ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުގެ މެދުގައި ކުރިއަށްދާ އިންޓަ އޮފީސް 16 ވަނަ ބާސްކެޓް ބޯޅަ މުބާރާތުގައި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ކުޅުނު ދެ ވަނަ މެޗުން ވެސް އެޓީމް މޮޅުވެއްޖެ އެވެ.

މުބާރަތުގެ ފުރަތަމަ މެޗް އެއާޕޯޓުގެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ އައިލެންޑް އޭވިއޭޝަންއާ ވަދަކޮށް 58 ޕޮއިންޓް 37 ޕޮއިންޓުންނެވެ.

މުބާރާތުގައި އެއާޕޯޓްސް ކޮމްޕެނީގެ ޓީމުގެ ކުޅުނު ދެ ވަނަ މެޗުން ރޭ މޮޅުވީ އެމްއެންޑީއެފްއާ ބައްދަލުކޮށް 66 ޕޮއިންޓް 50 ޕޮއިންޓުންނެވެ.

މާފަންނު ސްޓޭޑިއަމްގައި އޮންނަ އައުޓްޑޯ ކޯޓުގައި ރޭ ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެއާޕޯޓްސް ކޮމްޕެނީ ޓީމުގެ ޒަކަރިއްޔާ އަބްދުލް ލަތީފެވެ.

ރޭގެ މެޗުން ބަލިވި އެމްއެންޑީއެފްގެ ޓީމަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިނީ މުހައްމަދު އަރުޝަނައެވެ. އޭނަ ވަނީ މެޗުގައި ބަޔަށް 12 ޕޮއިންޓް ހޯދައިދީފަ އެވެ.

ޖުމްލަ ފަސް ޓީމް ވާދަކުރާ މުބާރާތުގައި މިރޭ 9:00 ޖަހާ އިރު ބައްދަލުކުރާ ދެ ޓީމަކީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި އައިލެންޑް އޭވިއޭޝަން ސާވިސްގެ ޓީމެވެ.

މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެއް ފައިނަލް ކުޅޭ ގޮތަށެވެ. ފައިނަލް މެޗް ކުޅޭނީ މިމަހުގެ 12 ވަނަ ދުވަހުގެ ރެ އެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ އިމިގްރޭޝަން އެވެ.