ގަވައިދާ ހިލާފަށް ރާއްޖެ އެތެރެވާ ބިދޭސީންގެ މައްސަލަ މިހާރު އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށާއި، އެކަމަށް އެންމެ ފުރަތަމަ ވެސް އަޅާން ޖެހޭ ފިޔަވަޅަކީ އެފަދަ ބިދޭސީންނަށް އެކަށީގެންވާ ޝެލްޓަރެއް މި މަހުގެ ނިޔަލަށް ގާއިމު ކުރުން ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ ހިއުމަން ޓްރެފިކިންއާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތް އިތުރަށް ހަރުދަނާ ނުކުރެވިއްޖެ ނަމަ އިންސާނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ހާލަތު، ވަޒަން ކުރަން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އަހަރަކު އެއްފަހަރު އެކުލަވާލާ ހިއުމަން ޓްރެފިކިން ވޮޗް ލިސްޓުގެ "ޓަޔަރ" ތިނަކަށް ރާއްޖެ ވެއްޓުމުގެ ބިރު ވަރަށް ބޮޑު ކަމަށެވެ.

އޭނާ ވިދާޅުވީ ހިއުމަން ޓްރެފިކިން ވޮޗްލިސްޓުގެ ޓަޔަރ ތިނަކަށް ރާއްޖެ ވެއްޓިއްޖެ ނަމަ އެކަމުގެ ގެއްލުން ވަރަށް ބޮޑުވާނެ ކަމަށެވެ. އަދި ރާއްޖޭގެ ނަން ހުތުރު ވުމުގެ އިތުުރުން ބޭރުގެ އެހީ ހޯދާން ދަތި ވުމާއި އެހެން ޖަމިއްޔާތަކާއި މުއާމަލާތު ކުރުމަށް ވެސް ވަރަށް ދަތިވާނެ ކަމަށެވެ.

"ހިއުމަން ޓްރެފިކިންއާ ދެކޮޅަށް އަޅުގަނޑުމެން ކުރާ މަސައްކަތް އިތުރަށް ހަރުދަނާ ނުކުރެވިއްޖެ ނަމަ ޓައަރ ތްރީއަށް ރާއްޖެ ވެއްޓެން ވަރަށް ގާތުގައި މި އޮތީ. އެހެން ވެއްޖެ ނަމަ ރާއްޖެއަށް ވަރަށް ދެރަވާނެ. ރާއްޖޭގެ ނަން ހުތުރު ވުމުގެ އިތުރުން އަންނާނެ އިމްޕްލިކޭޝަންސް ތަކެއް ވެސް އެބައުޅޭ. އަޅުގަނޑުމެންނަށް އަންނާނެ އެހީ އަދި އެހެން ޖަމިއްޔާ ތަކާއި މުއާމަލާތު ކުރުމަށް ވެސް ދަތިތަކާ ކުރިމަތި ވާނެ. އެހެންވީމާ ރަނގަޅު ކޮލިޓީގެ ޝެލްޓާއެއް މި ފެބުރުވަރީ މަހުގެ ތެރޭގައި ވެސް އެބަ ނިންމަން ޖެހޭ. އެކަން ކުރެވިއްޖެ ނަމަ ޓައަރ ތްރީ އަށް ނުގޮސް ސަލާމަތް ވެވިދާނެ،" ދުންޔާ ވިދާޅުވިއެވެ.

ބިދޭސީންނަށް ތައްޔާރު ކުރާ ޝެލްޓަރާ ބެހޭ ގޮތުން އިމިގްރޭޝަންގެ ކޮންޓްރޯލާ ޑރ. މުހައްމަދު އަލީ ސަންއަށް މައުލޫމާތު ދެމުން މިއަދު ވިދާޅުވީ އޯކިޑް މަގުގައި ކުރިން ބޮޑު ހޮޓާ ހުރި މުސްކުޅި އިމާރާތުގައި ތައްޔާރު ކުރާ އެ ޝެލްޓާގެ ގިނަ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާއި އަންނަ ހަފްތާގެ އާދިއްތަ ހާ ތަނުގައި އެތަން ހުޅުވައި ބޭނުން ކުރަން ފެށޭނެ ކަމަށެވެ.

ބިދޭސީންނަށް ތައްޔާރުކުރާ ޝެލްޓަރުގެ މަސައްކަތް އަންނަ ހަފްތާގެ ތެރޭގައި ނިމި އެތަން ބޭނުން ކުރަން ފެށުމުން ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެވާ ބިދޭސީން ޑީޕޯޓް ކުރުމާއި ފޮނުވާ ލުމުގެ މަސައްކަތް އެތަނުން ކުރާނެ އެވެ. އަދި ރެއިޑް ކޮށްގެން ހައްޔަރު ކުރާ ބިދޭސީން ވެސް އެ ތަނުގައި ބޭތިއްބުމުގެ އިތުރުން އެމީހުންނާ ގުޅޭ ގިނަ ކަންތައް ތަކެއް އެ ޝެލްޓާއިން ކުރާނެ އެވެ.

އިންސާނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ހާލަތު، ވަޒަން ކުރަން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އަހަރަކު އެއްފަހަރު އެކުލަވާލާ "ޓްރެފިކިން އިން ޕާސަންސް 2012" އިގެ ރިޕޯޓްގެ ހިއުމަން ޓްރެފިކިން ވޮޗް ލިސްޓުގައި ވެސް ރާއްޖެ އޮތީ ހިމެނިފައެވެ. މިއީ އެ ލިސްޓުގައި ރާއްޖެ ހިމެނުނު ތިންވަނަ ފަހަރެވެ.

އެ ކެޓަގަރީގައި ހިމެނެނީ ހިއުމަން ޓްރެފިކިންގެ ހާލަތު ގޯސް ގައުމުތަކުގެ ތެރެއިން އެ މައްސަލަ ހައްލުކުރަން އެންމެ އެދެވޭ ފިޔަވަޅުތަކެއް އަޅަމުން ގޮސްފައި ނުވާ ގައުމުތަކެވެ.