މާލޭގައި ވެހިކަލްތައް ޕާކް ކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށްޓަކައި ބޮޑެތި މަގުތަކުގައި މިއަހަރު ނިމުމުގެ ކުރިން ޕާކިން ޒޯން ތަކެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

ސަން އޮންލައިންއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މާލޭ ސިޓީ ކައުންސިލް މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ މާލޭގައި އިމާރާތް ކުރުމަށް މަސައްކަތް ކުރަމުންދާ ޕާކިން ބިލްޑިންތައް އިމާރާތް ކުރުމަށް ނިންމާފައި ވަނީ ކޮންޓްރެކްޓް ފައިނޭންސް އުސޫލުން ކަމަށާއި ޕާކިން ބިލްޑިން ތަކުގައި ޕާކް ކުރުމަށްޓަކައި ކޮންމެ ވެސް ވަރެއްގެ ފީ އެއް ނެގޭނެ ކަމަށެވެ.

"މަލޭގައި ވެހިކަލް ތައް ޕާކް ކުރުމުގެ މައްސަލަ މި ވަނީ ވަރަށް ބޮޑު ބެފަ. އެހެން ކަމުން އަޅުގަނޑުމެން ނިންމާފިން މާލޭގައި ޕާކިން ބިލްޑިން ތަކެއް އިމާރާތް ކުރަން. އެގޮތުން ސޯސަން މަގުގައި ޕާކިން ބިލްޑިން އެއް އިމާރާތް ކުރެވޭނެ. ސްޕްރީމް ކޯޓް ބިއްދޮށުގަ އޮތް ތަނުގަ ޕާކިން ބިލްޑިން އެއް އެޅޭނެ. އަޅުގަނޑުމެން މި ބަލަނީ ހަތަރު ބުރީގެ ޕާކިން ބިލްޑިން ޒޯން ތަކެއް އެލޭނެ ކަމަށް. އޭރުން ގާތް ގަޑަކަށް އެ ބިލްޑިން ތަކުގައި ގާތް ގަޑަކަށް 800 އެއްހާ ވެހިކަން ޕާކް ކުރެވޭނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ މިކަމުގައި ޓްރާންސްޕާޓް އޮތޯރިޓީން ލިބެން ޖެހޭ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ފުރިހައަށް ލިބެމުން އަންނަ ކަމަށެވެ. އަދި ފެށޭ ހަފްތާ ތެރޭގައި ހައުސިން މިނިސްޓްރީގެ ޓެކްނިކަން ބޭފުޅުންނާއި އެކީ މަޝްވާ ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އުންމީދު ކުރަނީ ފެށޭ ހަފްތާގެ ކުރިން ޕާކިން ބިލްޑިން ތައް އިމާށރާތް ކުރުމަށް އިއުލާން ކުރުމް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ޕާކިން ބިލްޑިންތައް އިމާރާތް ކުރެވިގެން ދިއުމުން މާލޭގައި ޕާކް ކުރުމަށް ދިމާވެފައިވާ ދަތިކަން ވަރަށް ބޮޑަށް ހައްލު ވެގެން ދޭނެ ކަމަށެވެ. އަދި ވިހާ ވެސް އަވަސް މުއްދަތެއްގެ ތެރޭގައި މަސައްކަތް ފެށޭނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.