06 Feb 2013, 12:39
ޖަރުމަންގެ ބަޔާން މިއުނިކަކީ ސްޕެއިންގެ ރެއާލް މެޑްރިޑާއި ބާސެލޯނާއާ އެއް ފެންވަރުގެ ޓީމެއް ކަމަށް ބަޔާންގެ ފްރާންސް މިޑްފީލްޑަރު ފްރޭންކް ރިބަރީ ބުނެފި އެވެ.
ބަޔާންގައި އިސް ދައުރެއް އަދާކުރަމުންދާ ރިބަރީ ދެކޭގޮތުގައި އެކުލަބުން ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި ބާސާ އަށް ކުރިން ކޯޗުކަން ކޮށްދިން ޕެޕް ގާޑިއޯލާ ބަޔާންއާ ގުޅުމުން އެކްލަބު އެންމެ މޮޅެތި ކްލަބުތަކުގެ ތެރޭގައި ހިމެނިގެން ދިއުމުގެ ސަބަބެއް ކަމަށް ވެގެން ދާނެ ކަމަށް ރިބަރީ ބުނެފައި ވެއެވެ.
"ގާޑިއޯލާ އަކީ ގާޑިއޯލާ. ގާޑިއޯލާ ބާޔާން އާއި ގުޅުމުން މިކްލަބަކީ އެހެން ކްލަބުތަކާ ތަފާތު ކުލަބެކޭ ނުބުނެވޭނެ. ގާޑިއޯލާގެ ސޮއި ހޯދިއްޖެ ކްލަބަކީ ވަރަށް މޮޅު ކްލަބަކަށް ވާނެ. މެޑްރިޑް އަދި ބާސާ އާއެކު، ބަޔާން އަކީ އެންމެ މޮޅު ތިން ކްލަބުގެ ތެރޭގައި ހިމެނޭ ކްލަބެއް." ރިބަރީ ބުންޏެވެ.
ރިބަރީ ވަނީ ބަޔާންގެ މިހާރުގެ ކޯޗް ޔުޕް ހޭންކޭސް އަށް ތަޢުރީފްކޮށްފަ އެވެ. އަދި ރިބަރީގެ ފުޓްބޯޅަ ކެރިޔަރު ނިންމާލަން ބޭނުންވަނީ ބަޔާން އިން ކަމަށް ރިބަރީ ބުނެފައި ވެއެވެ. "ބަޔާންގައި އަހަރެންގެ ހިތްވަރު ގެނެސްދިނީ ހޭންކޭސް. ބަޔާން ދޫކޮށް ދެވޭނެކަމަކަށް އަހަރެންނަކަށް ގަބޫލެއް ނުކުރެވޭ." ރިބަރީ ބުންޏެވެ.
ބަޔާން މިވަގުތު އޮތީ ޖަރުމަން ބުންޑަސްލީގާގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތް ބޮރޫސިއާ ޑޯޓްމުންޑާއި ބަޔާން އާއި ދެމެދު ބާރަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
ބަޔާން ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ވެސް ޖާގަ ހޯދާފަ އެވެ.