06 Feb 2013, 14:27
އަމީނިއްޔާ ސްކޫލުގެ ގުރޭޑް އަށެއްގެ ކުލާސްރޫމްގެ މަތީ ކޮންކްރީޓް ޝީޓްގެ ބައެއް ވެއްޓި ކުއްޖެއްގައިގަ ޖެހިއްޖެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްޓަރީ ޑރ. އަބްދުލްމުހުސިން މިއަދު ވިދާޅުވީ ގްރޭޑް 8 އެފް 06ގެ ކްލާހުގެ މަތީ ކޮންކުރިޓް ޝީޓްގެ ފުރޭމުން އެއް ފޫޓް އެއް ފޫޓުގެ ތަންގަނޑެއް ވެއްޓި ކުއްޖެއްގެ ގައިގައި މިއަދު ޖެހިފައިވާ ކަމަށެވެ. ނަމަވެސް އެ ހާދިސާގައި އެ ކުއްޖާ އަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށާއި އަދި އެ ކުއްޖާ އަށް ވެސް އެއްވެސް ވަރަކަށް ތަދު ނުވާ ކަމަށް އެ ކުއްޖާ ވެސް ބުނި ކަމަށެވެ.
"އެ ހާދިސާގައި ކުއްޖަކަށް ގެއްލުމެއްނުވޭ ނަމަވެސް އެއިގެން އެތިކޮޅަކުން ކުއްޖެއްގެ ކޮނޑުގައި ޖެހުނު. ދެން އެ ކުއްޖާ ބުނަނީ އަނެއްހެން ތަދެއްވެސް ނުވެއޭ، އެހެންނަމަވެސް އަޅުގަނޑުމެންގެ ސްކޫލުގައި މިބުނަނީ ކުޑަކޮށް ކުއްޖެއްގެ ގައިގައި ޖެހުނަސް ސްކޫލުން އެ ކުއްޖާގެ އެކްސްރޭއެއް ނަގައި ކަމެއްވެފައި ހުރިތޯ ބަލައިލައްޗޭ." ޑރ. މުހުސިން ވިދާޅުވެއްޖެ އެވެ.
މުހުސިން ވިދާޅުވީ އެ ކުލާހުގައި ތިބި ކުދިން މިހާރު އެހެން ކުލާހަކަށް ބަދަލުކޮށްފައިވާ ކަމަށާއި އަދި އެ ކްލާހުގައި އިތުރަށް ކިޔަވައިދޭނީ އެ ކުލާހަކީ ކިޔަވައި ދިނުމަށް ރައްކާތެރި ކުލާހެއްތޯ ބެލުމަށް ފަހުގައި ކަމަށެވެ.
އަމީނިއްޔާ ސްކޫލުގެ ޝީޓުން ބައެއް ވެއްޓިފައިވާ އިރު މީގެ ކުރިން ވަނީ އަރަބިއްޔާ ސްކޫލު އޭރު ހިންގި އިމާރާތުގެ މަތީ ޝީޓުން ބައެއް ވެއްޓި ހާދިސާއެއް ހިނގާފަ އެވެ. އެ ހާދިސާގައި ވެސް ކުއްޖަކަށް ގެއްލުމެއް ވެފައެއް ނުވެ އެވެ.