މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ފަރާތުން ކޮންމެ އަހަރަކު ނެރޭ ރިސާޗް ޖާނަލް ކަމުގައިވާ "މޯލްޑިވްސް ލޯ ރިވިއު"ގެ މި އަހަރުގެ ފުރަތަމަ އަދަދު އިއްޔެ ނެރެފި އެވެ.

މޯލްޑިވްސް ލޯ އިންސްޓިޓިއުޓުގެ ފަރާތުން ނެރޭ މި ޖާނަލަކީ ޝަރުޢީ ދާއިރާގެ ތަޖުރިބާ ކާރުން ގާނޫނީ ގޮތުން އިލްމީ ދިރާސާތަކެއްގެ މައްޗަށް ތައްޔާރުކޮށް ލިޔެފައިވާ ފޮތެކެވެ. މި ފޮތަކީ އިލްމީ ދިރާސާތައް ޝާއިއު ކުރުމާ ގުޅޭ ގޮތުން ދުނިޔޭގެ ގައުމުތަކުގައި އަމަލު ކުރާ މިންގަނޑުތަކަށް ފައްތައިގެން ރާއްޖޭގެ އިލްމީ މުއައްސަސާ އަކުން ނެރޭ ހަމަ އެކަނި ދިރާސާ ޖާނަލް އެވެ.

މި ފަހަރުގެ އަދަދުގައި ހިމަނާފައިވާ ލިޔުންތަކުގެ ތެރޭގައި ޝަރީޢަަތުން ބޭރުގައި މުއްތަހަމްވާ އިއުތިރާފާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާފައިވާ ގަޒިއްޔާތައް ދިރާސާކޮށް އަލްއުސްތާޒު ޙުސްނުއްސުޢޫދު ލިޔުއްވާފައިވާ ލިޔުއްވުމެއް މި ދިރާސާ ޖާނަލްގައި ހިމެނެ އެވެ. މީގެ އިތުރުން ގަވާއިދު ހެދުމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން އަމަލު ކުރަމުންދާ ގޮތް ދިރާސާކޮށް ލިޔެފައިވާ ލިޔުމަކާއި މަޖިލީހުން ނިންމާ ނިންމުންތައް ކޯޓުތަކުން ރިވިއު ކުރުމާ ބެހޭ ގޮތުން އިސްމާއީލް ވިޝާމް ލިޔުއްވާފައިވާ ލިޔުއްވުމެއް މި އަހަރުގެ ފުރަތަމަ އަދަދުގައި ހިމަނާފައިވެ އެވެ.

މި އަހަރުގެ އަދަދުގައި ދިވެހި ރާއްޖެގެ އާއިލާއާ ބެހޭ ގާނޫނާ ބެހޭ ގޮތުން މުހައްމަދު ނަޝީދު އާދަމް ލިޔުއްވާފައިވާ ލިޔުއްވުމުގެ އިތުރުން އެއްވެ އުޅުމުގެ މިނިވަން ކަމާ ބެހޭ ގޮތުން ހަމްޒާ ލަތީފް ލިޔުއްވާފައިވާ ލިޔުވުމެއް ވެސް މިފަހަރުގެ އަދަދުގައި ހިމެނިފައިވެ އެވެ.

މި އަހަރު ދިރާސާ ޖާނަލްގައި ލިޔުއްވާފައިވާ ލިޔުއްވުންތެރިންނަކީ ގާނޫނު ކިޔަވައި ދެއްވައި ލެކްޗަރާއިންނާއި ޕްރެކްޓިސް ކުރައްވާ ލޯޔަރުންނާއި ގާނޫނީ އަދި ޝަރުޢީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ލިޔުންތައް ދިރާސާ ޖާނަލްގައި ހިމަނައިފައިވެ އެވެ.