06 Feb 2013, 10:13
ބަޔާން މިއުނިކް ޓީމްގައި ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނުމުގެ ބަދަލުގައި މިހާރު ވެސް އެކްލަބުގައި ހުރި ފްރާންސް މިޑްފީލްޑަރު ރިބަރީއާކު ކުޅެން ބޭނުންވާ ކަމުގައި ބަޔާންގެ ކެޕްޓަން ފިލިޕް ލާމް ބުނެފި އެވެ.
މިސީޒަނާއި ރިބަރީ ކުރިމަތިލީ ވަރަށް ރަނގަޅު ފޯމަކާ އެކު އެވެ. އެގޮތުން ބަޔާން އަށް ރިބަރީ ކުޅުނު ފަނަރަ މެޗުގައި ހަތަރު ގޯލް ކާމިޔާބު ކޮށްދީފައިވެ އެވެ. ޖަރުމަން ގައުމީ ޓީމްގެ ކެޕްޓަންކަން ކުރަމުންދާ ލާމް ގަބޫލުކުރާ ގޮތުގައި ރިބަރީ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށެވެ.
"ބަޔާންގެ ޓީމްގައި ރޮނާލްޑޯ އަށް ވުރެ ރިބަރީ ހުރުން މާ ރަނގަޅުވާނެ. ރިބަރީ އަކީ އަމިއްލަ އެދުމާއެކު ކުޅޭ ކުޅުންތެރިއެއް ނޫން. ރިބަރީ ކުޅެމުންދަނީ ޓީމެއްގެ ގޮތުގައި. އަހަރެން ކުޅެން ބޭނުމީ ރިބަރީއާ އެކު. ރިބަރީ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް." ލާމް ބުންޏެވެ.
ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި މިރޭ ފްރާންސް ގައުމީ ޓީމާ ދެކޮޅަށް ޖަރުމަން ގައުމީ ޓީމް ނުކުންނަ އިރު، ލާމް އަށް ރިބަރީ އާއި ކުރިމަތިލާން ޖެހޭނެ އެވެ. އެމެޗުގައި ރިބަރީ ހިފަހައްޓަން އުނދަގޫތަކަކާއި ކުރިމަތިލާން ޖެހޭނެ ކަމުގައި ލާމް ބުނެފައިވެ އެވެ.
"އަހަރެން އޭނާ ހިފަހައްޓަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. އަހަރެންނަށް އެނގޭ ރިބަރީ ހިފެހެއްޓުމަކީ ފަސޭހަ ކަމަކަށް ނުވާނެކަން. ހާއްސަކޮށް އޭނާގެ ބާރުމިނުގައި ދާއިރު ހިފަހައްޓަން ވަރަށް އުނދަގޫވާނެ." ލާމް ބުންޏެވެ.
އެކުވެރިކަމުގެ މެޗެއްގައި މިރޭ ފްރާންސް އާއި ދެކޮޅަށް ޖަރުމަން ނުކުންނަން ހަމަޖެހިފައި ވަނީ މިރޭ 1:00 ޖަހާއިރު އެވެ. މިމެޗުގެ އިތުރުން ވެސް އެކުވެރިކަމުގެ ގިނަ މެޗުތަކެއް މިރޭ ކުރިއަށްދާނެ އެވެ.
އެގޮތުން ފާހަގަކޮށްލެވޭ މެޗުތަކުގެ ތެރޭގައި ހިމެނެނީ ސްޕެއިންއާއި އުރުގުއޭ ބައްދަލުކުރާ މެޗާއި، އިނގިރޭސިންނާއި ބްރެޒިލް ބައްދަލުކުރާ މެޗާއި، ނެދަލޭންޑްސް އާއި އިޓަލީ ބައްދަލުކުރާ މެޗުގެ އިތުރުން ސްވިޑެން އާއި އާޖެންޓީނާ ބައްދަލުކުރާ މެޗެވެ.