06 Feb 2013, 10:16
އިނގިރޭސި ވިލާތުގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑަކީ އެއްވަނަ ޓީމްކަން ސާބިތުކޮށްދޭންވީ ވަގުތު އައިސްފައިވާ ކަމަށް ޔުނައިޓެޑްގެ ފްރާންސް ޑިފެންޑަރު ޕެޓްރީސޭ އެވްރާ ބުނެފި އެވެ.
ޕްރެމިއާ ލީގުގެ އެއްވަނާގައި މިވަގުތު އޮތް ޔުނައިޓެޑުން ވަނީ ނުވަ ޕޮއިންޓްގެ ލީޑަކާއެކު ހަމަޖެހިލާފަ އެވެ. ދެވަނާގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އެވެ. ޗެމްޕިއަންސް ލީގުގައި އަންނަ ހަފްތާގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ޔުނައިޓެޑް ނުކުންނަން ޖެހޭނެ އެވެ.
މިދިޔަ ސީޒަންގައި ހުސް އަތާއި ނިންމާލަން ޖެހުނު ގޮތަށް މިފަހަރު އެކަން ތަކުރާރު ނުކުރުމަށް ޔުނައިޓެޑްގެ ކުޅުންތެރިންނަށް އެވްރާ ގޮވާލާފައިވެ އެވެ.
"މިއީ އަހަރެމެންނަށް ވަރަށް ރަނގަޅު ވަގުތެއް. ޕްރެމިއާ ލީގުގައި މިމަހު ރަނގަޅު ކުޅުމެއް ދައްކަން ޖެހޭނެ. ނަމަވެސް ޗެމްޕިއަންސް ލީގުގައި މެޑްރިޑާއި ދެކޮޅަށް ވެސް ނުކުންނަން ޖެހޭނެ. އަހަރެމެންނަކީ އެއްވަނަ ޓީމްކަން ސާބިތުކޮށްދޭންވީ ވަގުތަކީ މިއީ." އެވްރާ ބުންޏެވެ.
ޕްރެމިއާ ލީގުގައި ޔުނައިޓެޑަށް ނުވަ ޕޮއިންޓްގެ ލީޑެއް ލިބިފައިވީ ނަމަވެސް މިދިޔަ ސީޒަންގެ ހަނދާންކޮށް އެހާ ފަސޭހަކޮށްލެވެން ނެތްކަމަށް ވެސް އެވްރާ ބުނެފައިވެ އެވެ. "މިދިޔަ ސީޒަން ނިމިގެންދިޔައީ އަހަރެމެންނަށް އެއްވެސް ކާމިޔާބެއް ނުލިބި. އަދި ޕްރެމިއާ ލީގެއް ނުނިމޭ. އެންމެ ފަހުގެ ހަނދާންތައް އާކޮށް އެކަމަށް ސަމާލުވާން ޖެހޭނެ." އެވްރާ ބުންޏެވެ.
މިމަހުގެ 13 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މެޑްރިޑާއި ދެކޮޅަށް ނުކުންނަ އިރު، ފުރަތަމަ ލެގުގައި ޔުނައިޓެޑް ކުޅެންޖެހޭނީ މެޑްރިޑްގެ ދަނޑުގަ އެވެ.