ކަސްޓަމްސް އިންވެސްޓިގޭޝަން އެންޑް ސްޕެޝަލް އެންފޯސްމަންޓް އޮޕަރޭޝަން ސެކްޝަނަށް މިދިޔަ އަހަރުގެ ތެރޭގައި ހުށަހެޅުނު މައްސަލަތައް 2011 ވަނަ އަހަރު ހުށަހެޅުނު މައްސަލަތަކަށް ވުރެ 10 ޕަސެންޓް ދަށްވެފައިވާކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްޓަމްސް ސާވިސް އިން ބުނީ ކަސްޓަމްސް އިންވެސްޓިގޭޝަން އެންޑް ސްޕެޝަލް އެންފޯސްމަންޓް އޮޕަރޭޝަން ސެކްޝަނުން މިދިޔަ އަހަރު 371 މައްސަލައެއް ތަހުގީގު ކޮށްފައި ވާ އިރު 2011 ވަނަ އަހަރު ތަހުގީގު ކޮށްފައިވަނީ 408 މައްސަލަ ކަމަށާއި އެހެންކަމުން އެއީ 10 ޕަސެންޓްގެ ދަށް އަދަދެއް ކަމަށެވެ.

ކަސްޓަމްސް އިން ބުނީ މިދިޔަ އަހަރު އެންމެ ގިނައިން ހުށައަޅަފައިވާ ކޮމާޝަލް ފްރޯޑްގެ މައްސަލަތަކުގެ ތެރެއިން ކަސްޓަމްސްއަށް އޮޅުވާލައިގެން އަގުދަށް ކުރި 233 މައްސަލައެއް ހުށަހަޅާފައި ވާ އިރު 2011 ވަނަ އަހަރު އެ ދާއިރާއިން ހުށައަޅާފައިވަނީ 205 މައްސަލަ ކަމަށެވެ. އަދި ގަވައިދާ ހިލާފަށް ރާއްޖެއަށް މުދާ އެތެރެ ކުރާން އުޅުމުގެ 90 މައްސަލައެއް މިދިޔަ އަހަރު ބަލާފައިވާ އިރު 2011 ވަނަ އަހަރު ބަލާފައިވަނީ 139 މައްސަލައެއް ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ. އަދި ބުނީ އަތުލައިގެންފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެއްޗާއި ބަނގުރާ އާއި އޮރިޔާން ކާޑުގެ އިތުރުން އިސްލާމްދީނުގެ އަސްލުތަކާ ހިލާފު އެހެން ތަކެއްޗާއި ތޫނު ހަތިޔާރާއި ދޫނި ބިހުގެ އިތުރުން ހަރުފަ ކަމަށެވެ.

ކަސްޓަމްސް އިން ބުނީ މިދިޔަ އަހަރު ހުށައެޅުނު 371 މައްސަލައިގެ ތެރެއިން 225 މައްސަލައެއް ތަހުގީގު ނިންމާފައިވާ ކަމަށެވެ. އަދި ތަހުގީގު ކުރެވުނު މައްސަލަތަކާ ގުޅޭގޮތުން ވަކި ގޮތެއް ނިންމުމަށް ކަސްޓަމްސްގެ ލީގަލް އެފެއާޒްއަށް 168 މައްސަލައެއް ފޮނުވާފައި ވާ އިރު އިތުރަށް ތަހުގީގު ކުރުމަށް 55 މައްސަލަ ފުލުހުނަށް ފޮނުވާފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.