ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންނާ ދެކޮޅަށް ކުރީގައި ދައުލަތުން ދައުވާ އުފުލާފައި އެބަހުރި ކަމަށާއި އެފަދަ ދައުވާތައް އަނބުރާ ގެންދިއުމަށް އިސްލާމިކް މިނިސްޓަރު ސަރުކާރަށް ގޮވާލައްވައިފި އެވެ.

ރޭ ވީޓީވީގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ދީނީ އިލްމު ވެރިންނާ ދެކޮޅަށް ކުރީގައި އުފުލާފައި ހުރި ދައުވާތަކަކީ ހުއްދަނެތި ދީނީ ނަސޭހަތް ދިނުމުގެ ދައުވާތައް ކަމަށެވެ.

އޭނާ ވިދާޅުވީ ދީނީ ނަސޭހަތް ދިނުމުގެ ގާބިލުކަން ހުރި ޔުނިވަސިޓީ ފެންވަރަށް ތައުލީމު ހާސިލް ކުރައްވައިގެން ތިއްބެވި ބޭފުޅުންގެ މައްޗަށް ހުއްދަ ނެތި ދީނީ ނަސޭހަތް ދިނުމުގެ ދައުވާއެއް މިހާރު މިއޮތް ގާނޫނު އަސާސީގެ ދަށުން އުފުލިއްޖެ ނަމަ އެއީ އެބޭފުޅަކަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ.

"ބައެއް އިލްމުވެރިންނަށް ކުރީގައި އުފުލިފައި ހުރި ދައުވާތައް އެބަހުރި، މިސާލަކަށް ޝެއިޚް ފަރީދު. އެބޭފުޅާގެ މައްޗަށް އުފުލިފައި ހުރި ދައުވާތަކަކީ ހުއްދަނެތި ދީނީ ނަސޭހަތް ދިނުމުގެ ދައުވާތައް. އަޅުގަނޑު މިކަމާ ބެހޭ ގޮތުން ޝެއިޚް ފަރީދުއާ ވާހަކަ ދައްކައިފިން. އަޅުގަނޑު އިސްލާމިކް މިނިސްޓަރުގެ ހައިސިއްޔަތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގައި އެދެން މި ގޮތަށް ހުރި ދައުވާތައް އަނބުރާ ނަގަން. އެއީ ވަރަށް އަނިޔާވެރިކޮށް އުފުލިފައި ހުރި ދައުވާތަކެއް. ދީނީ ނަސޭހަތް ދިނުމުގެ ގާބިލްކަން ހުރި ޔުނިވަސިޓީ ފެންވަރަށް ތައުލީމު ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެއްގެ މައްޗަށް އެފަދަ ދައުވާއެއް އަމުދުން މިހާރު މި އޮތް ގާނޫނު އަސާސީގެ ދަށުން އުފުލިގެން ނުވާނެ،" ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދީނީ ނަސޭހަތް ދިނުމުގެ މިނިވަންކަން މިހާ ފުޅާކޮށް ހުޅުވާލެވިފައި އޮތް ދުވަސްވަރެއްގައި އިލްމުވެރިޔާ ދީނާ ޚިލާފް އެއްޗެއް ނުބުނާ ހިނދަކު އެ މީހާގެ ގާބިލުކަން ހުރި މިންވަރަކުން ދީނަށް ދައުވަތު ދިނުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

"އިލްމުވެރިޔާ ދީނާ ޚިލާފު އެއްޗެއް ނުބުނާހާ ހިނދެއްގައި އެ މީހާގެ ގާބިލް ކަމުގެ ދަށުން ދީނަށް ދައުވަތު ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވޭނެ. ދެން ފަތުވާދީ ހަރާމް ހަލާލް ބުނެ ޝަރީއަތުގެ އަސާސްތަކާއި ޚިލާފަށް އުޅޭ ނަމަ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅެން އެބައޮތް. އެކަމަކު ދީނީ ނަސޭހަތް ދީގެން އޭގެ ޒާތުގައި ނަމާދަށް ދާށޭ ޒަކާތް ދޭށޭ މިހެން ބުނެގެން މީހެއްގެ މައްޗަށް ދައުވާ އުފުލެން ޖެހެނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ޝަހީމް ވިދާޅުވި އެވެ.

ދީނީ ގޮތުން ޚިޔާލް ތަފާތުވެފައި ހުރި މައްސަލަތަކަށް ހައްލު ހޯދަން ޖެހޭނީ އެ އިލްމު ވެރިޔަކާ މަޝްވަރާކޮށްގެން ވާހަކަ ދައްކައިގެން ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭގެ ބަދަލުގައި ޖަލަށްލައި ކަސްތޮޅު އަޅައިގެން އެފަދަ މައްސަލަތައް ހަައްލު ނުކުރެވޭނެ ކަމަށެވެ.