06 Feb 2013, 09:06
ވޮޝިންގްޓަން (ފެބްރުއަރީ 6): އެމެރިކާގެ އިންސާނީ ހައްޤުތަކުގެ ރެކޯޑަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ މަޝްހޫރު ޖަމާއަތެއް ކަމަށްވާ ހިޔުމަން ރައިޓްސް ވޮޗް އިން ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
އެ ޖަމާއަތުން ނެރުނު އަހަރީ ރިޕޯޓެއްގައިވާ ގޮތުން ދުނިޔޭގައި އެންމެ ގިނަ ޢަދަދަކަށް މީހުން ޖަލަށްލަމުންގެންދާ ގައުމަކީ އެމެރިކާ އެވެ. މިގޮތުން 2010 ގައި އެމެރިކާގެ ޖަލުތަކުގައި 1.6 މިލިޔަން މީހުން ހައްޔަރުކޮށްފައިވާ ކަމަށާ މިއީ އެމެރިކާގެ ރައްޔިތުންގެ ތެރެއިން ކޮންމެ އެއްލައްކަ މީހަކަށް 500 ގައިދީން ކަމުން މިއީ ދުނިޔެއަށް ބަލާއިރު ޖަލުމީހުންގެ ރެކޯޑް އަދަދެއް ކަމަށްވެސް އެރިޕޯޓް ބުނެ އެވެ. އަދި އެމެރިކާގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ގައިދީންނަށް އެކިބާވަތުގެ އަނިޔާތައް ވެސް ކުރާކަމަށާއި ޚާއްސަކޮށް އަންހެނުންނަށް އެމެރިކާގެ ޖަލުތަކުގައި ޖިންސީ ގޯނާކުރާކަމަށް މިރިޕޯޓް ބުނެ އެވެ.
މީގެއިތުރުން އެމެރިކާގެ ޖަލުތަކުގައި ކަޅު މީހުންނާ އެކިއެކި ބައިމަދު ނަސްލުތަކުގެ މީހުންނާ ދެކޮޅަށް ނަސްލީ އިމްތިޔާޒުގެ ޢަމަލުތައް ހިންގަމުން ގެންދާކަމަށާއި އެމެރިކާ އަށް ހިޖްރަކުރާ މުހާޖިރުންގެ ޙައްޤުތަކަށް ވެސް ފުޅާދާއިރާއެއްގައި އެމެރިކާ އަރައިގަންނަމުންދާ ކަމަށް މިރިޕޯޓް ތުހުމަތުކޮށްފައިވެ އެވެ. މިރިޕޯޓްގައި ބަޔާންކޮށްފައިވާ ގޮތުން އެމެރިކާގެ ޖަލުތަކުގައި އެންމެ ޙާލުގައި އުޅެނީ އެމެރިކާގައި ދރިއުޅޭ ބައިމަދު ނަސްލުތަކުގެ މީހުންނާއި ކުޑަކުދިންނާއި ފަގީރުންނާއި އަންހެނުންނާ އަދި މުސްކުޅިންކަމަށް ބުނެފައިވެ އެވެ. މިގްރޫޕްތަކާ ދެކޮޅަށް އެމެރިކާގެ ޖަލުތަކުގައި ހިންގޭ އިންސާނީ ހައްޤުތަކާ ޚިލާފު ޢަމަލުތަކާ މެދު އެމެރިކާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަޅާނުލާކަން ވެސް މިރިޕޯޓް ގައި ފާހަގަކޮށްފައިވެ އެވެ. އަދި އެމެރިކާއަކީ ދުނިޔޭގައި އެންމެ ގިނައިން މީހުން އުމުރަށް ޖަލަށްލާ އަދި އެންމެ ގިނައިން މަރުގެ އަދަބު ތަންފީޒުކުރާ ގައުމުތަކުގެ ލިސްޓްގައި ވެސް ކުރީގައިއުޅޭ ގައުމެއްކަން ބަޔާންކޮށްފައިވެ އެވެ.
ދެހާސް އެގާރަ ވަނަ އަހަރު 18 އަހަރުން ދަށުގެ 95 ހާސް ކުޑަކުދިން އެމެރިކާގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް ކުށްކުރާ 18 އަހަރުން ދަށުގެ ކުދިން ހައްޔަރުކުރަން ޖެހޭނީ ކުޑަކުދިންނަށް ޚާއްސަ ޑިޓެއިނިންގް ސެންޓަރުތަކުގައި އެކުދިންނަށް ތައްލީމާއި ތަރްބިއްޔަތު ދެވޭނެ އުސޫލުތަކެއްގެ މަތިންކަމަށް އެމެރިކާގެ ޤާނޫނު ބުނާކަމަށާ ނަމަވެސް މި 95 ހާސް ކުދިންނާ މެދު އެމެރިކާ ސަރުކާރުން ޚުދު އެގައުމުގެ ޤާނޫނުތަކާ އެއްގޮތަށް ޢަމަލުކޮށްފައިނުވާކަންވެސް މިރިޕޯޓްގައި ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން އެމެރިކާގެ ބައެއް ޖަލުތަކަކީ އިންސާނުން ބައިތިއްބަން ސިއްޙީ ގޮތުން އެކަށޭނަ ޖަލުތަކެއް ނޫން ކަމަށާ އެމެރިކާގެ ޖަލުމީހުންގެ ތެރެއިން ރެހެބިލިޓޭޝަންގެ ޚިދުމަތް ނުލިބޭ ގިނަ އަދަދެއްގެ މީހުން ތިބިކަމާއި އެމެރިކާގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި ނަސްލީ ތަފާތުކުރުން (ދޮންމީހުންނާއި ކަޅުމީހުންގެ ތަފާތު) ބޮޑުކަން ވެސް ހިޔުމަން ރައިޓްސް ވޮޗްގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެމެރިކާއަކީ ދުނިޔޭގެ އެހެން ގައުމުތަކުގެ އިންސާނީ ހައްޤުތަކަށް ވަރަށް ބޮޑަށް ފާޑުކިޔައި އެހެން ގައުމުތަކުގެ ކަންކަން އިސްލާޙް ކުރުމަށް އެންމެ ބޮޑަށް ގޮވާލަމުން ދާ ގައުމު ކަމަށްވާ އިރު އެމެރިކާ އަމިއްލައަށް އިސްލާޙް ވުން ވަރަށް މުހިއްމުކަން ހިޔުމަން ރައިޓްސް ވޮޗްގެ ތަޖްރިބާކާރުން ވަނީ ފާހަގަކުރައްވާފަ އެވެ. (ނޫސްއެޖެންސީތައް)