ މިނިވަން ދައުލަތެއްގެ ޤާއިމުކުރުމަށް ފަލަސްޠީނުން ކުރާ މަސައްކަތްތަކަށް، ދިވެހި ރާއްޖޭގެ ތާއީދު އަބަދު ވެސް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ފަލަސްޠީނުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ފަލަސްޠީނުގެ ރައްޔިތުންނާ މެދު ރާއްޖެ އިން ބަހައްޓާ އުޚުއްވަތްތެރި ގުޅުން ފާހަގަކުރައްވައި އެކަމަށް ޓަކައި ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރުއަދާކުރައްވާ ކަމަށް ވިދާޅުވި އެވެ.

ތުރުކީވިލާތުގެ ރައީސާ ބައްދަލު ކުރައްވައި ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގޮތުން ގުޅުން ބަދަހިކުރެއްވުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރްޞަތުތަކާ ބެހޭ ގޮތުން، ވަކިން ޚާއްޞަކޮށް، ފަތުރުވެރިކަމާއި މަސްވެރިކަމާއި އަދި ގެދޮރު ޢިމާރާތްކުރުމުގެ ދާއިރާގައި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާ ބެހޭ ގޮތުން، ތުރުކީގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ތުރުކީގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ދިވެހި ރާއްޖެއާއި ތުރުކީވިލާތާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވަމުން، މި ގުޅުން އިތުރު ދާއިރާތަކަށް ފުޅާކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވި އެވެ. މިގޮތުން، ވިޔަފާރީގެ ދާއިރާގައި ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާބެހޭ ގޮތުން މަޝްވަރާ ކުރައްވައި، ޚާއްޞަކޮށް މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ތުރުކީން އެހީތެރިވެދެއްވާނެ ކަމުގައި ވިދާޅުވި އެވެ.