06 Feb 2013, 12:19
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއި ޕާކިސްތާންގެ ގައުމީ ޓީމު މި މަހުގެ 12 އަދި 14 ވަނަ ދުވަހު ކުޅޭ އެކުވެރިކަމުގެ ދެ މެޗުގައި ދިވެހި ޓީމަށް ސަޕޯޓް ކުރުމަށް ވީހާ ވެސް ގިނަ ބަޔަކު ރަތް ކުލައިގެ ހެދުމެއް ތުރުކުރައްވައިގެން ދަނޑަށް ވަޑައިގަތުމަކީ ޓީމުގެ ވަރަށް ބޮޑު އެދުމެއް ކަމަށް ދިވެހި ޓީމުން ބުނެފި އެވެ.
ދިވެހި ޓީމުގެ މެނޭޖަރު އިބްރާހިމް އާމިރު (ސަލްސާ އާމިރު) ވިދާޅުވީ، ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔަކީ 12 ވަނަ ކުޅުންތެރިޔާ ކަމަށާއި އެ ކުޅުންތެރިޔާ އަކީ ރަތް ކުލައިގެ ހެދުމެއް ތުރުކުރައްވައިގެން ޓީމަށް ސަޕޯޓް ކުރެއްވުމަށްޓަކައި ދަނޑަށް ވެދެވަޑައިގަންނަވާ ކުޅުންތެރިޔާ ކަމަށެވެ. އަދި ޓީމަށް އެންމެ ބޭނުން ވަނީ ވެސް ދިވެހި ސަޕޯޓަރުންގެ "ހިތްވަރު ގަދަ ސަޕޯޓް" ކަމަށް ވެސް އާމިރު ވިދާޅުވިއެވެ.
"ޓީމުގެ އެންމެ ބޮޑު އެދުމަކީ ވީހާ ވެސް ގިނަ ބޭފުޅުން ޓީމަށް ސަޕޯޓް ކުރެއްވުމަށްޓަކައި ރަތް ކުލައިގެ ހެދުމެއް ތުރުކުރައްވައިގެން ދަނޑަށް ވަޑައިގަތުން. އަންހެން ބޭފުޅަކު ވިޔަސް އަދި ފިރިހެން ބޭފުޅަކު ވިޔަސް. ދިވެހި ޓީމުގެ ހިތްވަރަކީ ދިވެހި ސަޕޯޓަރުން." އާމިރު ވިދާޅުވި އެވެ.
ޕާކިސްތާނާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ ދެ މެޗަށް ގައުމީ ޓީމަށް މިހާރު ވަނީ 27 ކުޅުންތެރިންގެ ސްކޮޑެއް ނަގައިފައެވެ. އެހެން ނަމަވެސް އެ ދެ މެޗް ކުޅުމުގެ ކުރިން ސްކޮޑަށް ބަދަލުތަކެއް އަންނާނެ ކަމަށް އެފްއޭއެމް އިން ބުނެފައި ވާ އިރު، އެ ދެ މެޗަށް ދިއުމުގެ ކުރިން 18 ނުވަތަ 20 އަށް ކުޅުންތެރީންގެ އަދަދު މަދުކުރާނެ އެވެ.
މާލޭގައި ކުޅޭ އެ ދެ މެޗަށް ތައްޔާރު ވުމުގެ ގޮތުން ގައުމީ ޓީމުގެ ފަރިތަކުރުންތައް ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 8:00 ޖަހާއިރު ގަލޮޅު ރަސްމީ ދަނޑުގަ އެވެ.
ޕާކިސްތާނާ އެކު ދިވެހި ޓީމުން އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ހަމަޖައްސާފައި މި ވަނީ 2014 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެ މުބާރާތް ރާއްޖޭގައި ބާއްވާތީ އޮޓޮމެޓިކް ޖާގައެއް މިފަހަރު ރާއްޖެ އަށް ލިބިފައި ވުމުން މިއަހަރު ކުޅޭ ކޮލިފައިން މެޗުތަކުގައި ރާއްޖެ ކުޅޭކަށް ނުޖެހެ އެވެ.