06 Feb 2013, 14:41
އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެލަކު މަގާމުގެ ނުފޫޒު ބޭނުކޮށްގެން ވަކި ފަރާތަކަށް ފަރާތަކަށް ފައިދާއެއް ހޯދަދީފައިވާ ކަމުގެ ތުހުމަތުގައި ދައުވާކުރަން އެންޓި ކޮރަޕްޝަންސް ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.
އޭސީސީ އިން އެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަބްދުއްސަމީއު ހަސަންގެ މައްޗަށެވެ.
އޭސީސީން ބުނީ އަބްދުއްސަމީއުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެ މައްސަލަ ޕީޖީ އަށް ފޮނުވީ، 2012 ވަނަ އަހަރު ކިޔެވި ކުދިންގެނަށް ބޭނުންވާ ފޮތްތައް ޗާޕްކުރުމަށް ފަހު، އެޑިއުކޭޝަން މިނިސްޓްރީން އެ ފޮތްތައް އެކި ރަށްރަށަށް ބެހުމަށް ޓަކައި ޕާރުސަލް ކުރުމުގެ މަސައްކަތް ކުރުވުމަށް 25،000ރ.ގެ މަސައްކަތެއް އެ މިނިސްޓްރީން ކުރުވުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފުވެފައި ވާތީ ކަމަށެވެ. އަދި އެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް އެ މިނިސްޓްރީގެ ނޯޓިސް ބޯޑުގައި ކޮށްފައިވާ ޢިއުލާންގައި ސޮއި ކުރައްވާފައި ވަނީ ސަމީއު ކަމަށް ވެސް އޭސީސީ އިން ބުންޏެވެ.
މީގެ އިތުރުން އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ ފަރާތުގެ އަންހެނުންނަކީ އޭނާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ކަމަށާއި އެކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ސަމީއު ވެސް ތިން އަހަރު ދުވަހު ހޭދަކޮށްފައިވާ ކަން ތަހުގީގުގައި އެނގިފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
މާލިއްޔަތުގެ ގަވާއިދާ ހިލާފަށް އެމަސައްކަތް ކުރާނެ ބަޔަކު ހޯދަން އެޑިއުކޭޝަނުން އެ މިނިސްޓްރީގެ ނޯޓިސް ބޯޑުގައި އިޢުލާން ކުރުމުގެ ސަަބަބުން އެފަދަ މަސައްކަތްތައް ކުރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭން ޖެހޭ ހަމަހަމަ ކަމުގެ ފުރުސަތު ގެއްލޭ ކަމަށް ވެސް އޭސީސީން ބުންޏެވެ. އަދި އާއްމު ގޮތެއްގައި އެޑިޢުކޭޝަނުން ނޯޓިސް ބޯޑުގައި އިއުލާން ކުރަނީ 25،000ރ. އިން ދަށުގެ މަސައްކަތްތައް ކުުރުވުމަށް ކަން އެ މިނިސްޓްރީގެ ލިޔެކިޔުންތަކުން އެނގޭ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ މައްސަލާގައި އަބްދުއްސަމީއު ހަސަންގެ މައްޗަށް ދައުވާކޮށްދިނުމަށް ދިނުމަށް އެދި ފޮނުވާފައި ވަނީ މިދިޔަ މަހުގެ ދެވަނަ ދުވަހު އެވެ.