06 Feb 2013, 09:43
ކުލަބް އީގަލްސް އާއި ވީބީ އައްޑޫ އެފްސީ ބައްދަލު ކުރި ކުއާޓާ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަ ވީ އިރު ދޭއް ދޭކުން ދެ ޓީމު އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން ފަހެއް ހަޔަކުން އީގަލްސް ބަލިކޮށް ވީބީ ސެމީފައިނަލަށް ދަތުރު ކޮށްފި އެވެ.
އިއްޔެހަވީރު ގަލޮޅު ދަނޑުގައި ކުޅުނު ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި ފުރަތަމަ ކުރި ހޯދީ އީގަލްސްއިންނެވެ. އީގަލްސްއަށް ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ 12 ވަނަ މިނިޓުގައި އިބްރާހީމް މުބީން އަބްދުއްރަހީމް އެވެ. ފުރަތަމަ ހާފުގެ ފަހުމިނިޓުގައި ވީބީގެ އަހްމަދު ޝުޖާއު ކާމިޔާބު ކޮށް ދިން ލަނޑާ އެކު ފުރަތަމަ ހާފު ނިމުނީ އެކެއް އެކަކުން ދެ ޓީމު އެއްވަރު ވެ އޮވެގެންނެވެ.
ދެވަނަ ހާފުގެ 84 ވަނަ މިނިޓުގައި ވީބީއަށް ކުރި ހޯދައި ދިނީ އެޓީމުގެ އިސްމާއީލް ޒުހައިން ޒާހިރު އެވެ. އެހެން ނަމަވެސް ވީބީ އިން ވަނީ މެޗުގެ އިތުރު ވަގުތަށް ދެއްކި ހަތް މިނިޓުގެ ތެރެއިން ހަވަނަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށް އީގަލްސްއާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަ ވީ އިރު ދެ ޓީމު ހަމަހަމަ ވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. އެގޮތުން ވީބީން ހަތަރު ޕެނަލްޓީ ކާމިޔާބު ކުރި އިރު އީގަލްސްއަށް ކާމިޔާބު ކުރެވުނީ ތިން ޕެނަލްޓީ އެވެ.
މެޗުގައި ވީބީ އިން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ފުރަތަމަ ޕެނަލްޓީ ޖެހި ހުސައިން ޒާހިރުގެ ޕެނަލްޓީ ކާމިޔާބު ނުވި އިރު ބާކީ ހަތަރު ޕެނަލްޓީ ކާމިޔާބު ކޮށްދިނީ އިސްމާއީލް ޒުހައިން ޒާހިރު އާއި، އަހްމަދު ޝުޖާއު އާއި އާދަމް އިސްމާއީލްގެ އިތުރުން އިބްރާހީމް ރަޝީދު އެވެ.
މެޗުގައި ކުލަބް އީގަލްސްއިން ޕެނަލްޓީ ޖެހި އަބްދުﷲ ސަމީހު މޫސާއާއި ޔަސްފާދު ހަބީބު އާއި މުހައްމަދު ތަޝްމީންގެ ޕެނަލްޓީ ކާމިޔާބު ކުރިއިރު އިބްރާހީމް މުބީން އަބްދުއްރަހީމް އާއި ހަމްދާން އިބްރާހީމް ޖެހި ޕެނަލްޓީ ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
އިއްޔެގެ މެޗުގައި ޖުމުލަ ހަތް ރީނދޫ ކާޑާއި ރަތް ކާޑެއް ފެނިގެން ގޮސްފައި ވާ އިރު އޭގެ ތެރެއިން ހަ ރީނދޫ ކާޑު ދައްކާފައި ވަނީ ވީބީ ކުޅުންތެރިންނަށެވެ. އަދި އަދި މެޗުގެ ފަހު ހާފުގެ އިތުރު ވަގުތުގައި ވީބީގެ އަހްމަދު ޒިއާން މުހައްމަދަށް ވަނީ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.
ކުއާޓާ ފައިނަލުގެ ތިންމެޗު ކުޅުނު އިރު ސެމީފައިނަލުގެ ޖާގަ ކަށަވަރު ކޮށްފައިވަނީ، ބީޖީ ސްޕޯޓްސް އާއި، ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބާއި ވީބީ އައްޑު އެފްސީ އެވެ.
ކުއާޓާގެ ފަހުމެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ ކުލަބް ވެލެންސިޔާ އާއި ކެލާ ނާޅި ސްޕޯޓްސް ކުލަބެވެ. މެޗު ފެށުމަށް ހަމަޖެހިފައިވަނީ 4:05 ގަ އެވެ.