މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ކުލަބް ވެލެންސިއާ އާއި ނިއު ރޭޑިއަންޓް އިއްޔެ ހަވީރު ކުޅުނު އެކުވެރިކަމުގެ ޕްރެކްޓިސް މެޗު ހަމަނުޖެހުމަކަށް ބަދަލުވެ، އެންމެ ފަހުން އެމެޗް ނުކުޅެ ހުއްޓާލައިފި އެވެ.

އިއްޔެގެ މެޗް ހުއްޓާލި އިރު، 2-0 ލަނޑުގެ ލީޑަކާއެކު ކުރީގައި އޮތީ ނިއުރޭޑިއަންޓެވެ.

ޓާފް ދަނޑުގައި އިއްޔެ ހަވީރު ނިއުއާ ދެކޮޅަށް ވެލެންސިޔާ ކުޅުނު އެކުވެރި ކަމުގެ ޕްރެކްޓިސް މެޗް ބަލަން ދިޔަ މީހަކު ބުނީ، އިއްޔެގެ މެޗް ހަމަނުޖެހުމަކަށް ބަދަލުވެ ހުއްޓާލަން ޖެހުނީ ވެލެންސިޔާގެ މުހައްމަދު ރަޝީދު (ހޮކޭ) އާއި ނިއުގެ އަލީ އުމަރާ ޖެހުނު މައްސަލައެއްގައި، އެންމެ ފަހުން އެދެ މީހުން ދަނޑުމަތީ ގައި މަރާމާރި ހިންގި ހިސާބުންނެވެ. އަދި އެއަށް ފަހު ދެ ޓީމުގެ ބައެއް ކުޅުންތެރިން ވަނީ އެކަކުއަނެކަކަށް "ބޭއަދަބީ ބަސްތަކުން" ރައްދު ދީފައި ކަމަށް ވެސް އޭނަ ބުންޏެވެ.

އަލީ އުމަރާއި ހޮކޭ އިއްޔެ ޕްރެކްޓިސް މެޗްގައި މާރާމާރި ހިންގި ކަމަށް ބުނާ ފޮޓޯއެއް މިއަދު އެފްބީގައި ވަނީ އާންމު ވެފަ އެވެ. އެ ފޮޓޯ އިން ފެންނަ ގޮތުގައި ހޮކޭ އަލީ އުމަރުގެ ގައިގައި ޖަހަން އަތް މަޅާލާ މަންޒަރު ފެންނައިރު، އަލީ އުމަރު ވެއްޓެންދާތަން ފެނެ އެވެ. އަދި ދަނޑުމަތީގައި ހޮކޭ ހުރީ ބޫޓަށް ނާރާކަންވެސް އެފޮޓޯއިން ފެނެ އެވެ.

ސަންއަށް މައުލޫމާތު ލިބިފައިވާ ގޮތުން އެދެކުޅުންތެރިން މިހާރު ވަނީ މާފަށް އެދިފައިވާ އިރު، އިއްޔެގެ މެޗުގައި އަލީ އުމަރުގެ ގާގައި ހޮކޭ ޖެހީ ބެންޗުގައި އިދެފައި ގޮސްކަމަށް ވެސް މަންޒަރު ދުށް މީހަކު ސަންއަށް ކިޔައިދިނެވެ.

މިކަމާގުޅޭ ގޮތުން ވެލެންސިޔާގެ ބަހެއް އަދި ލިބިފައި ނުވާ އިރު، ނިއުގެ ބަހެއް ވެސް އަދި ލިބިފައެއް ނުވެއެވެ.

މި އަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވާމެޗް މިމަހުގެ 21 ވަނަ ދުވަހު ކުޅުމަށް އެފްއޭއެމްއިން ނިންމާފައިވާ އިރު، މި އަހަރުގެ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން އެންމެ ވަރުގަދައަށް ތައްޔާރު ވަމުން އަންނަ ކުލަބުތަކުގެ ތެރޭގައި ނިއު އާއި ވެލެންސިޔާ ހިމެނެ އެވެ.