މަސްމަރާ ބަޑިއެއް ރާއްޖެ އެތެރެކޮށް ގެންގުޅުނު މީހަކު 5000ރ. އިން ޖޫރިމަނާ ކޮށްފި އެވެ.

އެ މައްސަލައިގައި ޖޫރިމަނާކޮށްފައި ވަނީ މ. ދިއްގަރު އަޒުމް އަހުމަދު އަސްއަދު އެވެ.

ކްރިމިނަލް ކޯޓުން ހޯމަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހުގެ ރޭ 8:00 އެހާކަންހާއިރު ހުޅުމާލޭ ފެރީން އަސްއަދު މާލެ އައިއިރު މަސްމަރާ ބަޑިއެއް ގެންގުޅެފައިވާ ކަމަށް ޝަރީއަތުގައި އޭނާ އިއުތިރާފުވެފައިވާ ކަމަށެވެ.

އެ ހުކުމްގައި ބުނަނީ އޭނާ އަށް އެބަޑި ލިބުނީ 2011 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރާއްޖެ އައިސްއުޅުނު ސްޕެއިންގެ ބައެއްގެ އަތުން ކަމަށް އޭނާ ބުނި ނަމަވެސް އެކަން އޭނާ އަށް ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.

އޭނާ ޖޫރިމަނާ ކޮށްފައި ވަނީ ރާއްޖެ އަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ ދަށުންނެވެ. އަދި އޭނާ ދައްކަން ޖެހޭ ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ހުކުމްގައި އޭނާ އަށް ވަނީ އަންގައިފަ އެވެ.