06 Feb 2013, 15:34
މާލޭ ހެލްތު ސާވިސް ކޯޕަރޭޝަން ލިމިޓެޑުގައި މަސައްކަތްކުރި މުވައްޒަފަކު ވަޒީފާއިން ވަކި ކޮށްފައި ވަނިކޮށް، އޭނާ ވަޒީފާއިން ވަކި ވެފައިވާ ކަމަށް ނުބެލެވޭ ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ހުކުމް ކޮށްފި އެވެ.
ގާނޫނާ ހިލާފަށް ވަޒީފާއިން ވަކި ކޮށްފައިވާ ކަމަށް ބުނެ މާލެ ހެލްތު ސާވިސްއާ ދެކޮޅަށް އެ ތަނުގައި މަސައްކަތްކުރަމުން ދިޔަ އަބްދުﷲ ޝިނާހް ހުށަހެޅި މައްސަލައާ ގުޅިގެން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ އޭނާ ވަކިކޮށްފައި ބެހެއްޓި ދުވަސްތަކަށް ވާ ވަރަށް ފައިސާ ދިނުމަށް ވެސް ހެލްތް ސާވިސްގެ މައްޗަށް އަމުރު ނެރެފަ އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގެ ތިން މެންބަރަކު މައްސަލަ ބެލުމަށް ފަހު ބުނެފައިވަނީ އަބްދުﷲ ޝިނާހް ހެލްތް ސާވިސްއާ ދެކޮޅަށް ހުށަހެޅި މައްސަލައިގެ އެއްވެސް އަޑު އެހުމަކަށް އުޒުރެއް އެންގުމަކާ ނުލައި އެ ކުންފުނީގެ ފަރާތުން މީހަކު ހާޒިރު ވެފައި ނުވާ ކަމަށެވެ.
"ޝިނާހް ވަޒީފާއިން ވަކިކުރި ތާރީހެއް ކަމަށް ބުނެފައިވާ 27 މެއި 2012 ވަނަ ދުވަހުން ފެށިގެން މިއަދު (4 ފެބްރުއަރީ 2013) އާ ހަމައަށް އަބްދުﷲ ޝިނާހްއަށް ލިބެންޖެހޭ މުސާރަ އާއި އެންމެހާ އިނާޔަތްތައް މިއަދުން ފެށިގެން 15 ދުވަސްތެރޭގައި އަބްދުﷲ ޝިނާހްއަށް އެކީ އެއްފަހަރާ ދީ ހަލާސް ކުރުމަށް ފަހު ތިން ދުވަސް ތެރޭގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ލިޔުމަކުން އެކަން އެންގުމަށް މައްސަލަ ރައްދުވާ ހެލްތު ސާވިސް ކޯޕަރޭޝަން ލިމިޓެޑަށް އަންގައި އަމުރު ކުރަމެވެ. އެ އަމުރުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ނަޑެއްލާ ހެލްތް ސެންޓަރުގެ އެސިސްޓެންޓް މެނޭޖަރެއްގެ މަގާމުގައިހުރި ހަމްދޫނު ރަޝީދުގެ އަތުން ވަޒީފާގެ މަސްއޫލިއްޔަތުތައް ނަގާފައިވާތީ އެނާއަށް އެނާގެ ވަޒީފާގެ މަސްއޫލިއްޔަތުތައް ދިނުމަށް ވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން މިދިޔަ އަހަރު ވަނީ އަޕާ ސައުތު ހެލްތް ސާވިސްގެ މައްޗަށް ހުކުމްކޮށްފަ އެވެ.
އެހެން ނަމަވެސް ނަޑެއްލާ ހެލްތް ސެންޓަރުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ކުރި އެ ހުކުމާއި އެއްގޮތަށް އަމަލުކުރަމުން ނުދާކަމަށް ބުނެ ހަމްދޫން ވަނީ އެ މައްސަލަ ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމެޓީއަށް ހުށަހަޅާފަ އެވެ.