ޤާހިރާ (ފެބްރުއަރީ 5)މިސްރަށް ކުރައްވާ ތާރީޚީ ދަތުރުފުޅެއްގައި އީރާނުގެ ރައީސް އަހްމަދީ ނެޖާދް ޤާހިރާއަށް ވަޑައިގެން މިސްރުގެ ރައީސް މުޙަައްމަދު މުރްސީ އާ ބައްދަލުކުރައްވައިފި އެވެ.

މިއީ 1979ގައި އީރާނަށް އައި އިސްލާމީ އިންޤިލާބަށް ފަހު އީރާނުގެ ރައީސަކު މިސްރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އީރާނުގެ ރައީސް މިސްރަށް ވަޑައިގެންނެވިއިރު ޤާހިރާގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި އޭނާއަށް މަރްޙަބާ ވިދާޅުވުމަށް މިސްރުގެ ފަރާތުން އިސްކޮށްހުންނެވީ ރައީސް ޑރ. މުޙައްމަދު މުރުސީ އެވެ. މިސްރުގެ މިޑްލް އީސްޓް ނޫސް އެޖެންސީ ބުނާގޮތުން ޤާހިރާ ގެ ވައިގެ ބަނދަރުގެ ވީއައިޕީގައި މުރުސީ ވަނީ ނެޖާދް އާއި ބައްދަލުކުރައްވައި ބައެއް މަޝްވަރާތައް ކުރައްވާފަ އެވެ. ޚާއްސަކޮށް ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ހުއްޓުވޭނެގޮތްތަކާބެހޭ ގޮތުން ދެ ލީޑަރުން މަޝްވަރާތަކެއް ކުރެއްވި ކަމަށް މިޑްލް އީސްޓް ނޫސް އެޖެންސީ ބުނެ އެވެ.

މިސްރަށް ވަޑައިގެންނެވުމަށް ފަހު އީރާނުގެ ރައީސް އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ޔުނިވަރސިޓީ ކަމަށްވާ އަލްއަޒްހަރު ޔުނިވަރސިޓީ އަށެވެ. ނެޖާދް އަށް މަރްޙަބާ ދެެންނެވުމަށް އަލްއަޒްހަރުގެ ޝައިޚް އާއި ދީނީ އިލްމުވެރިންނާއި ދަރިވަރުން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. އަލްއަޒްހަރަކީ ޝިޔަޢީ ދައުލަތެއް ކަމަށްވާ ފާތިމީ ދައުލަތުން މިސްރުގައި ވެރިކަންކުރި ދުވަސްވަރު ފާތިމީން ޢަސްކަރީ ކޮމާންޑަރު ޖަވްހަރު އައްޞަޤިއްލީ ބިނާކުރެއްވި އިސްލާމީ ތަޢްލީމު ދޭ މަރުކަޒެކެވެ.

އީރާނުގެ ރައީސް މިސްރަށް މިވަޑައިގެންނެވީ މިސްރުގައި އޮތް ހުޅަނގަށް ތާއީދުކުރާ ކުރީގެ ރައީސް ހުސްނީ މުބާރަކުގެ ޢިލްމާނީ ނިޒާމު ވެއްޓި އިސްލާމީ ޚިޔާލުގެ ޖަމާއަތެއް ކަމަށްވާ އަލްއިޚްވާނުލްމުސްލިމީންގެ ވެރިކަމެއް މިސްރުގައި ޤާއިމްކުރެވުނުތާ އަހަރެއް ވެސް ނުވަނީސް އެވެ. މިސްރުގެ ވެރިކަން ލިބިވަޑައިގެންނެވިތާ ދެތިން މަސްދުވަހުގެ ތެރޭގައި ރައީސް މުރުސީ ވަނީ އީރާނަށް ޒިޔާރަތް ކުރައްވާފަ އެވެ.

އީރާނުގެ ރައީސް މިސްރަށް ކުރައްވާ މިދަތުރުފުޅުގައި މިސްރުގައި އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓްގައިވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އިސްލާމީ ދުނިޔޭގެ ނުފޫޒު ގަދަ ދެ ބާރު ކަމަށްވާ އީރާނާއި މިސްރުގެ ގުޅުންތައް ކެނޑިގެންދިޔައީ މިސްރުން އިސްރާއީލާ އެކު ޑިޕްލޮމެޓިކް ގުޅުންތައް ޤާއިމްކުރުމުގެ ސަބަބުންނާއި ހުޅަނގުގެ މަދަދުލިބިގެން އީރާނުގައި ރަސްކަންކުރި ކުރީގެ ޑިކްޓޭޓަރު ޝާހް މުޙައްމަދު ރިޒާ އަށް މިސްރުގެ އޭރުގެ ރައީސް މުޙައްމަދު އަންވަރުއްސާދާތު ޙިމާޔަތް ދެއްވުމާ ގުޅިގެންނެވެ. (އަލްޖަޒީރާ)