05 Feb 2013, 21:59
ދަތި އުނދަގޫތަކުގެ ތެރެއިން ކުރިއަށް ދާނެ ހިކުމަތްތެރިކަން ރާއްޖޭގައި އެބަހުރި ކަމަށް ވިދާޅުވެ، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ޑީއެމް މުލޭ ރާއްޖެ އަށް ތައުރީފުކުރައްވައިފި އެވެ.
ރާއްޖޭގައި ހުންނެވުމަށް ހަމަޖެހިފައިވާ މުއްދަތު ހަމަކުރައްވައި ފުރާވަޑައިގެންނެވުމަށް ތައްޔާރުވެވަޑައިގެން ހުންނެވި މުލޭ މިމޭރުމުން ވާހަކަ ދެއްކެވީ އޭނާ ފުރާވަޑައިގެންނެވުމުގެ ކުރިން ދެއްވި ހާއްސަ ޖާފަތެއްގަ އެވެ.
"ގައުމައިގެން ކުރިއަށްދާނެ ހިކުމަތްތެރިކަން ރާއްޖޭގައި ހުރި ކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން،" ރާއްޖެ އަށް ތައުރީފުކުރައްވައި ވާހަކަފުޅު ދައްކަވަމުން މުލޭ ވިދާޅުވި އެވެ.
ރާއްޖޭގައި ކުރެއްވުނު މަސައްކަތްތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގެން ހުންނެވި މުލޭ ވިދާޅުވީ ރާއްޖޭގެ ވެރިކަން ބަދަލުވެ، މިހިނގައި ދިޔަ ކަންތައްތަކަކީ ސިޔާސީ ގޮތުން ގިނަ ބަޔަކަށް ދަތި އުނދަގޫ ކަންތައްތަކަކަށް ވެދާނެ ކަމަށެވެ. ނަމަވެސް ޑިމޮކްރަސީއެއް ފައްކާވެގެން އަންނަ އިރު މިފަދަ ދުވަސްތައް އައުން އެއީ ނުވެ ނުދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސިޔާސީ ގޮތުން ގިނަ ބަޔަކު ދެކެނީ މިއީ ދަތި އުނދަގޫ ދުވަސްތަކެއް ކަމަށް. އަޅުގަނޑު ދުށީ އެއީ ގޮންޖެހުން ބޮޑު ދުވަސްތަކެއް ކަމަށް. އެއީ ނައިސް ނުދާނެ ދުވަސްތަކެއް، ބައްލަވާ އެމެރިކާގައި ވެސް މައްސަލަތައް ކުރިމަތިވި،" މުލޭ ވިދާޅުވި އެވެ.
އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމާ މެދު ވާހަކަ ދައްކަވަމުން މުލޭ ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ވަރަށް ވަރުގަދަ ކަމަށާއި އެ ގުޅުން އަންނަނީ ހުއްޓުމެއް ނެތި ބަދަހިވަމުން ކަމަށެވެ. އަދި ވިދާޅުވީ ކުދިކުދި ކުނި ޖެހޭ ކަމަށާއި އެފަދަ ކަންތައްތަކުގެ ސަބަބުން އަލުން ވިސްނައި އަލުން ރަނގަޅު ކުރުމަށް ފުރުސަތު ލިބޭ ކަމަށެވެ.
"ބައެއް ފަހަރު ކުދިކުދި ޖެހުން އަޅުގަނޑު ދެކެނީ ރަނގަޅެއްގެ ގޮތުގައި. އެއީ އެފަދަ ވަގުތަކީ އަލުން ބަލައި، އަލުން ބައްޓަންކޮށް އާ ތަސައްވުރެއް އެކުލަވާލާ ވަގުތުތައް،" މުލޭ ވިދާޅުވި އެވެ.
މުލޭގެ ވާހަކަފުޅުގައި އޭނާ މަސައްކަތް ކުރެއްވި އިރު ރާއްޖޭގެ އެކި އެކި މުއައްސަސާތަކާއި ރައްޔިތުންގެ ކިބައިން ލިބުނު އެއްބާރު ލުމަށް ޝުކުރުއަދާކުރެއްވި އެވެ.