ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަކީ ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ ކަމަށް ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ)ގެ ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗް ބުނެފި އެވެ.

ސްވިޑަން ގައުމީ ޓީމްގެ ކެޕްޓަންކަން އަދާކުރަމުންދާ އިބްރަހިމޮވޗް ވަނީ ދެ ސީޒަނެއްގައި އާޖެންޓީނާ ގައުމީ ޓީމްގެ ކެޕްޓަން މެސީއާ އެކު ބާސާ އަށް ކުޅެފަ އެވެ. މެސީ އަށް އެހާ ގިނަ ކާމިޔާބީތައް ލިބިފައިވަނީ އޭނާ އަކީ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާތީ ކަމުގައި އިބްރަހިމޮވިޗް ބުނެފައިވެ އެވެ.

"މެސީ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އިންޑިވިޖުއަލް ފެންވަރަށް ބަލާނަމަ، މެސީ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ. އޭނާ އަށް އެހާ ގިނަ ކާމިޔާބީތައް ލިބެމުން އެދެނީ އެހެންވެ. މެސީގެ ފަރާތުން އަބަދު ވެސް ފެންނަމުންދަނީ އެއް ފެންވަރެއްގެ ކުޅުން." އިބްރަހިމޮވިޗް ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ޕީއެސްޖީ ދަތުރުކޮށްފައިވާ އިރު، އެ ޓީމުން އިތުރަށް ކުޅުން ވަރުގަދަކުރަން ޖެހޭނެ ކަމުގައި އިބްރަހިމޮވިޗް ބުނެފައިވެ އެވެ. "އަހަރެމެން ދެން ކުރިމަތިލާން ޖެހޭނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރާއި. އެހެންކަމުން ކުރިން ދެއްކި ކުޅުމަށް ވުރެ، ރަނގަޅު ކުޅުމެއް ދެވަނަ ބުރުގައި ދައްކަން ޖެހޭނެ." އިބްރަހިމޮވިޗް ބުންޏެވެ.

މިސީޒަނުގައި ޕީއެސްޖީ އިން ދައްކަމުންދާ މޮޅު ކުޅުމުގެ ފަހަތުގައި ހުރި އެންމެ މުހިންމު އެއް ކުޅުންތެރިޔަކީ އިބްރަހިމޮވިޗް އެވެ. ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޕީއެސްޖީ ނުކުންނަން ޖެހޭނީ ވެލެންސިއާއި ދެކޮޅަށެވެ.