05 Feb 2013, 23:39
ސަތާރަވަނަ ރައްޔިތުންގެ މަޖިލީހަށް 2009 އަހަރު އިންތިހާބު ކުރި 77 މަޖިލިސް މެންބަރުންގެ އަދަދު އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި 82 އަށް އިތުރުވެދާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އާބާދީގެ ތެރެއިން 5000 މީހުންގެ އިދާރީ ދާއިރާއަކަށް އިންތިހާބު ކުރި ކޮންމެ މެންބަރަކާއެކު، ޖުމްލަ މިހާރު ތިއްބެވި 77 މެންބަރުންގެ ގޮނޑީގެ އަދަދަށް ފަސް މެންބަރުން އިތުރުވެގެން ދަނީ ރާއްޖޭގެ އާބާދީ 400،000 އަށް ވުރެ ބޮޑުވެގެން ދިއުމުންނެވެ.
ސަންއަށް ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިރޭ ވިދާޅުވީ މަޖިލީހަށް އިތުރު ކުރާ ފަސް މެންބަރުން އިންތިހާބު ކުރަން ޖެހެނީ އައްޑޫ ސިޓީ އާއި ތ. އަތޮޅާއި އދ. އަތޮޅާއި މާލޭ ސިޓީގެ ހުޅުމާލޭ އާއި ހދ. އަތޮޅުން ކަމަށެވެ. އަދި ވިދާޅުވީ އެ ދާއިރާތަކަކީ މެންބަރުން އިތުރަށް އިންތިހާބު ކުރަން ޖެހޭ ވަރަށް އާބާދީ އިތުރުވެފައިވާ އަތޮޅުތަކެއް ކަމަށެވެ.
"82 މެންބަރުންގެ އަދަދަކީ އަޅުގަނޑުމެންނަށް އަދި ލަފާކުރެވޭ އަދަދު. އެއްކޮށް އެ މައުލުމާތު ޖަމާކޮށްލީމަ ޔަގީންވާނީ. ވޭތުވެދި ފަސް ވަރަކަށް އަހަރު ދުވަހުގެ ތެރޭ ބޯހިމަނާފައި ނުވުމުން، އާބާދީތައް އިތުރުވި މިންވަރު އަޅުގަނޑުމެން ބަލާފައި ވާނީ އަތޮޅުތަކަށް ގުޅައިގެން ވަކިވަކިން ލިޔެކިޔުންތައް ހޯދައިގެން. ރަށްރަށުގެ އޮފީސްތަކާއި އަތޮޅު އޮފީސްތަކާއި އެތަންތަނަށް ގުޅިގެން ބޯހިމެނުން އަޅުގަނޑުމެން މި ބެލީ،" ފުއާދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނޫނުގެ ހަތް ވަނަ މާއްދާގައި ބުނެފައި ވަނީ ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމުގެ އެއް އަހަރާއި 10 މަސް ދުވަހާ ދެމެދު އިދާރީ ދާއިރާތަކުގެ އާބާދީގެ އަދަދު އިލެކްޝަންސް ކޮމިޝަނުން ހޯދަންޖެހެ އެވެ. އަދި އެ ގާނޫނުގެ އަށް ވަނަ މާއްދާގައި ބުނަނީ މަޖިލީހަށް އިތުރުވާ ގޮނޑިތަކުގެ އަދަދުތަކުގެ މައުލޫމާތު ގެޒެޓްގައި ޝާއިރުކޮށް، ސިޔާސީ ޕާޓީތަކަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވަންޖެހޭ ކަމަށެވެ.
އެ ގާނޫނާ ހަވާލާދެއްވައި ފުއާދު ވިދާޅުވީ މިއަހަރުގެ މެއި މަހުގެ 29 އާ ހަމަޔަށް އިދާރީ ދާއިރާތަކަށް އަލަން އިންތިހާބު ކުރަންޖެހޭ މަޖިލިސް މެންބަރުންގެ އަދަދު ޔަގީންވާނެ ކަމަށެވެ. އެއަށްފަހު މަޖިލިސް މެންބަރުގެ އަދަދަށް ބަދަލު އައިކަން ކަމާ ބެހޭ ފަރާތްތަކަށް އަންގާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.
އިދާރީ ދާއިރާތަކުގެ އަދަދު އިތުރުވެއްޖެނަމަ ލާމަރުކަޒީ ގާނޫނުގެ ދަށުން އިންތިހާބު ކުރަންޖެހޭ އަތޮޅު ކައުންސިލަރުންގެ އަދަދު ވެސް އިތުރުވާނެ އެވެ. ނަމަވެސް ރަށު ކައުންސިލަރުންގެ އަދަދަކަށް ބަދަލެއް ނާންނާނެ އެވެ.
ހިނގަމުންދާ ރައްޔިތުންގެ މަޖިލީހަށްފަހު އިންތިހާބު ކުރާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 82 އިތުރު ވާނަމަ ކޮންމެ މެންބަރަކަށް ޖެހޭ 62500ރ. އާއި 20،000ރ.ގެ ކޮމެޓީ އެލަވަންސާއެކު މެންބަރުންގެ މުސާރައަށް އެކަނި މަހަކު 6،765،000ރ. ހަރަދުވާނެ އެވެ.