ހިއުމަން ރައިޓްސް ކޮމިޝަންގެ އެންޖީއޯ ނެޓްވޯކްގައި ހިމެނޭ މަދަނީ ޖަމިއްޔާތަކުން އިންސާނީ ޙައްޤުތަކާ ގުޅުން ހުރި ހަރަކާތްތައް ހިންގުމަށް ކޮމިޝަނުގެ މާލީ އެހީތެރިކަމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ފަސް ޖަމިއްޔާ އަކަށް މާލީ އެހީ ހަވާލުކޮށްފި އެވެ. ޖަމިއްޔާތަކާ އެހީ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެ ކޮމިޝަނުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.


އެޗްއާރުސީއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި އަހަރު އެހީ ދިނުމަށް ނިންމާފައިވާ ފަސް ޖަމިއްޔާއަކީ އއ. މަތިވެރި އަށް ނިސްބަތްވާ "އެސޯސިއޭޝަން ފޯ މަތިވެރި ސްޕޯޓްސް އެންޑް އެވެއަނެސް (އަމްސާ)" އާއި، ފުވައްމުލަކަށް ނިސްބަތްވާ "ސަކްސެޝަން ފޯ ވިމެންސް ސްޕޯޓްސް ސޮސައިޓީ" އާއި ނ.ޅޮހީ "ސީޑް އެސޯސިއޭޝަން" އާއި، ހަމަ އެ ރަށު "ޅޮހި ޒުވާނުންގެ ކްލަބް" އަދި ސ. ހިތަދޫ "ޓޭކް ކެއަރ" އެވެ.


ހިއުމަންރައިޓްސް ކޮމިޝަނުގެ ރައީސް މަރިޔަމް އަޒުރާ މިރޭ ވިދާޅުވީ ފަސް ޖަމިއްޔާ އަށް ޖުމްލަ ދެއްވީ ފަންސާސް ހާސް ރުފިޔާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން އެކި ޖަމިއްޔާތަކަށް ދެއްވި ވަރުގައި ތަފާތުތަކެއް ހުންނާނެ ކަމަށާއި އެ ތަފާތަކީ އެ ފަރާތްތަކުން ހުށަހެޅި ޕްރޮޕޯސަލްގެ ތަފާތު ކަމަށެވެ.


އެޗްއާރްސީއެމުން ބުނީ ކުރިމަގުގައި ވެސް ޖަމިއްޔާތަކަށް މާލީއެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ. އަދި ކުރިމަގުގައި މިއަށް ވުރެ ގިނަ ޖަމިއްޔާތަކަށް އެހީތެރިވުމަށް އުއްމީދުކުރާ ކަމަށާއި ޖަމިއްޔާތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަމުގެ ސަބަބުން އިތުރު ހިތްވަރަކަށް ވެގެންދާނެކަމަށް އުއްމީދުކުރާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާތަކަށް އެހީތެރިވެ ހިތްވަރުދީ، އެ ޖަމްޢިއްޔާތަކުގެ އެހީތެރިކަން ލިބިގަތުމުގެ މަޤްޞަދުގައި ޤާއިމް ކުރެވިފައިވާ ހިއުމަންރައިޓްސް އެންޖީއޯ ނެޓްވޯކްގައި ހިމެނޭ ޖަމިއްޔާތަކަށް ފަންނީ، މާލީ އަދި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެޗްއާރްސީއެމް އިން ނިންމާފައިވެ އެވެ. ނެޓްވޯކްގެ ބައިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ކޮމިޝަނުން ގެންގުޅޭ އުސޫލު އެޗްއާރްސީއެމްގެ ވެބްސައިޓް މެދުވެރިކޮށް ވަނީ ޢާއްމުކޮށްފަ އެވެ.
އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމާޢައްތަކަށް އެހީތެރިވެ، ހިތްވަރުދިނުމަކީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގައި ކޮމިޝަންގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.