14:30


ސްވިޒަލޭންޑްގެ ޖެނީވާގައި ޤާއިމްކޮށްފައި ހުރި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބައެއް ޖަމާޢަތްތަކުގެ އިސް ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައްދަލުކުރައްވައިފި އެވެ.


ރައީސް ޔޫރަޕަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އެސޯސިއޭޝަން ފޮރ ދަ ޕްރިވެންޝަން އޮފް ޓޯޗަރ އާއި، ހިއުމަން ރައިޓްސް ވޮޗާއި، އެމްނެސްޓީ އިންޓަނޭޝަނަލާއި، އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސް އާއި، ނޯތް- ސައުތް 21ގެ އިސްބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާތައް ބިނާކުރެއްވީ، ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތައް ހަރުދަނާކުރުމާ ބެހޭގޮތުން ކަމަށާއި އަދި ވަކިން ޚާއްޞަކޮށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރުމުގެ ދާއިރާގައި މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމާ ބެހޭގޮތުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މިދަނޑިވަޅުގައި މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުން ވަރަށް މުހިންމުކަން ފާހަގަކުރައްވައި، ސަރުކާރުން ބޭނުންވަނީ މިފަދަ ޖަމްޢިއްޔާތައް މިހާރަށްވުރެ ހަރުދަނާވެގެންދިޔުން ކަމުގައި ވިދާޅުވި އެވެ. އަދި، މިކަމުގައި ސަރުކާރުން ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ދެއްވާނެ ކަމަށާއި، ބައިނަލްއަޤްވާމީ މިފަދަ ޖަމާޢަތްތަކުގެ އެހީތެރިކަން ވަރަށް ބޭނުންތެރި ކަމުގައި ވިދާޅުވި އެވެ.


ރައީސުލްޖުމްހޫރިއްޔާ ސްވިޒަލެންޑަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ޖެނީވާއަށް ވަޑައިގަތީ އިއްޔެ އެވެ.