06 Feb 2013, 15:15
ސިވިލްސާވިސް ކޮމިޝަންގެ މެންބަރުކަމުން މުހައްމަދު ފަހުމީ ހަސަން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ ގާނޫނު އަސާސީން މަޖިލީހަށް ލިބިގެންވާ ބާރުގެ ދަށުން ކަމަށް މަޖިލީހުން ބުނެފި އެވެ.
މަޖިލީހާ ދެކޮޅަށް ފަހުމީ ކުރައްވާފައިވާ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދައުވާ އަށް ޖަވާބުދާރީވަމުން މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވީ ސިވިލްސާވިސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމާ ވަކި ކުރުމުގެ ބާރު ގާނޫނު ގާނޫނު އަސާސީން މަޖިލީހަށް ލިބިގެންވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ މެންބަރުން މަގާމާ އެކަށީގެން ނުވާކެމެއް ކޮށްފި ނަމަ އެ މެންބަރަކު މަގާމުން ވަކިކުރުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ.
ފަހުމީ މަގާމުން ވަކިކުރެއްވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނިންމާފައި ވަނީ އެ މައްސަލައިގައި ހިމެނޭ ދެ ފަރާތަށް ވެސް ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމަށް ފަހު ދެ ފަރާތުގެ ވާހަކަތަކަށް ބެލުމަށް ފަހުގައި ފަހުމީ ކުރެއްވި ކަމަށް ބުނާ ކަމަކީ ނުކުރުމަށް ވުރެ ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭތީ ކަމަށް ވެސް ފިލްޒާ ވިދާޅުވި އެވެ.
ފަހުމީ މަގާމުން ވަކިކުރުމަށް ނިންމާފައިވާ ނިންމުމަކީ އިދާރީ ނިންމުމެއްތޯ ފަނޑިޔާރުންގެ ބެންޗުން އެއްސެވުމުން ފިލްޒާ ވިދާޅުވީ މަޖިލީހުން ނިންމާފައި ވަނީ އިދާރީ ނިންމުމެއް ނޫން ކަމަށާއި އެއީ ޕާލަމެންޓްރީ ނިންމުމެއް ކަމަށެވެ.
މަޖިލީހާއި ދެކޮޅަށް އެ ދައުވާ ނުކުރެވޭނެ ކަމަށް ވިދާޅުވެ މިއަދުގެ ޝަރީއަތުގައި ފިލްޒާ އިޖުރާއީ ނުކުތާއެއް ވެސް ނެންގެވި އެވެ. ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ބުނީ އެ މައްސަލައިގެ އަޑުއެހުންތައް ބާއްވަނީ އެ ދައުވާކުރުމުގެ ބާރު ފަހުމީ އަށް ލިބިގެންވާތީ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ފަހުމީ ވަނީ ފިލްޒާގެ ވާހަކަތަކަށް އިންކާރު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އެއީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއް ނޫންކަމަށެވެ.
ފަހުމީގެ ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑޭ) ވިދާޅުވީ މަޖިލީހުން އަމަލުކޮށްފައިވާ ގޮތުން ފަހުމީގެ އަބުރާއި ކަރާމާތް ގެއްލިފައިވާ ކަމަށާއި އެއީ މަޖިލީހަށް ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ނުހައްގުން އެއްވެސް އަސާސެއް ނެތި ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބަލައި ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް ވައްޑޭ ވިދާޅުވި އެވެ.
ވައްޑޭ ވިދާޅުވީ ފަހުމީ މަގާމުން ވަކިކޮށްފައި ވަނީ ގާނޫނު އަސާސީގެ 20 ވަނަ މާއްދާ އާއި 42 ވަނަ މާއްދާ އާއި 43 ވަނަ މާއްދާގެ (ހ) އަދި 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށް ދުސްތޫރީ މަބްދައުތަކުގެ ބޭރުން ކަމަށެވެ. އެހެންކަމުން ފަހުމީ މަގާމުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނިންމި ނިންމުމަކީ ޣައިރު އިޖުރާއަތްތަކަށް ނިންމި ނިންމުމެއްކަމަށް ކަނޑައަޅައި އެ އިޖުރާއަތްތަކާ ގުޅިގެން އަޅާފައިވާ ހުރިހާ ފިޔަވަޅުތަކަކީ ބާތިލް ނިންމުމެއްކަމަށް ކަނޑައަޅައި ދިނުމަށް ވައްޑޭ އެދިވަޑައިގަތެވެ.