06 Feb 2013, 14:55
ސަރުކާރުން އައްޑޫ ސިޓީގެ ފޭދޫގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ބަޔަކު ގެއްލުން ދެމުންދާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ސަން އޮންލައިންއަށް މިއަދު މައުލޫމޫތު ދެއްވަމުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ ފޭދޫގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓް ތަކުގައި ހުންނަ ފާހާނާތައް ބަޔަކު ބޭނުން ކުރަމުންދާ ކަމަށާއި އަދި އެ ފާހާނާތަކުގައި ހުންނަ ތަޅުތަކަށާއި އެހެނިހެން ތަކެއްޗަށް ގެއްލުން ދެމުން ދާ ކަމުގެ މައުލޫމާތު ސިޓީ ކައުންސިލަށް ހުށަހެޅިފައިވާ ކަމަށެވެ.
"ފޭދޫގައި އިމާރާތް ކުރެވިފައިވާ ހައުސިން ޔުނިޓްތަކަށް މި ފަހަކަށް އައިސް ތަފާތު އެކި ގެއްލުންތައް ކޮންމެ ވެސް ބަޔަކު ދެމުން އެބަ ދޭ. އެގޮތުން ފާހާނާތަކުގައި ހުންނަ ތަޅު ހަލާކު ކޮށްގެން ފާހާނާ ބޭނުން އެބަ ކުރޭ. ފާހާނާތަކުގައި ހުންނަ ތަކެއްޗަށް ގެއްލުން ދީފައި ވެސް އެބަ ހުރި. އަދި ފެން މޯޓަރު ވަގަށް ނެގުމާއި މި ނޫނުް ވެސް ތަފާތު އެކި ގެއްލުންތައް ދެމުން އެބަ ދޭ،" ސޯބެ ވިދާޅުވި އެވެ.
ސޯބެ ވިދާޅުވީ ހައުސިން ޔުނިޓްތަކަށް ގެއްލުން ދެމުންދާ ކަމުގެ މައުލޫމާތު ކައުންސިލަށް ލިބުމުން އެކަން ފުލުހުންނަށް އަންގާފައި ވާނެ ކަމަށާއި އަދި މިހާރު އެ މައްސަލަ ފުލުހުން ބަލަމުން ދާ ކަމަށް ވެސް ސޯބެ ވިދާޅުވި އެވެ.
އައްޑޫ ޕޮލިސް ސްޓޭޝަނުން ސަން އޮންލައިންއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ފޭދޫ ހައުސިން ޔުނިޓުތަކަށް ގެއްލުން ދެމުން ދާ ކަމުގެ މައުލޫމާތު ކައުންސިލްގެ ފަރާތުން އެ ސްޓޭޝަނަށް ހުށަހަޅައިފައި ވާ ކަމަށާއި އަދި އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.
ފޭދޫ ހައުސިން ޔުނިޓުތަކުގެ ގުރުއަތު ލުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ސޯބެ ވިދާޅުވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ގުރުއަތުލުން ބާއްވާން ހަމަޖެހިފައި އޮތް ނަމަވެސް އެ ދުވަހު ގުރުއަތުންލުން ނުބޭއްވުނީ ޝަކުވާ ހުށަހަޅާން ދިން މުއްދަތުގެ ތެރޭގައި ގިނަ އަދަދެއްގެ ޝަކުވާތަކެއް ކައުންސިލަށް ލިބިފައި ވުމުން އެކަންތައް ސާފު ކުރުމަށް އިތުރު މުއްދަތު ބޭނުން ވާތީ ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރީ މިދިޔަ މަހަހުގެ 30 ވަނަ ދުވަހު ގުރުއަތުލުން ބޭވުމަށް އެހެން ނަމަވެސް ވަރަށް ގިނަ އަދަދެއްގެ ޝަކުވާ ތަކެއް ވަނީ ހުށަހެޅިފައި. އެހެން ވީމާ އެކަންތައް ސާފު ކުރުމަށް އަދި ގާތް ގަނޑަކަށް ދެ މަހެއް ހައި ދުވަސް ވާނެ. އަދި ޝަކުވާ ހުށަހަޅާން ދިން މުއްދަތު އިތުރު ކޮށްދިނުމަށް ވެސް ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ވަނީ އެދިފައި،" ސޯބެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާންމު ކޮށްފައިވާ ލިސްޓާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ގޯތީ ލިބިފައި ތިބި މީހުން ނުވަތަ ގޯތި ހުރި މީހުންގެ ނަން ލިސްޓުގައި ހިމެނުފައި ވުމުގެ ޝަކުވާގެ އިތުރުން އިވެލުއޭޓް ކުރުމުގައި މާކްސް ދީފައިވާ އުސޫލާ ގުޅޭ ގޮތުން ވެސް ވަރަށް ގިނަ އަދަދެއްގެ ޝަކުވާ ހުށަހެޅިފައިވާ ކަމަށް ސޯބެ ވިދާޅުވި އެވެ.
ސޯބެ އިތުރަށް ވިދާޅުވީ ހައުސިން ޔުނިޓްތަކަށް ޑައުންޕޭމެންޓްގެ ގޮތުގައި ދައްކަން ޖެހޭ 30000 ރ އިންސްޓޯލްމެންޓަށް ބަހާލައިގެން ދެއްކޭނެ އުސޫލް މިހާރު ހައުސިން މިނިސްޓްރީއާ ވާހަކަ ދައްކައިގެން ހަމަޖައްސާފައިވާ ކަމަށެވެ.
ސަރުކާރުން ހިންގާ ބޯހިޔާވެހި ކަމުގެ ޕޮރުގުރާމުގެ ދަށުން އައްޑޫ ސިޓީގެ ފޭދޫގައި އިމާރާތް ކޮށްފައި ވަނީ 25 ހައުސިން ޔުނިޓެވެ. އެ ހައުސިން ޔުނިޓް ތަކަށް 339 ފަރާތަކުން ވަނީ ކުރިމަތިލާފަ އެވެ.