06 Feb 2013, 11:16
ހާޓު އެޓޭކެއް ޖެހި ކުއްލި ގޮތަކަށް ގއ. ވިލިނގިލީގައި މިއަދު ހެނދުނުގެ ވަގުތެއްގައި ދެ މީހަކު މަރުވެއްޖެ އެވެ.
ވިލިގިނލީގައި މަރުވި ދެ މީހުންނަކީ ގއ. ވިލިނގިލީ މޫނިމާވިލާ، އިސްމަތު ނިޒާރު، 33، އާއި ވިލިނގިލީ އިރުމަތީ މަންޒިލް އަހުމަދު ހާރިސް،58، އެވެ.
ވިލިނގިލީ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި އަސްމާ އަބްދުﷲ ވިދާޅުވީ މިއަދު ހެނދުނުގެ ވަގުތެއްގައި އެ ހޮސްޕިޓަލަށް ގެންދިޔަ އެ ދެ މީހުންގެ ތެރެއިން އިސްމަތް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށާއި ހާރިސް މަރުވީ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.
"އިސްމަތަކީ ކުއްޑޫގައި މަސައްކަތް ކުރާ މީހެއް އޭނާ އަކީ ކޮންމެވެސް ވަރަކަށް ހާސްވާ މީހެއް. ދެން އެތާ ހުއްޓައި މޭގައި ރިއްސާފައި ހާސްވާތީ މިތަނަށް ގެނައީ. މިތަނަށް ގެނައިިއިރު ވެސް އޮތީ މަރުވެފައި. އޭނާ މަރުވެފައި ވަނީ ހާޓް އެޓޭކެއް ޖެހިގެން. ހާރިސް ހޮސްޕިޓަލަށް ގެނައި އިރު ވެސް ބީޕީއެއް ނެތް، ނަަމަވެސް ނޭވާލެވޭ، އޭނާ މަރުވީ ހިތުގެ މައްސަލައެއްގައި ކަމަށް ޑޮކްޓަރުން ލަފާ ދެއްވާ،" އަސްމާ ވިދާޅުވި އެވެ.
އަސްމާ ވިދާޅުވީ އެ ދެ މީހުން ކުރެ އެކަކު ވެސް މަސްތުވާތަކެތި ބޭނުން ކޮށްފައިވާ ކަމުގެ އަލާމަތްތަކެއް ފެންނަން ނެތް ކަމަށެވެ.
އެ ދެ މީހުންގެ މަރާއި ހުޅުމާލެ އަދި މާލޭގައި މަރުވި ދެ މީހުންގެ ހާލަތާ އެއްވެސް ގުޅުމެއް ކަމުގެ މައުލޫމާތު ސަން އަށް ލިބިފައެއް ނުވެ އެވެ.
ފުލުހުން ބުނީ އެ ދެ މީހުންގެ ތެރެއިިން އިސްމަތު މަރުވީ ކޫއްޑޫގައި މަސައްކަތް ކުރަން އުޅެނިކޮށް ނޭވާ ހާސްވެގެން ކަމަށާއި ހާރިސް މަރުވެފައި ވަނީ މަހަށް ގޮސް އުޅެނިކޮށް ނޭވާލާން ދަތިވެގެން ކަމަށެވެ.