06 Feb 2013, 13:58
މަސްވެރިންގެ ސަބްސިޑީގެ ގޮތުގައި މިދިޔަ އަހަރުގެ ބަޖެޓްގައި ކަނޑައެޅި 100 މިލިއަން ރުފިޔާގެ ތެރެއިން މަސްވެރިންނަށް ދޫކޮށްފައި ވަނީ 10.8 މިލިއަން ރުފިޔާ ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗަރު މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ބަޖެޓްގައި ސަބްސިޑީގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ ފައިސާ ދޫނުކުރާ ކަމަށް ބުނެ، ސަރުކާރުގެ މަސްއޫލިއްޔަތު ކޮމެޓީ އަށް ފިޝަރީޒް މިނިސްޓަރު ޝަފީއު އާއި އެންސްޕާގެ ޗެއާމަން ތޯރިގު އަލީ ލުތުފީގެ އިތުރުން އެންވާރަމަންޓް މިނިސްޓްރީގެ އިސް ބޭފުޅުންތަކެއް ރޭ ވަނީ ކޮމެޓީ އަށް ހާޒިރުކޮށްފަ އެވެ.
ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ޝަފީއު ވިދާޅުވީ މަސްވެރިންނަށް ސަބްސިޑީ ދޫކުރެވެނީ މާލިއްޔަތު ކޮމެޓީން ކަނޑައަޅާ އުސޫލެއްގެ މަތިން ކަމަށާއި މިދިޔަ އަހަރު މަސްވެރިންގެ ސަބްސިޑީ ދޫކުރުން ލަސްވެގެންދިޔައީ ކޮމެޓީން އެ އުސޫލު ކަނޑައެޅިލެއް ލަސްވުމުން ކަމަށެވެ. މިދިޔަ އަހަރު މަސްވެރިންނަށް ސަބްސިޑީ ދޭނެ އުސޫލެއް މާލިއްޔަތު ކޮމެޓީން ކަނޑައަޅާފައި ވަނީ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. އަދި އެ އުސޫލުގެ ދަށުން މަސްވެރިންނަށް ސަބްސިޑީ ދޫކުރަން ފިޝަރީޒް މިނިސްޓްރީން ފަށާފައި ވަނީ ނޮވެންބަރު މަހުގެ ތެރޭގައި ކަމަށާއި އަހަރު ނިމުނު އިރު މަސްވެރިންގެ ސަބްސިޑީގެ ޖުމްލަ 10،881،402ރ. ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިދިޔަ އަހަރު މަސްވެރިންގެ ސަބްސިޑީގެ ގޮތުގައި ކަނޑައެޅި 100 މިލިއަން ރުފިޔާ ހަރަދު މިކުރެވެނީ ނިމިދިޔަ އަހަރުގެ 31 ޑިސެންބަރުގެ ނިޔަލަށް. އެންހެންމަވެސް އަޅުގަނޑުމެންނަށް އެ އުސޫލުގަ އޮތް ގޮތައް އެއްކޮށް ހަލާސް ނުކުރެވޭނެ ކަމަށް ވަނީ އަންގާފައި،" ޝަފީއު ވިދާޅުވި އެވެ.
މަސްވެރިންނަށް ދޫކުރާ ސަބްސިޑީގެ ތެރެއިން ތެލުގެ ސަބްސީޑީގެ ގޮތުގައި އުޅަނދުފަރަށް ފައިސާ ދޫކުރަނީ 72 ހޯސްޕަވަރުން ދަށުގެ އިންޖީނުތަކަށް ވަކި އަދަދެއް، އަދި 72 ހޯސްޕަވަރުން ފެށިގެން 300 ހޯސްޕަވަރުގެ އިންޖީނުތަކަށް ވަކި އަދަދެއް، އަދި 150 ހޯސްޕަވަރުގެ އިންޖީނުތަކަށް ވަކި އަދަދަކަށް ފައިސާ ދޫކުރާ ގޮތަށެވެ. ތެލުގެ ސަބްސީ ދޫކުރުމަށް މިދިޔަ އަހަރުގެ 124 އުނޅަދު ވަނީ ފިޝަރީޒްގައި ރަޖިޓްރީކޮށްފަ އެވެ.
ދައުލަތުގެ ބަޖެޓްގައި މިއަހަރު ވެސް މަސްވެރިންގެ ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައި ވަނީ 100 މިލިއަން ރުފިޔާ އެވެ. އެ ފައިސާ މަސްވެރިންނަށް މިއަހަރު ދޫކުރުމަށްޓަކައި އަންނަ ހަފްތާއެއްގެ ތެރޭ، މާލިއްޔަތު ކޮމެޓީގެ މަޝްވަރާއަށް ފޮނުއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިއަހަރުގެ ބަޖެޓްގައި ދަނޑުވެރިންނަށް ސަބްސިޑީގެ ގޮތުގައި ދޫކުރުމަށް 50 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓްގައި ކަނޑައަޅާފައިވެ އެވެ. ނަމަވެސް އެ ފައިސާ ދޫނުކުރަނީ ދަނޑުވެރިންގެ ތަފްތަރު ސައްހަ ކުރުމަށްފަހުގައި ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީގެ މިދިޔަ އަހަރުގެ ދަނޑުވެރިންގެ ދަފްތަރުން ދައްކާގޮތުން 7453 ދަނޑުވެރިއަކު ސަބްސިޑީއަށް ރަޖިސްޓްރީކޮށްފައިވެ އެވެ. ނަމަވެސް އެ ދަފްތަރާމެދު ގިނަ ޝަކުވާތަކެއް އަންނަންފެށުމުން ކައުންސިލްތަކާ މަޝްވަރާކޮށްގެން ދަނޑުވެރިންގެ ޖުމްލަ އަދަދު ހޯދައި ސަބްސިޑީގެ ފައިސާ ހައްގުވާ ފަރާތްތަކަށް ދެއްވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.