ސްނާމީ އާއި ބިންހެލުން ފަދަ ކާރިސާތަކަށް ފަހު އަލުން އާރާސްތު ކުރުމުގައި ދުނިޔެ އިން އެންމެ ފާހަގަކޮށްލެވޭ އެއްގައުމު ކަމަށްވާ ޖަޕާނަށް ދިވެހި ދަރިވަރުންތަކެއް ޒިޔާރަތްކޮށް، އެކަމާ ބެހޭ މައުލޫމާތާއި ތަޖުރިބާ ހޯދައިފި އެވެ.
އޭޝިއާ އާއި އޯޝަނިއާ އަދި އުތުރު އެމެރިކާގެ ގައުމުތަކުގެ ޒުވާނުންގެ މެދުގައި މައުލޫމާތާއި ތަޖުރިބާ ހިއްސާކުރުމަށް ޖަޕާނު އިންޓަނޭޝަނަލް ކޯޕަރޭޝަން ސެންޓަރު (ޖޭއައިސީއީ) އިން ހިންގާ ކިޒުނާ (ބޮންޑް) ޕްރޮޖެކްޓްގެ ދަށުން ރާއްޖޭން ޖަޕާނަށް ދިޔައީ ހަ ދަރިވަރުންނާއި ސްޕަވައިޒަރެކެވެ.

ދުނިޔޭގެ 41 ގައުމެއްގެ ދަރިވަރުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ކިޒްނާ ޕްރޮޖެކްޓްގައި އޮތީ އެކި އެކި ކާރިސާތަކުގައި ގެއްލުންތައް ލިބުމަށް ފަހު އަލުން އާރާސްތު ކުރަމުން އަންނަ ޖަޕާނުގެ އެކި ސަރަހައްދުތަކަށް ޒިޔާރަތްކޮށް، އެތަން އާރާތްކުރުމަށް ކުރަމުންދާ މަސައްކަތްތައް ދައްކާލުމާއި މައުލޫމާތު ދިނުމެވެ.

ކިޒްނާ ޕްރޮޖެކްޓްގެ ދަށުން ޖަޕާނަށް ދިޔަ ދިވެހި ދަރިވަރުން ޒިޔާރަތްކުރި ތަންތަނުގެ ތެރޭގައި ކާރިސާތަކުގައި ގެއްލުން ލިބިފައިވާ ޖަޕާނުގެ ސަރަހައްދުތައް ކަމަށްވާ އިވާޓޭ އާއި މިޔާގީއާއި ފުކުޝީމާއާއި އިބަރާކީ ހިމެނޭ ކަމަށް ދަރިވަރުންނާ އެކު ސްޕަވައިޒަރެއްގެ ގޮތުގައި ވަޑައިގެންނެވި ޒީނަތު ޒަކީ ވިދާޅުވި އެވެ.

ދަރިވަރުން ޖަޕާނުގައި ކުރި ކަންތައްތަކުގެ ތެރޭގައި ތަގުރީރުތައް އަޑު އެހުމާއި ބިންހެލުންތަކުގައި ގެއްލުން ވެފައިވާ ތަންތައް އަލުން އާރާސްތު ކުރުމަށް ކުރާ މަސައްކަތްތައް ބެލުމާއި ވޮލަންޓިއާ ކޮށް އެފަދަ ބައެއް މަސައްކަތްތަކުގައި ބައިބެރިވުން ހިމެނެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 10،000 ކުދިން ބައިވެރި ކުރުމަށް ހަމަޖެހިފައިވާ ކިޒްނާ ޕްރޮޖެކްޓްގެ ދަށުން މިފަހަރު ކުރި ދަތުރުގައި ބައިވެރިކޮށްފައި ވަނީ ސާކްގެ އަށް ގައުމުގައި ޖަޕާނު ބަސް ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރެއިން ހޮވާލި ދަރިވަރުންތަކެކެވެ.