06 Feb 2013, 16:26
ޒަކާތު ފަންޑުގެ އެހީގައި މަތީ ތައުލީމު ހާސިލު ކުރުމަށް ހުޅުވައިލި ފުރުސަތާ ގުޅިގެން ދަރިވަރުން ހޮވުމުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެން، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ އަމިއްލަ ފަރާތަކުން ހުށަހެޅި އެ މައްސަލަ މިހާރު އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ޒަކާތު ފަންޑުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި މަތީ ތައުލީމު ހާސިލު ކުރުމަށް ހުޅުވައިލައިފައި ވާތީ އެކަމާ ގުޅިގެން ހުށަހެޅި މައްސަލަ ބެލުމަށް ފަހު، އެ ކަމަށް ކުރި އިއުލާން ބާތިލު ކުރުމަށާއި އަދި އެ އިއުލާނާ ގުޅޭ އެންމެހައި މުއާމަލާތްތައް ބާތިލު ކުރުމަށް އޭސީސީން ވަނީ ހަޔާ އެޑިއުކޭޝަނަށް އަންގައިފަ އެވެ.
ޒަކާތު ފަންޑުގެ ދަށުން ރާއްޖޭގައި މަތީ ތައުލީމު ހާސިލު ކުރުމަށް ހުޅުވައިލި މައްސަލަ އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހެޅި ސިޓީގެ ކޮޕީއެއް ސަންއަށް ވަނީ ލިބިފަ އެވެ.
އެ ސިޓީގައި ބުނެފައި ވަނީ ޒަކާތު ފަންޑުގެ ދަށުން ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލު ކުރުމަށް ފުރުސަތު ހުޅުވައިލުމުން އެކަމަށް ކުރި އިއުލާނާއި އެ އިއުލާނާ ގުޅިގެން ކޮށްފައިވާ އެންމެހައި މުއާމަލާތްތައް ބާތިލު ކުރުމަށް އެންގި އިރު ޒަކާތު ފަންޑުގެ ދަށުން ރާއްޖޭގައި މަތީ ތައުލީމު ހާސިލު ކުރުމަށް ހަމަޖައްސައިފައި ވަނީ އެއް އުސޫލެއްގެ ދަށުން ކަމަށް ބުނެފައި ވާ ކަމަށެވެ.
"މި ގޮތުން ކެންޑިޑޭޓުންގެ އާއިލާގެ މަސް ދުވަހުގެ އާމްދަނީއަށް ވުރެ ކުރާން ޖެހޭ ޚަރަދުގެ މިންވަރު 1000ރ. އަށް ވުރެ އިތުރުވާ ކެންޑިޑޭޓުންގެ އެޕްލިކޭޝަން ބާތިލްވާނެ ކަމަށް ޒަކާތު ފަންޑުން ރާއްޖެއިން ކިޔެވުމަށް ހުޅުވައިލި ފުރުސަތުގެ އުސޫލުގައި ވެސް ވާ" ކަމަކަށް ވާ އިރު، ރާއްޖެއިން ބޭރުގައި މަތީތައުލީމް ހާސިލު ކުރުމަށް ހުޅުވައިލި އުސޫލުގައި ވެސް އެކަން ހިމަނައިފައި ވާ ކަމަށް ބުނެފައި ވެއެވެ.
އެ ސިޓީގައި ބުނެފައި ވަނީ ލިބޭ މުސާރަ އެނގޭ ގޮތަށް އޮންނަނީ ވަޒީފާގައި އުޅޭކަން އަންގައިދޭ ލިޔުންތަކުން ކަމަށްވާތީ، އަމިއްލަ ފަރާތްތަކުގެ ވަޒީފާގައި އުޅޭ މީހުންނާއި އަމިއްލަ ވިޔަފާރި ނުވަތަ އެނޫންވެސް މަސައްކަތްކުރާ ފަރާތްތަކަށް ލިބޭ އާމްދަނީ އޮޅުވާލައިގެން ފޯމު ހުށަހެޅި ނަމަވެސް އެކަން ބެލޭނެ ގޮތެއް ނެތްކަމަށް ޒަކާތު ފަންޑުގެ ދަށުން ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލުކުރުމަށް ހުޅުވާލި އުސޫލުގައި ހިމަނާފައިވާއިރު އެ އުސޫލަކީ ވެސް ޒަކާތު ފަންޑުގެ ދަށުން ރާއްޖޭގައި މަތީތައުލީމް ހާސިލުކުރުމަށް ހުޅުވާލި އުސޫލުގައި ވެސް ހިމަނާފައިވާ ކަމެއްކަމަށެވެ.
ޒަކާތުފަންޑުގެ ސްކީމްގެ ދަށުން ރާއްޖެއިން ބޭރުގައި މަތީތައުލީމް ހާސިލުކުރުމަށް ހުޅުވާލި ސްކީމްގެ އުސޫލުގައި ކެންޑިޑޭޓަކީ ޔަތީމެއް ނަމަ ނުވަ ޕޮއިންޓް ލިބޭނެކަމަށް ބަޔާންކޮށްފައިވާ ކަމަށާއި ނަމަވެސް އޭސީސީން އެ މައްސަލަ ބެލުމަށް ފަހު ދީފައިވާ ރެކޮމަންޑޭޝަންގައި ކެންޑިޑޭޓްގެ މަންމަ ނުވަތަ ބައްޕަ ނިޔާވެފައިވާނަމަ ނުވަ ޕޮއިންޓް ލިބޭގޮތަށް އެ އުސޫލު ބައްޓަން ކުރުމަށް ލަފާދީފައިވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައި ވެއެވެ.
އޭސީސީން އެފަދަ ރެކަމޮންޑޭޝަނެއް ދިން އިރު އިސްލާމީ ނަޒަރަކުން ބަލާއިރު ބައްޕައަކީ އާއިލާގެ ޚަރަދު ބަރަދުގެ ކަންކަން ބަލަހައްޓައި އެޚަރަދު ކުރުމަށް ބޭނުންވާ ފައިސާ ހޯދަން ޖެހޭ ފަރާތްކަމަށްވެފައި ޒަކާތުކޮމެޓީން އެނުކުތާ ބައްޕައަށް ނިސްބަތްކޮށްފައި ވަނީ އިސްލާމީ ރިވެތި އުސޫލުގެ ތެރެއިން ކަމަށް ބުނެފައިވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައި ވެއެވެ. އަދި ކެންޑިޑޭޓަކީ ޔަތީމެއް ނަމަ ނުވަ ޕޮއިންޓް ލިބޭނެކަމަށް ބުނެފައި އޮތް އޮތުން މަންމަ ނުވަތަ ބައްޕަ ނިޔާވެފައިވާ ކެންޑިޑޭޓަކަށް ބަދަލު ކުރުމަށް އޭސީސީން ލަފާދީފައި ވަނީ އިސްލާމީ ރިވެތި އުސޫލާ ދެކޮޅަށް ކަމަށް ވެސް އެ ސިޓީގައި ބުނެފައި ވެއެވެ.
ކުރީން އޭސީސީން ބަލައިފައި ވަނީ ރާއްޖެއިން ބޭރުގައި ކިޔެވުމަށް ޒަކާތު ފަންޑުން އެހީ ދިނުމުގެ މައްސަލައެވެ.