06 Feb 2013, 09:36
ޕެރިސް (ފެބްރުއަރީ 6): މާލީގައި ހަނގުރާމަކުރަމުން ގެންދާ ފަރަންސޭސި ސިފައިން އަންނަ މާޗް މަހު އެގައުމުން ބާލަން ފަށާނެ ކަމަށް ފަރަންސޭސިވިލާތުން ބުނެފި އެވެ.
ފަރަންސޭސި ނޫހެއްކަމަށްވާ މެޓްރޯ އަށް ދެއްވި ބަޔާނެއްގައި ފަރަންސޭސި ޚާރިޖީ ވަޒީރު ލޮރަން ފެބިއޮސް ވިދާޅުވީ މާލީގައި ދިގުމުއްދަތަކަށް ސިފައިން ބޭތިއްބުމުގެ ޕްލޭނެއް ނެތްކަމަށާއި މާލީގެ އިދިކޮޅު ހަނގުރާމަވެރިންނާ ދެކޮޅަށް ޢަސްކަރީ އޮޕަރޭޝަންތައް ހިންގާ ފަރަންސޭސި ސިފައިން އަންނަ މާޗް މަހު އެގައުމުން ބާލަން ފަށާނެކަމުގަ އެވެ. އޭނާ ވިދާޅުވީ މާލީގައި ދާއިމީ ގޮތަކަށް ސުލްޙަ ބަލަހައްޓާނީ އެފްރިކާގެ ބާރުތަކުން ކަމަށާ ފަރަންސޭސި ސިފައިން ނޫންކަމުގަ އެވެ. ފަރަންސޭސި ސިފައިން މާލީން ބާލައި ނިމޭނެ ތާރީޚެއް ފެބިއޮސް ހާމައެއް ނުކުރައްވަ އެވެ. ފަރަންސޭސި ސިފައިން މާލީއަށް ވަދެގަތީ މީގެ މަހެއްހާ ދުވަސްކުރިން މާލީގެ ސަރުކާރުގެ އެދުމުގެ މަތިންނެވެ.
މިހާރު މާލީގައި ފަރަންސޭސި ސިފައިންގެ 4000 މީހުންގެ ލަޝްކަރެއް ޙަރަކާތްތެރިވަމުން ގެންދެ އެވެ. ފަރަންސޭސި ސިފައިން ޢާންމުގޮތެއްގައި ހަނގުރާމަކުރަމުން ގެންދަނީ މާލީގެ އުތުރުގަ އެވެ. މާލީގެ އިދިކޮޅު ހަނގުރާމަވެރިންނަކީ އަލްޤާޢިދާއާ ގުޅިފައިވާ ޓެރަރިސްޓުންގެ ބައެއް ކަމަށް މާލީ ސަރުކާރުންނާއި ފަރަންސޭސިވިލާތުން ސިފަކުރަމުން ގެންދާއިރު ފަރަންސޭސި ސިފައިން މާލީގެ ބައެއް ރައްތަކަށް ދީފައިވާ ވައިގެ ޙަމަލާތަކުގައި ކުށެއްނެތް އާންމުންގެ އެތައް ސަތޭކަ ބަޔަކު މަރުވެފައިވާކަމުގެ ރިޕޯޓްތަކެއްވަނީ ފެންމަތިވެފަ އެވެ. ނަމަވެސް ފަރަންސޭސި ދިފާއީ ވުޒާރާ އިން ވަނީ މާލީގެ އުތުރުގެ ސަރަޙައްދުތަކަށް ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދިން ވައިގެ ޙަމަލާތަކުގައި "އިސްލާމީ ޓެރަރިސްޓުން"ގެ އެތައް ސަތޭކަ ބަޔަކު މަރާލެވިފައިވާ ކަމަށްބުނެ މިއީ ޙާސިލްކުރެވުނު ކާމިޔާބީ އެއް ކަމަށް ސިފަކޮށްފަ އެވެ.
އަނެއްކޮޅުން ފަރަންސޭސިވިލާތުގެ ޢަސްކަރީ އެހީތެރިކަމާ އެކު ހަނގުރާމަކުރާ މާލީގެ ސިފައިންގެ އެގައުމުގެ އާންމުންނާދެކޮޅަށް ޤަތްލުޢާންމުތައް ހިންގާފައިވާ ކަމުގެ ރިޕޯޓްތަކަކާ ގުޅިގެން އދ. ންވަނީ ކަންބޮޑުވާކަން ހާމަކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން މާލީން ފޭބުމަށް ފަރަންސޭސިވިލާތުން ބޭނުންވަނީ އެގައުމުގައި ހަނގުރާމަ ކުރުމަށް ބޭނުންވާ ޚަރަދު ފަރަންސޭސިވިލާތުގެ ބަޖެޓުން ކުރެވެން ނެތުމުގެ ސަބަބުންނެވެ. ހީނަރުވެފައިވާ ފަރަންސޭސި އިޤްތިސާދު މިހާރުއޮތީ ބޭރުގައުމެއްގައި ދިގުމުއްދަތަކަށް ހަނގުރާމަ ކުރެވޭފަދަ ޙާލަތެއްގައި ނޫންކަމަށް ފަރަންސޭސި ނޫސްތަކުންވެސް ބުނެފައިވެ އެވެ.
ހުޅަނގަށް ތާއީދުކުރާ ގަލްފުގެ ޢަރަބި ގައުމުތަކުން މާލީގެ ހަނގުރާމައަށް ބޭނުންވާ ފަންޑް ހޯދުމަށް ފަރަންސޭސި ރައީސް ފްރާންސްވާ އޮލާންދްކުރެއްވި މަސައްކަތްތައްވަނީ ނާކާމިޔާބުވެފައެވެ. (ނޫސްއެޖެންސީތައް)