08 Oct 2010, 06:13
ކުދި އާބާދީތަކެއް އެކުލެވޭ ވަކިވަކި ކުދި ރަށްތަކެއްގައި ކުރެވޭނެ ތަރައްޤީގެ މަސައްކަތަށްވުރެ، ބޮޑެތި އާބާދީތައް ހިމެނޭ ރަށްރަށަށް ކުރެވޭނެ މަސައްކަތް ބޮޑުވެފައި ފުޅާވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އާދަވެގެން ކޮންމެ ހުކުރު ދުވަހު ދެއްވާ އެމަނިކުފާނުގެ ރޭޑިއޯ ހިތާބުގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އިދާރީގޮތުން ބައެއް ރަށްތައް ގުޅުވާލުމަށް މާދަމާ ނަގާ ފެންނަ ނުފެންނަ ވޯޓާ ބެހޭގޮތުން މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަށްރަށް ގުޅުވާލުމުން ލިބޭ އިގްތިސާދީ ފައިދާތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން، ރާއްޖޭގެ ކުދިރަށްތައް އިދާރީގޮތުން އެއްރަށް އަނެއް ރަށާ ގުޅުވާލައި ބޮޑު އާބާދީއެއް އޮންނަ އިދާރީ ދާއިރާއަކަށް ހެދުމުން ތަރައްޤީއަށް ކުރާނެ ފައިދާތަކުގެ މައްޗަށް ބައްލަވާލެއްވި އެވެ. އަދި ރަށްތައް އެއްކޮށްލައިގެން ހިންގާ އިގްތިސާދުގެ ފައިދާ ހުރިހާ ރަށަކަށްވެސް ހަމަހަމަ ގޮތުގައި ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެއްރަށް އަނެއް ރަށާއި، އެއް ޕްރޮވިންސް އަނެއް ޕްރޮވިންސާއި އަދި އެއް ޤައުމު އަނެއް ޤައުމާ ގުޅިގެން ނޫނީ ތަރައްގީ ނުހޯދޭނެކަން އިންސާނީ ތަޖުރިބާ ދައްކާފައިވެ އެވެ.
"ސަރުކާރުންވެސް އަދި އެހީދޭ ޖަމާއަތްތަކުންވެސް، އަޅުގަނޑުމެންނަށް ހެޔޮއެދޭ ފަރާތަކުންވެސް އަޅާލަން ބަލާއިރުގައި، ދެހާސް ފައްސަތޭކަ މީހުން ދިރިއުޅޭ ރަށަކާ އަޅާލުން އައުލާކަންބޮޑު، ގާތް، ވަރަށް ކުޑަކުޑަ އަދަދަކަށް މީހުން އުޅޭ ރަށަކާ ހިންގާ ނަޒަރަށްވުރެ ބޮޑު ކަމުގައި"، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ގައުމުގެ މުޅި ޖުމްލަ ތަރައްގީއަށްޓަކައި މިކަން ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ރާއްޖެއަށް ތަރައްގީ އަޅުގަނޑުމެންނަށް ހޯދޭނީ، މިބަދަލު ގެނެސްގެން ކަމަށް ދެކިވަޑައިގަންނަވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.
އެހެންނަމަވެސް، މިކަމުގައި ރައްޔިތުންގެ ފިކުރު އެހެން އަތަކަށް ހުރުމަކީ ސަރުކާރަކުންވެސް އަދި ހުދު އެމަނިކުފާނުވެސް އެކަމާ އިންކާރު ކުރައްވާނެ ނުވަތަ ކިރިޔާވެސް ނުރުހުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާނެ ޖާގައޮތް ސަބަބެއް ނޫން ކަމަށާއި، އިރާދަކުރެއްވިއްޔާ އެހެނެއް އެކަމެއް ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.