06 Feb 2013, 13:04
ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓްގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިގްރީ ޕްރޮގްރާމެއް ފެށުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ އިސްންޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީސް އާއި އޮސްޓްރޭލިޔާގެ ޔުނިވާސިޓީ އޮފް ވެސްޓަން ސިޑްނީ އާ އެކު އެމްޔޫއޯއެއްގައި ސޮއިކޮށްފި އެވެ.
މިއަދު މޯލްޑިވްސް ޕޮލިސް ސާވިސްގެ އިސްކަންދަރު ކޮށީގައި އޮތް ރަސްމިއްޔާތެއްގައި އެ އެމްއޯޔޫގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރު އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒު އެވެ. އަދި ވެސް ޓަސް ސިޑްނީ ޔުނިވާސިޓީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ޑައިރެކްޓަރު އެޑިޔުކޭޝަން ޕާޓްނާޝިޕްސް އެތަނުގެ ޑީން އަދި ސީއީއޯ ޑޮކްޓަރު ކެރީ ހަޑްސަން އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިނާ ވާހަކަ ދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް ވިދާޅުވީ މިއަދު ސޮއިކުރި މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިންގެ ދަށުން މޯލްޑިސްވް ޕޮލިސް ސާވިސް އިން ހިންގާ އިސްންޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީސް (އައިއެސްއެލްއީއެސް)ގައި މުޅިން އަލަށް ފެށުމަށް ހަމަޖެހިފައިވާ ޑިގްރީ ޕްރޮގްރާމަށް ޔުނިވާސިޓީ އޮފް ވެސްޓާން ސިޑްނީ (ޔޫޑަބްލިޔުއެސް)ގެ ފަރާތުން ބޮޑެތި އެހީތަކެއް ހަމަޖެހިގެން ދާނޭ ކަމަށެވެ.
"ކޯހުގައި ކިޔަވާ ދަރިވަރުންނަށް ޔުނިވާސިޓީ އޮފް ވެސްޓަން ސިޑްނީގެ ރިސާޗް އީ-ލައިބްރަރީ ފެސިލިޓީސް އަށް އެކްސަސް ކުރެވޭނެ. އަދި އެ ބޭފުޅުންގެ ރިސާޗުތައް އަޅުގަނޑުމެންނާ ޝެއާ ކުރެވޭނެ. އެ ބޭފުޅުންގެ އިންސްޓްރަކްޓަރުން، ލެކްޗަރާސް އިން މައިގަނޑު ގޮތެއްގައި ކޯހުގައި ކިޔަވައި ދެއްވާނީ،" ކޮމިޝަނަރު ވިދާޅުވި އެވެ.
ރިޔާޒު އިތުރަށް ވިދާޅުވީ މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އޮސްޓްރޭލިޔާގެ ޔުނިވާސިޓީ އޮފް ވެސްޓަން ސިޑްނީއިންގެ ފަރާތުން ރާއްޖޭގައި ހިންގައިދޭ ޑިގްރީ ކޯހަކީ ރާއްޖެއާ ގުޅޭ ގޮތަށް ފަރުމާކޮށްފައިވާ ކޯހެއް ކަމަށާއި ޔޫޑަބްލިޔުއެސް އިން އެކްރެޑިޓްކުރާ އަދި އެ ޔުނިވާސިޓީގެ ސެޓްފިކެޓް ލިބިގެން ދާނޭ ކޯހެއް ކަމަށެވެ. އަދި މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ލޯ އެންފޯސްމެންޓުގެ ދާއިރާގައި މަސައްކަތް ކުރަށްވާ ކޮންމެ ފަރާތަކަށް ވެސް ލިބިގެން ދާނޭ ކަމަށެވެ.
ޑޮކްޓަރު ކެރީ ހަޑްސަން ފާހަގަ ކުރެއްވި ގޮތުގައި މިއަދު ސޮއިކުރި އެއްބަސްވުމަކީ ދެ ފަރާތަށް ވެސް ބޮޑެތި ފައިދާތަކެއް ލިބިގެންދާނޭ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން މިފަދަ އެހީގެ ޕްރޮގްރާމެއްގައި ބައިވެރުވުމުގެ ފުރުސަތު ލިބުމަކީ އެ ޔުނިވާސިޓީން ވަރަށް ބޮޑަށް އުފާކުރަށްވާ ކަމެއް ކަމަށެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އިން މައުލޫމާތު ދެއްވި ގޮތުގައި އައިއެސްއެލްއީއެސްއީ އާއި ޔޫޑަބްލިޔުއެސް ގުޅިގެން ފަށާ ޑިގްރީ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މާޗު މަހުގެ 24 ވަނަ ދުވަހު އެވެ. އަދި ކޯހުގެ ފުރަތަމަ ބުރުގައި ޖުމުލަ 50 ދަރިވަރުން ދެޔުނިޓަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހުގެ ފީއަކީ 2500 ޑޮލަރު (38،550ރ.) އެވެ.