ނުނިމި ގިނަދުވަސްތަކެއް ވެފައިވާ ތ. ދިޔަމިގިލީ އިންޖީނުގޭގެ އިމާރާތުގެ މަސައްކަތް މިއަންނަ އޭޕްރީލް މަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ދިޔަމިގިލީގައި އެރަށު ރައްޔިތުން އިމާރާތްކޮށް މަސައްކަތް އެއްކޮށް ނުނިމުމުގެ ސަބަބުން ބޭނުން ކުރަން ނުފެށި ގިނަދުވަސްތަކެއް ވެފައިވާ އިމާރާތުގެ މަސައްކަތް ނިންމުމަށް ދިޔަމިގިލީގެ އަމިއްލަފަރާތަކާ ހަވާލުކުރުމުގެ ގޮތުން މިއަދު ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގައި އޮތް އެއްބަސްވުމުގައި ސޮއިކުރުމުގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލު ވިދާޅުވީ 430340ރ (ހަތަރު ލައްކަ ތިރީސް ހާސް ތިން ސަތޭކަ ސާޅީސް ރުފިޔާ)ގެ އެއްބަސް ވުމުގެ ދަށުން ކައިރި މުސްތަގުބަލެއްގައި ދިޔަމިގިލީގެ ރައްޔިތުންނަށް ރަނގަޅު ފެންވަރެއްގައި ކަރަންޓުގެ ހިދުމަތް އެ ކުންފުނިން ފޯރުކޮށްދޭން ފަށާނެ ކަމަށެވެ.

"މި އެއްބަސްވުމުގެ މުއްދަތަކީ 45 ދުވަސް. އެހެންވީމާ އަޅުގަނޑުމެން އުއްމީދު މި ކުރަނީ އިރާދަކުރެއްވިއްޔާ އެޕްރީލް ހިސާބުގައި އަޅުގަނޑުމެންނަށް ތ. އަތޮޅު ދިޔަމިގިލީގައި ރަނގަޅު ފެންވަރެއްގެ އިންޖީނުގެއެއް ހެދި އަޅުގަނޑުމެން މިހާރު ބޭނުން ކުރަމުން މިގެންދާ އިންޖީނުގެ އެތަނަށް ބަދަލުވެގެން ދާނޭ ކަމަށް،" ނިމާލު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ދިޔަމިގިލީގައި ކަރަންޓުގެ ހިދުމަތް ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަށް އެ ކުންފުނިން ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.

"ދިޔަމިގިލީ އިންޖީނުގެއަށް 160 ކިލޯވޯޓުގެ އާ އިންޖީނެއް ހޯދުމަށް އަޅުގަނޑުމެން މިހާރުވާނީ އިއުލާނު ކޮށްފައި. އެގޮތުން އަންނަ ބުރާސްފަތި ދުވަހު އެ ބިޑް އޯޕަންކޮށް ކުރިއަށް މިއޮތް މަހެއްހައި ދުވަސް ތެރޭގައި އަޅުގަނޑުމެން އެ ބިޑު ކާމިޔާބު ކުރާ ފަރާތަކަށް އިންޖީނު ގަތުމަށް ހަވާލުކޮށް އާ އިންޖީނުގެއަށް ބަދަލުވެވޭއިރު އަޅުގަނޑުމެން އުންމީދު މިކުރަނީ އެ އާ އިންޖީނު އެތަނަށް ގެންގޮސް އެރަށުގެ ކަރަންޓުގެ ހިދުމަތް މިހާރު ފޯރުކޮށްދެމުން އެގެންދާ ފެންވަރަށް ވުރެ އިތުރަށް ރަނގަޅު ކުރެވި ހަރުދަނާ ސިސްޓަމެއްގެ ތެރެއިން އެ ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދެވޭނޭ ކަމަށް،" ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.

ނިމާލު ފާހަގަ ކުރެއްވި ގޮތުގައި ފެނަކައިން އިންޖީނުގެތަކާއި ހަވާލުވުމަށްފަހު ބެލިބެލުމުން ކޮޅުމަޑުލުގެ ގިނަ ރަށްތަކަކީ ކަރަންޓުގެ ހިދުމަތް ވަރަށް ދެރަވަރުގައި ހުރި ރަށްތަކެއް ކަމަށެވެ. އިންޖީނުތައް އޯވަހޯލް ނުކުރެވި ގިނަދުވަސްތަކެއް ވެގެން ދިއުމުގެ ސަބަބުން ގިނަ އިންޖީނުތައް ހުރީ ހަމަ ނިވޭ ހާލަތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ނިމާލު ވިދާޅުވީ އެ ކުންފުނީގެ ފަރާތުން ކުރިއަށް އޮތް ތަނުގައި ކޮޅުމަޑުލުގެ ރަށްތަކާއި އަދި ރާއްޖޭގެ ހުރިހާރަށެއްގައިވެސް ކަރަންޓުގެ ހިދުމަތް ރަނގަޅު ފެންވަރަކަށް ފޯރުކޮށްދިނުމަށް ޕްލޭން ކުރެވިފައި ވާ ކަމަށެވެ. އެގޮތުން އޭނާ ފާހަގަ ކުރެއްވި ގޮތުގައި ކޮޅުމަޑުލަކީ ވަރަށްބޮޑަށް އަޅާނުލައި ދޫކޮށްލެވިފައިވާ އަތޮޅެއްގެ ގޮތުގައި ފާހަގަ ކުރެއްވުނު ކަމަށެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ 2013 ވަނަ އަހަރުގެ ތެރޭގައި އިންޖީނުގެ އާ ކުރުމަށް މިހާރު ވެސް 22 ރަށެއް ކަނޑައެޅިފައިވާ ކަމަށެވެ. އެގޮތުން މީހުން ދިރިއުޅޭ ސަރަހައްދުތަކާއި އިންވެގެން އިންޖީނުގެ ހުރުމުގެ ސަބަބުން ރައްޔިތުންނަށް ސިއްހީ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުން ވެސް ނޭދެވޭ އަސަރުތަކެއް ކުރަމުން ދާތީ ވެ އެފަދަ ރަށްރަށަށް އިސްކަން ދެއްވައިގެން ފެނަކައިގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަވާ ކަމަށެވެ.