އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޮންފަރެންސް (އޯއައިސީ) ގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް މިސްރުގެ ވެރިރަށް ގާހިރާއަށް ވަޑައިގެންނެވުމުން އީރާނުގެ ރައީސް އަހުމަދީ ނިޖާދަށް ހޫނު މަރުހަބާއެއް ލިބިވަޑައިގެންނެވި އެވެ.

ނަމަވެސް މަރުހަބާ ކިޔަން އެއްވި މީހުންގެ ތެރެއިން ޒުވާނަކު އަހުމަދީ ނިޖާދަށް އަމާޒުކޮށް ބޫޓްގެ ހަމަލާއެއް ފޮނުވާލާ މަންޒަރު ފެންނަ ވީޑިއޯއެއް ތުރުކީގެ ނޫސް އެޖެންސީއަކުން މިހާރު ވަނީ އާއްމުކޮށްފަ އެވެ.

ވީޑިއޯ އިން ފެންނަ ގޮތުން އީރާނުގެ ރައީސް އަހުމަދީ ނިޖާދަށް މަރުހަބާ ކިއުމަށް އެއްވެފައިވާ މީހުންގެ ތެރެއަށް، މިސްރުގެ ރައީސް މުހައްމަދު މުރުސީއާއެކު އޭނާ ވެދެވަޑައިގަންނަވަ އެވެ. އެވަގުތު އެދެބޭފުޅުންނާ ވަރަށް ގާތުގައި ހުރި ޒުވާނަކު އޭނާގެ ބޫޓް އަތަށް ހެޔޮވަރު ކޮށްލުމަށް ފަހު ނިޖާދާ ދިމާއަށް ހޫރާލާ މަންޒަރު ފެނެ އެވެ.

ތުރުކީގެ އަނަޑޮލޫ އެޖެންސީން އާއްމު ކުރި އެ ވީޑިއޯ އިން ފެންނަ ޒުވާނާ އެއްލި ބޫޓް ނުވަތަ ފައިވާން އެރީ ރައީސް އަހުމަދީ ނިޖާދުގެ ބޮޑީގާޑެއްގެ ގަޔަށް ކަމަށް އެ އެޖެންސީއާ ހަވާލާދީ އެމެރިކާގެ ހަފިންޓަން ޕޯސްޓުން މިއަދު ބުންޏެވެ.

http://www.youtube.com/watch?v=TaLCKY8FRoI

ފައިވާން ނުވަތަ ބޫޓުން ޖެހުމަކީ މެދު އިރުމަތީގެ ގައުމުތަކުގައި މީހަކަށް އިހުތިރާމް ނުކޮށް، ނިކަމެތި ކޮށްލުމުގެ އެންމެ މަތީ އަމަލުގެ ގޮތުގައި އޮންނަ ކަމެކެވެ. އީރާނު ސަރުކާރާ ގާތް ގުޅުމެއް އޮންނަ މުރުސީގެ ސަރުކާރުން މި މައްސަލައިގާ އެޅީ ކޮންފިޔަވަޅެއް ކަމެއް އަދި ނޭނގެ އެވެ.

މެދުއިރުމަތީގައި މީގެ ކުރިން ހިނގާފައިވާ މިފަދަ އެންމެ މަޝްހޫރު ހާދިސާއަކީ އިރާގުގެ ނޫސްވެރިއަކު އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްއަށް ބޫޓުން ހަމަލާދިން ހާދިސާ އެވެ.