މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއޭ) އަށް ޕިކަޕެއް ގަތުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު އަދި އެމްޕީއޭގެ ކުރީގެ ޑިރެކްޓަރު އަހުމަދު ތައުފީގާއި އިތުރު ބައެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވައިފި އެވެ.

ތައުފީގުގެ އިތުރުން އެ މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވާފައި ވަނީ އެކުންފުނީގެ ކުރީގެ ޑިރެކްޓަރު ހުސައިން ހިލްމީ އާއި އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރު ހުސެއިން ނައީމްގެ އިތުރުން އެސިސްޓެންޓް ޑިރެކްޓަރު މއ. އަސްޓްރޮއިޑްސް އިބްރާހިމް ރަޝީދުގެ މައްޗަށެވެ.

އޭސީސީން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނަނީ އެ ކުންފުންޏަށް ޕިކަޕެއް ހޯދުމަށް އޮކްޓޯބަރު 30، 2007ގައި ކުރި އިއުލާނާ ގުޅިގެން ބިޑު ކާމިޔާބުކުރި ފަރާތާއި އެމްޕީއޭއާ ދެމެދު ވެނު އެއްބަސްވުމުގައި ވާގޮތުން އެކުންފުންޏަށް ގަންނާން ޖެހެނީ 2000 ކިލޯގެ ބަރުދަން އުފުލޭ ޕިކަޕެއްކަމަށް ބުނެފައި އޮތް ނަމަވެސް އެކުންފުންޏަށް ހޯދައިފައި ވަނީ 1250 ކިލޯގެ ބަރުދަން އުފުލޭ ޕިކަޕެއްކަން ތަހުގީގަށް ސާބިތުވާ ކަމަށެވެ.

އެ ބަޔާނުގައި ބުނަނީ އެޕިކަޕަކީ އެމްޕީއޭ އިން ބޭނުންވެގެން ހޯދި ޕިކަޕެއް ނޫންކަމަށް އެމްޕީއޭގެ ގްޑުސް ރިސީވް ނޯޓްގައި އެކުންފުނީގެ މުވައްޒަފަކު ބުނެފައިވާ ކަމަށެވެ. އަދި އެ ޕިކަޕުގެ އަގު އަދާކުރިއިރު ވެހިކަލުން އުފުލޭ ބަރުދަނަށް އައިސްފައިވާ ބަދަލަށް ބަލައި އަގުދަށްކޮށްފައި ނުވާއިރު އެ ފައިސާ ދޫކުރި ޕޭމަންޓް ވައުޗަރުގައި ހުއްދަދިނުމަށް ސޮއިކޮށްފައި ވަނީ ހިލްމީ އާއި ނައީމް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އެމްޕީއޭ އަށް ބޭނުންވާ ޕިކަޕަކީ 2000 ކިލޯގެ ބަރުދަން އުފުލޭ ޕިކަޕެއްކަން އެނގިހުރެ، އަދި ވެފައިވާ އެއްބަސްވުމާ ޚިލާފަށް ގަނެފައިވަނީ 1250 ކިލޯގެ ބަރުދަން އުފުލޭ ޕިކަޕެއްކަން އެނގިހުރެ އެ ޕިކަޕް އެކުންފުންޏަށް ބަލައިގަތުމަށް ފެންނަކަމަށް އިވެލުއޭޝަން ކޮމެޓީގައި ހުރެގެން ތައުފީގާއި ރަޝީދު އާއި ނައީމް ނިންމާފައިވާކަމަށް ވެސް އޭސީސީން ބުންޏެވެ.