ސުޕިރިއާ ކޯޓުތައް ހިންގުމަށް 14 ބުރީގެ އިމާރާތެއް މާލޭގައި އެޅުމަށް ނިންމާފައިވާ ކަމަށް ޝަރުއީ ދާއިރާގެ މީޑިއާ ޔުނިޓުން ބުނެފި އެވެ.

ސަންއަށް މައުލޫމާތު ދެއްވަމުން ޝަރުއީ ދާއިރާގެ މީޑިއާ ޔުނިޓްގެ އޮފިޝަލަކު ވިދާޅުވީ ސުޕީރިއާ ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އެޅުމަށް ހަމަޖެހިފައިވާ އެ އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ އާސަހަރާ ކައިރީ އޮންނަ 378 ނަންބަރު ކޮށީގައި ކަމަށެވެ.

އެތަނަކީ އެސްޓީއޯގެ ގުދަނެއްގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ ތަނެކެވެ.

މީޑިއާ ޔުނިޓްގެ އޮފިޝަލް ވިދާޅުވީ މިހާރު ކުރިއަށް ދަނީ އެ އިމާރާތް ޑިޒައިން ކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކަމަށާއި އެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިއުލާން ކުރުމުން ހަތަރު ފަރާތަކުން އެކަމަށް ކުރިމަތިލާފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކުން ހުށަހަޅާ ބިޑްތައް އިވެލުއޭޓްކުރުމަށް ފަހު ޑިޒައިންކުރުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ބަޔަކާ ހަވާލުކުރެވޭ ވަރު ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ އިމާރާތް ނިމުމުން ކްރިމިނަލް ކޯޓާއި ސިވިލް ކޯޓާއި ފެމެލީ ކޯޓުގެ އިތުރުން ޖުވެނައިލް ކޯޓާއި ޑްރަގް ކޯޓު އެ އިމާރާތަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މީޑިއާ ޔުނިޓުން މައުލޫމާތު ދެއެވެ.

އޭނާ ވިދާޅުވީ އެ އިމާރާތް ކުރުމަށް ގާތްގަނޑަކަށް 235 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށް މިއަހަރުގެ ބަޖެޓްގައި އެފައިސާ ހިމެނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށާއި ނަމަވެސް ބަޖެޓް ފާސްކުރި އިރު މަޖިލީހުން އެބައި އުނިކޮށްފައިވާ ކަމަށެވެ. އެހެންކަމުން ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން އިމާރާތް ކުރެވޭތޯ ފިނޭންސް މިނިސްޓްރީއާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.