ރިކްޓަ މިންގަނޑުން 8.0ގެ ބާރު މިނުގައި ސޮލޮމަން އައިލެންޑްސްގެ އައްސޭރިފަށަށް އައި ބިން ހެލުމަކަށް ފަހު އެ ގައުމަށް ސްނާމީއެއް އަރައި ގެއްލުންތައް ލިބިއްޖެ އެވެ.

ޕެސިފިކް ކަނޑުގެ ޖަޒީރާގައުމެއް ކަމަށްވާ ސްލޮމަން އައިލެންޑްއަށް އައި ސުނާމީގައި ހަތަރު ފޫޓް 11 އިންޗީގެ އުސްމިނުގައި ރާޅު އެރި ކަމަށާއި އެ ރާޅުތަކުގެ ސަބަބުން ސަންތާ ކްރޫޒް ނަމަކަށް ކިޔާ ރަށުން 50 ގެ ހަލާކުވި ކަމަށް އެ ގައުމުގެ އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ ދަ އިންޑިއަން އެކްސްޕްރެސް ނޫހުން ބުންޏެވެ.
ސޮލޮމަން އައިލެންޑްސްގެ ބޮޑުވަޒީރުގެ ތަރުޖަމާނު ޖޯޖް ހާމިންއާ ހަވާލާދީ ނޫހުން ބުނީ ސުނާމީގެ ސަބަބުން އެއްވެސް މީހަކު މަރުވި ނުވަތަ ޒަހަމްވި ކަމުގެ ރިޕޯޓެއް އަދި ލިބިފައި ނުވާ ކަމަށާއި މީހުން ދަނީ އުސް ބިންތަކަށް ދަތުރުކުރަމުން ކަމަށެވެ.

ޕެސިފިކް ސްނާމީ ވޯނިން ސެންޓަރުން ބުނީ ސޮލޮމަން އައިލެންޑްސްގެ ލާތާ ވާފް ނަމަކަށް ކިޔާ ރަށަށް ތިން ފޫޓްގެ އުސްމިނުގައި ސްނާމީއެއް އެރި ކަމަށެވެ.

ސޮލޮމަން އައިލެންޑްސްއަށް ސުނާމީ އަރާފައި މިވަނީ އެ ގައުމަށް ސުނާމީއެއް އަރާފާނބެ ކަމަށް ،ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ދިން އިންޒާރު ކެންސަލް ކޮށްފައި ވަނިކޮށެވެ.

ސޮލޮމަން އައިލެންޑްސްއަށް 2007 ވަނަ އަހަރު އެރި ސްނާމީއެއްގައި 50 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް ބައެއްގެ ގެދޮރު ގެއްލުނެވެ.

ސޮލޮމަން އައިލެންޑްއަކީ އަލިފާން ފަރުބަދަ ގޮވުމާއި، ބިން ހެލުން އައުން ފަދަ ކަންތައްތައް ގިނައިން ހިނގާ "ޕެސިފިކް ރިންގް އޮފް ފަޔާ"ގެ ތެރޭގައި ވާ 200 ރަށުގެ މައްޗަށް އެކުލެވޭ ޖަޒީރާ ގައުމެކެވެ. އެގައުމުގެ އާބާދީ އަކީ 552000 މީހުންނެވެ.